ހަބަރު

ގެއްލުނު ހަތަރު މަސްވެރިޔަކު ހޯދަން ލަންކާއިން ރާއްޖޭގެ އެހީއަށް

ގެއްލިފައިވާ ހަތަރު މަސްވެރިއަކު ހޯދުމުގައި ރާއްޖޭން އެހީތެރިވުމަށް އެދޭނެ ކަމަށް ސްރީލަންކާ ސަރުކާރުން ބުނެފި އެވެ. ސްރީލަންކާގެ ނިއުސް ފަސްޓް ނޫހުން ބުނީ ގެއްލިފައިވާ މަސްވެރިން ހޯދަން ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ އެހީތެރި ކަމަށް އެދިވަޑައިގަންނަވާނެ ކަމަށް އެގައުމުގެ ޑެޕިއުޓީ މިނިސްޓަރް އޮފް ސްޕޯޓްސް އެޗް އެމް އެމް ހަރީސް ވިދާޅުވި ކަމަށެވެ.

ގެއްލިގެން އުޅެނިކޮށް ރާއްޖެއިން ފެނިފައިވާ އެގައުމުގެ ދެ މަސްވެރިން އަނބުރާ ގައުމަށް ގެންދިއުމަށްޓަކައި އޭނާ މިހާރު ރާއްޖެއަށް ވަޑައިގެންފައިވާ ކަމަށް ވެސް އެނޫހުން ބުންޏެވެ. ކަނޑުމަތީގައި ހާލުގައި ޖެހިފައި ވަނިކޮށް ރާއްޖޭގެ މަސްވެރިންތަކަށް ފެނުނު ލަންކާގެ ދެ މަސްވެރިން ރާއްޖޭގެ ކޯސްޓްގާޑުން ސަލާމަތްކުރީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ.

ލަންކާގެ އޮލުވިލު ނަމަކަށް ކިޔާ ސަރަހައްދުން މަސްވެރިކަމަށް ނުކުތް ހަ މަސްވެރިން މަހަށް ފުރިކަމަށް އެނގިފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. ރާއްޖޭން ފެނުނު ދެމީހުން އޭގެ ތެރޭގައި ހިމެނެ އެވެ.