ދުނިޔެ

ތުރުކީގެ ރައީސަށް އިތުރު ބާރުތައް ލިބޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރަނީ

ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އަރުދުޣާންއަށް އިތުރު ބާރުތައް ލިބޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރުމުގެ ބަހުސްތައް އެގައުމުގެ ޕާލަމެންޓްގައި ފަށައިފި އެވެ.

ތުރުކީގެ ގާނޫނު އަސާސީއަށް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލުތައް ގެނެސްފި ނަމަ އެގައުމު ރިޔާސީ ނިޒާމަކަށް ބަދަލުވެ، ރައީސް އަރުދުޣާން 2029 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނެވުމަށް ފުރުސަތު ހުޅުވޭނެ އެވެ. އަދި ރައީސްގެ ގަރާރަކުން ގާނޫނުތައް ހެދުން ފަދަ ޚުދުމުހުތާރު ބާރުތައް ވެސް އޭރުން އޭނާއަށް ލިބިވަޑައިގަންނަވާނެ އެވެ.

ގާނޫނު އަސާސީ ބަދަލުކުރުމުގައި އަރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ ( އޭކޭޕީ) އާއި އިދިކޮޅު ޕާޓީއެއް ކަމަށްވާ ދަ ނެޝަނަލިސްޓް ޕާޓީން ވެސް ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. އެހެންވެ އެ ބަދަލުތައް ފާސްކުރުމަށް ބޭނުންވާ ވަރަށް ވުރެ ވެސް އިތުރައް ސަރުކާރަ އެއްކޮޅަށް ވޯޓް ލިބޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެއީ 550 މެމްބަރުން ހިމެނޭ ޕާލަމެންޓްގެ 330 މެމްބަރުންގެ ވޯޓެވެ.
ތުރުކީގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ ސީއެޗްޕީން ބުނެފައި ވަނީ ގާނޫނު އަސާސީއަށް އެ ބަދަލުތައް ގެނައުމުން ތުރުކީގައި އޮތް ޑިމޮކްރަސީ އުވި، އެކެއްގެ އަތްމައްޗަށް ހުރިހާ ބާރެއް ޖަމާވެފައި އޮންނަ ނިޒާމަކަށް ބަދަލުވާނެ ކަމަށެވެ. ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ބަހުސްކުރަން ފެށުމުން ތުރުކީގެ ވެރިރަށް އަންކާރާގައި ކުރި މުޒާހަރާތައް ފުލުހުން ވަނީ ރޫޅާލާފަ އެވެ.