ދުނިޔެ

ޔަމަނުގައި ބަނޑަށް ޖެހިފައިވާ ރައްޔިތުން، ކާނާ ހޯދަން ގޮނޑަށް!

މަހުދީ އަބުދުﷲ ގެ ވަޅުވަދެފައިވާ ކޮލާއި، ކަށިފުރޭނިފައިވާ ހަނޑިގަނޑާއި ރީނދޫ ވެފައިވާ ގައިގެ ހަމުން އޭނާގެ ދިރިއުޅުމުގެ ހިތްދަތިކަން ރަނގަޅަށް ފެނެއެވެ. ޔަމަނުގެ ވެރިރަށް ސަންއާގައި ދިރިއުޅޭ އުމުރުން 45 އަހަރުގެ އަބުދުﷲ އަދާކުރާނެ ވަޒީފާއެއް ނެތެވެ. ކާނާ ގަންނާނެ އެއްވެސް ފައިސާއެއް އޭނާ އަތުގައި ނެތެވެ. އެހީތެރިކަމެއް ހޯދުމަށް ދާން އޭނާއަށް އެނގެނީ އެންމެ ތަނެކެވެ. އެއީ ކުނިގޮނޑެވެ.

"އެތައް މައްސަރުތަކެއް ވެއްޖެ އަހަރެން ކުރާނެ މަސައްކަތެއް ނެތި ހުންނަތާ. އަހަރެންނަށް އާމްދަނީގެ ގޮތުގައި އެންމެ ރިޔާލައެއް ވެސް ނުލިބޭ،" އަލްޖަޒީރާއާ ވާހަކަދައްކަމުން މަހުދީ ބުނެފައި ވެއެވެ.

ކޮންމެ ގޮތަކުން ނަމަވެސް އާއިލާގެ ބަނޑުފުރާނަ މުއްތިކުރަން އޭނާއަށް މަޖުބޫރެވެ. އެހެންވެ އޭނާ ދަނީ އެހީއަށް އެދި މީހުންގެ ގާތަށް ހިނގަމުންނެވެ. ކާއެއްޗެއް ފެނޭތޯ ކުނިގޮނޑުތައް ވެސް ހާވަމުންނެވެ. ސަންއާގެ ބައިތު ބޫސް އަވަށުގައި ދިރިއުޅޭ މަހުދީ ކޮންމެ ދުވަހަކު ވެސް ޝަހަރުގެ ކުނިގޮނޑުތަކަށް ހިނގައެވެ.

"އަހަރެންގެ އާއިލާ ބަނޑަށް މަރުވުމުން ސަލާމަތްކުރުމަށް ޓަކައި މިއީ އަހަރެން ކޮންމެ ދުވަހަކުވެސް ކުރާ މަސައްކަތް. ގިނަ ގިނައިން ގޮނޑުތަކަށް ދާއިރު އަހަރެން ފަދަ އެހެން މީހުން ވެސް ދިމާވޭ" މަހުދީ ބުނެފައި ވެއެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމައަށް ތިން އަހަރުވާން ދާއިރު އެގައުމުގެ އެތައް މިލިޔަން ރައްޔިތުންނެއް ވަނީ ހާލުގައި ޖެހިފައެވެ. ވޯލްޑް ފުޑް ޕްރޮގްރާމުން އަންދާޒާކުރާ ގޮތުގައި ކާނާގެ ރައްކާތެރިކަން ނެތިފައި ޔަމަނުގެ 14 މިލިޔަން މީހުން އެބަތިއްބެވެ. އަދި އޭގެ ދެބައިކުޅަ އެއްބައި މީހުންނަކީ ކާނާގެ ރައްކާތެރި ނެތުމުގެ މައްސަލަ ނުރައްކާތެރި މިންވަރަކަށް ކުރިމަތިވެފައިވާ މީހުންނެވެ.

ޔަމަނުގެ އިކޮނޮމިސްޓެއް ކަމަށްވާ އަހުމަދު ޝަމާޚު އަލް ޖަޒީރާއާ ވާހަކަ ދައްކަމުން ބުނެފައިވާ ގޮތުގައި ހަނގުރާމައިގެ ސަބަބުން ޔަމަނަށް ވަނީ ވަރަށް ބޮޑު ތަދުމަޑުކަމެއް ކުރިމަތިވެފައެވެ.

ހަނގުރާމަ ފެށުމުގެ ކުރިން ޔަމަނަކީ ކާބޯތަކެތީގެ 90 ޕަސެންޓް އިމްޕޯޓްކުރަމުން އައި ތަނެކެވެ. ހަނގުރާމައާއި ހެދި އެކަން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ޔަމަނު ރައްޔިތުންގެ އިގުތިސާދީ ހާލަތު ގޯސްވީ އަނެއް ސަބަބަކީ ބައިނަލް އަގުވާމީ ގޮތުން ގަބޫލުކުރާ ޔަމަނު ސަރުކާރުން އެގައުމުގެ ސެންޓްރަލް ބޭންކް ވެރިރަށް ސަންއާއިން އަދަނަށް ބަދަލުކުރުމުންނެވެ. ސަންއާއަށް ވެރިވެގަނެގެން އުޅޭ ހޫތީ ހަނގުރާމަވެރިންނަށް ލަނޑު ދިނުމުގެ ގޮތުން އެޅި އެފިޔަވަޅުގެ ގެއްލުން އެންމެ ބޮޑަށް ލިބުނީ ދައުލަތުގެ ވަޒީފާތަކުގައި ތިބި އާއްމުންނަށެވެ. އެހެނީ ސެންޓްރަލް ބޭންކު އަދަނަށް ބަދަލުކުރިތާ އެތައް މަސްތަކެއް ވީ އިރުވެސް އެމީހުންނަށް މުސާރައެއް ނުލިބެއެވެ.

ބަނޑުފުރާނަ މުއްތި ކުރުމަށް ސަންއާގެ ކުނިގޮނޑުތަކަށްދާ އުމުރުން އެންމެ 12 އަހަރުގެ ބައްޝާރަކީ ވެސް ޔަމަނަށް ކުރިމަތިވެފައިވާ ތަދުމަޑުކަން ތަހައްމަލު ކުރަމުންދާ ކުއްޖެކެވެ. އޭނާ ބުނެފައިވާ ގޮތުގައި މީހުންނަށް ސަލާން ޖަހަމުން ކުނިގޮނޑުތައް ވެސް ހާވަނީ އޭނާގެ އާއިލާއަށް ކާންދިނުމަށެވެ.

"އަހަރެންގެ އެއްބަނޑު އެއްބަފާ ހަތަރުބެއިން އެބަތިބި. ބައްޕަ ވަނީ މީގެ އެތައް މަސްތަކެއް ކުރިން މަރުވެފައި،" އަލްޖަޒީރާއާއި ވާހަކަ ދައްކަމުން އޭނާ ބުނެފައި ވެއެވެ.

އދ. އިން ލަފާކުރާ ގޮތުގައި ޔަމަނުގައި ބަނޑަށް ޖެހުމުގެ ބިރާ ކުރިމަތިލާންޖެހިފައިވާ 370000 ކުޑަކުދިން އެބަތިއްބެވެ.

ހާލުގައި ޖެހިފައިވާ ޔަމަނުގެ އާއިލާތަކަށް އެހީތެރިވުމަށް މަސައްކަތް ކުރާ އެއް ބަޔަކީ ޒުވާނުންތަކެއް އިސް ނަގައިގެން ހިންގާ "ހޭންޑް އިން ހޭންޑް" ޖަމިއްޔާއެވެ. އެ ޖަމިއްޔާއިން ކުރާ މަސައްކަތަކީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީތެރިވާން ބޭނުންވާ ރެސްޓޯރެންޓްތަކާއި އާއިލާތަކާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުމެވެ.

"ކާނާ ހޯދުމުގައި ޔަމަނުގެ ގިނަ އާއިލާތަކަށް ވަނީ ބޮޑު ދައްޗެއް ކުރިމަތިވެފައި. އެއް ދުވަހަށް ބޭނުންވާ ރޮށި ހޯދުމަށް ވެސް ގިނަ އާއިލާތައް ވަނީ ނުކުޅެދިފައި،" ހޭންޑް އިން ހޭންޑްގެ ވެރިޔާ އަބުދުލް ފައްތާހު އަލް ހަމާދީ ބުނެފައި ވެއެވެ.

އެހާލުގައި ވެސް ކާނާއަށް އެދި މީހުންނަށް ސަލާން ޖެހުމަށް ބައެއް އާއިލާތަކުން ދެކޮޅު ހަދާ ކަމަށް އޭނާ ބުނެފައި ވެއެވެ.

"ބައެއް އާއިލާތަކުން ދެކެނީ ކާނާ ހޯދަން މީހުންގެ އެހީއަށް އެދުމަށް ވުރެ މަރުވުން ވެސް މާ ރަނގަޅުކަމަށް،" ހަމާދީ ބުނެފައި ވެއެވެ.
ހަނގުރާމައާއި ސިޔާސީ މައްސަލަތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޔަމަނު ރައްޔިތުން އުއްމީދުކުރަނީ ގައުމު އަލުން އާއްމު ހާލަތަށް ބަދަލުވުމަށެވެ.

" އަހަރެން ބޭނުންވަނީ ސުލްހަ، އަހެންގެ ދަރިން ބަނޑުހައިހޫނުކަމުން ސަލާމަތްވާން. އެހީއާއި ކުނިގޮނޑުތަކަށް ބަރޯސާ ނުކޮށް،" މަހުދީ ޢަބުދުﷲ ބުނެފައި ވެއެވެ. -- އަލްޖަޒީރާ