މައި މީހާގެ ގާތުން ދިނުން ތުއްތު ދަރިފުޅަށް މުހިންމު ވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އަނެއްކޮޅުން ގާތުން ދިނުމުން އޭގެ ފައިދާ ކުރަނީ ހަމައެކަނި ތުއްތު ދަރިފުޅަކަށް ވެސް ނޫނެވެ. ގާތުން ނުދޭ މައިމީހާ އަށް އުރަމަތީގެ ކެންސަރާއި އޯވޭރިއަން ކެންސަރުގެ ނުރައްކާ އެބައޮތެވެ.
މިފަދަ އެތައް އެތައް ފައިދާއެއް ގާތުން ދިނުމާ ގުޅިފައިވީ ނަމަވެސް ޒަމާނާއި އާންމު ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާ އެކު ބައެއް މައިންނަނީ އެމީހުންގެ ދަރިންނަށް ގާތުން ދިނުމުގެ ބަދަލުގައި ފޯމިއުލާ ދަޅުގެ ކިރު ކުދިންނަށް ދޭން އާދަކޮށްފައިވާ މީހުންނެވެ. ނަމަވެސް ހަމައެކަނި ފޯމިއުލާ އަށް ބަރޯސާވުމަކީ ސިއްހީ ގޮތުން ބަލާއިރު ރަނގަޅުކަމެއް ނޫން ކަމަށް ތަޖުރިބާކާރުން މި ވަނީ ބުނެފަ އެވެ.
އަދި އާ ދިރާސާއަކުން ހޯދިފައިވާ ގޮތުގައި ފޯމިއުލާ ކިރު ދަރިފުޅަށް ދިނުމަކީ އެ ކުއްޖަކު ފަލަވުމުގެ ނުރައްކާ ބޮޑުކޮށްދޭ ކަމެކެވެ.
ފަލަކޮށް ތިބޭ މައިންނަށް ލިބޭ ކުދިންނަށް ސިއްހީގޮތުން ތަފާތު މައްސަލަތައް ކުރިމަތިވުމަކީ އާންމު ކަމެކެވެ. އެގޮތުން ބަލާއިރު ހަކުރުގެ މައްސަލަ އާއި ފަލަވުމުގެ މައްސަލަ ފާހަގަކޮށްލެވެ އެވެ. ނަމަވެސް ގާތުން ދިނުމަކީ، ފަލަ މައިންނަށް ލިބޭ މިފަދަ ކުދިންގެ ސިއްހީ މައްސަލަތަކަށް ވެސް ފަރުވާކުރެވިދާނެ ކަމެއް ކަމަށް ދިރާސާއިން ދައްކަ އެވެ.
ފަލަ މައިންގެ ކުދިންނަށް ގާތުން ދީގެން ފަލަވުމުގެ މައްސަލައިން ސަލާމަތްކުރެވިދާނެ ކަމަށް ދިރާސާއިން ދައްކާއިރު ފޯމިއުލާ ދޭން ހިޔާރުކޮށްފި ނަމަ ފަލަވުމުގެ ނުރައްކާ އިތުރުވާ ކަަމަށް ފެނިފައިވެ އެވެ.
ތަޖުރިބާކާރުން ލަފާދޭ ގޮތުގައި ފަލަ މައިންގެ ކުދިންނަށް ފޯމިއުލާ ދޭ ނަމަ ދޭން ޖެހޭނީ ސިއްހަތު ޖަމިއްޔާ ޑަބްލިއު އެޗްއޯ އާއި ސިއްހީ ތަޖުރިބާކާރުން ކަނޑައަޅާފައިވާ މިންވަރުތަކަށް ބަލައިގެންނެވެ. އެހެން ނޫން ނަމަ ދަރިފުޅަށް ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށްވެ އެވެ.