ލައިފްސްޓައިލް

ފޯނަށް ގިނައިރު ބެލުން ހީކުރާވަރަށް ވުރެ ގެއްލުން ބޮޑު!

Jan 9, 2017

ގިނަ އިރު ފޯނަށް ބެލުމަކީ ލޮލަށް ގެއްލުން ހުރި ކަމެއްކަން އެންމެނަށް ވެސް އެނގެ އެވެ. ނަމަވެސް ފަހުގެ ދިރާސާތައް ދައްކާ ގޮތުން ސްމާޓްފޯނަށް ގިނައިރު ބެލުމަކީ މިހާރު ހީކުރާ ވަރަށްވުރެ ވެސް ބޮޑަށް ގެއްލުންތައް ލިބޭ ކަމެކެވެ.

ބީއެމްސީ އޮޕްތަލަމޮލަޖީން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ކުޑަކުދިން ގިނައިރު ސްމާޓްފޯނަށް ބެލުމަކީ ލޯ ހިކުމަށް މެދުވެރިވާ ސަބަބެއް ކަމަށެވެ. އަދި އެކުދިން ފޯނާ ދުރުގައި މަހެއްހާ ދުވަސް ހޭދަކުރާނަމަ ލޯ ހިކުމުގެ މައްސަލަ ދަށްކޮށްދީ ތަފާތު ފެންނާނެ ކަމަށެވެ.

ލޯ ހިކެން މެދުވެރިވަނީ ލޮލުގެ ތެރޭގައި ކަރުނަ އުފެދެން ޖެހޭ މިންވަރު ދަށްވާން ފެށުމުންނެވެ. އެހެންވުމުގެ ސަބަބުން ލޯ ހިރުވައި ރަތްވެ އަދި ދުޅަވާ ގޮތްވެ އެވެ. ނަމަވެސް މިފަދަ ހާލަތެއް ކުޑަކުދިންނަށް ދިމާވުމަށްވުރެ ބޮޑަށް ލޯ ހިކުމުން ބޮޑެތި މީހުންނަށް ދިމާވުން އަވަސް ކަމަށް ދިރާސާގައި ބުނެ އެވެ.

އެ ދިރާސާގައި ބުނެފައިވަނީ ގިނައިރު ވަންދެން ސްކްރީނަށް ބަލަހައްޓައިގެން ހުރުމުން އެސްފިޔަ ޖަހާ މިންވަރު މަދުވުމުގެ ސަބަބުން ލޮލުގައި ހުންނަ ތެތްކަން ހިކުން އަވަސް ވެއެވެ.

އުމުރުން ހަތް އަހަރާއި 12 އަހަރާއި ދެމެދުގެ 916 ކުއްޖެއް ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ އެ ދިރާސާގައި 6.6 ޕަސެންޓް ކުދިންގެ ލޮލުގައި ހުންނަންޖެހޭ ވަރަށް ވުރެ ތެއްކަން ކުޑަ ކަމަށް ދައްކާފައިވެ އެވެ. އޭގެތެރެއިން 97 ޕަސެންޓް ކުދިންނަކީ އާންމުކޮށް ސްމާޓް ފޯނަށް ބަލަހައްޓައިގެން ތިން ގަޑިއިރު ނުވަތަ ދެ ގަޑިއިރު ހޭދަ ކުރާ ކުދިންނެވެ.

އާންމުކޮށް ލޮލުގައި ހުންނަޖެހޭ ވަރަށް ތެތްކަން ހުރި ކުދިން ފޯނު ބޭނުކޮށްފައިވަނީ ދުވާލަކު 37 މިނެޓް އެވެ.

ލޯ ހިކުމުގެ އިތުރުން ގިނަިއރު ސްމާޓްފޯނަށް ނުވަތަ ސްކްރީނަށް ބެލުމަކީ ލޮލުގެ އިތުރު މައްސަލަތައް ޖެހުމަށް މަގުފަހި ކުރުވާ ކަމެއް ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.