ބޭރު ކުޅިވަރު

އަކޭ އެނބުރި ޗެލްސީއަށް

Jan 9, 2017

ލޯން އެއްބަސްވުމެއްގެ ދަށުން ބޯން މައުތަށް ދޫކޮށްފައިވާ ޗެލްސީގެ ޒުވާން ޑިފެންޑަރު ނަތަން އަކޭ އަލުން ޓީމަށް ގެނައުމަށް ޗެލްސީއިން ނިންމައިފި އެވެ.

މި ސީޒަން ފެށުނު އިރު ބޯން މައުތަށް ދޫކުރި އަކޭ ވަނީ މިސީޒަންގައި ބޯން މައުތުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އެ ޓީމުގައި އޭނާގެ އެންމެ ހާއްސަ މެޗަކީ ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗެވެ. ލިވަޕޫލް ދެ ލަނޑުގެ ލީޑެއްގައި ވަނިކޮށް، ބޯން މައުތު 3-4 މޮޅުކޮށް ދިން ލަނޑު ޖަހައިދިން މެޗެވެ.

އަކޭ 21، ވަނީ ބޯން މައުތުގައި 12 މެޗު ކުޅެ ތިން ލަނޑު ޖަހާފަ އެވެ.

ޗެލްސީގެ ކޯޗް އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ބުނީ އަކޭ އަކީ ޗެލްސީގެ 3-4-3 ފޯމޭޝަނަށް ފެތޭނެ ކުޅުންތެރިޔެއް ކަމަށެވެ.

"އަކޭ އަކީ ހުނަރުވެރި ކުޅުންތެރިޔެއް އެންމެ ފަހުން ބޯންމައުތު ކުޅުނު ފަސް މެޗުގައިވެސް އޭނާ ވަނީ ފުރަތަމަ 11 ގައި ކުޅެފަ." ކޮންޓޭ ބުންޏެވެ.

"އަހަރެން އޭނާ ގެންނަން ނިންމީ ސަބަބަކީ އޭނާއަކީ ފިނި މޫސުމުގެ ޓްރާންސްފާ ވިންޑޯގައި އަހަރެމެންނަށް ޝައުގުވެރި ބަދަލަކަށް ވާނެ."