ހަބަރު

މަސްކުންފުނިތަކަށް އިތުރު އިނާޔަތް ދޭން ޖެހޭ: ރައީސް

މަސްވެރިކަން ތަރައްގީ ކުރުމުގެ ގޮތުން އެ ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކަށް އިތުރު އިނާޔަތްތަކެއް ދޭން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޅ. ނައިފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމަށެވެ. އަދި އެއީ މިހާރަށް ވުރެ މާބޮޑު ފައިދާއެއް ހޯދިދާނެ ދާއިރާއެއް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ދާއިރާ އަކީ ރާއްޖޭގައި އެންމެ ބޮޑު ގޮންޖެހުން ކުރިމަތިވެފައިވާ ދާއިރާ އެވެ. އެކަމަކު އެ ހުރިހާ ގޮންޖެހުންތަކަކުން އަރައިގަނެ މަސްވެރިކަން ތަރައްގީ ކުރެވޭނެ ޔަގީންކަން އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އިނާޔަތްތަކެއް ހޯދުމަށް މަސައްކަތް ކުރާއިރު އެ އިނާޔަތްތަކުން ވެސް މި ވަނީ މަހުރޫމް ވެފައި. ނަމަވެސް މި ދާއިރާގައި ހަރަކާތްތެެރިވާ ބޮޑެތި ކުންފުނިތަކަށް އިނާޔަތްތަކެއް ދީގެން އަޅުގަނޑުމެންނަށް މި ދާއިރާ ކުރިއެރުވޭނެ،" ރައީސް ވިދާޅުވި އެވެ. "މިއީ ދިވެހިންގެ ލޭނާރު. ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަރުވާނެ ދާއިރާއެއް މިއީ،"

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާގައި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރަން މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އެ ގޮތުން އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރު ދެ ސަރަހައްދެއްގައި މަސްވެރިންނަށް ހާއްސަ މެރީނާތައް ހައްދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަމުގެ ބޭނުމަކީ އާއިލާއާ ދުރުގައި ކަނޑު މަތީގައި އުޅޭ މަސްވެރިންނަށް ފަސޭހަ ގޮތްތަކެއް ފަހިކޮށް ދިނުމެވެ.

"ސަރުކާރުގެ މަގުސަދަކީ މި ސިނާއަތުން ވެސް އަދި އެހެން ސިނާއަތްތަކުން ވެސް ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުން. ރާއްޖޭގައި ޒުވާނުންގެ އާބާދީ ބޮޑު އިރު މި ސިނާއަތުން ވެސް ޒުވާނުންނަށް ވަޒީފާތަކެއް ލިބެން ޖެހޭ. އެ ކުދިންނަށް ވަޒީފާތަކެއް މި ސިނާއަތުން ވެސް ހޯދައިދޭން އެބަ ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން މަސްވެރިންގެ ތަރައްގީއަށް ކުރާ އެހެން ކަންތައްތަކުގެ ތެރޭގައި ރައީސް ފާހަގަ ކުރެއްވީ މަސްވެރިންނަށް އާމްދަނީ ލިބޭނެ އިންޝްއަރެންސް ސްކީމެއް ތައާރަފްކޮށްފައިވުމެވެ. އަދި މަސްވެރިކަމުގައި އުޅެނިކޮށް ލިބޭ ޖިސްމާނީ އަނިޔާއަށް ފަރުވާ ލިބޭނެ ހެލްތް އިންޝްއަރެންސް ސްކީމެއް ވެސް ސަރުކާރުން ތައާރަފް ކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެދުމަކީ ގިނަ މަސްވެރިން މި ސްކީމްގައި ބައިވެރިވުން. އަޖުމަ ބައްލަވާ ލެއްވުމަށް ނަމަވެސް ބައިވެރިވުން. އެއީ ތިބޭފުޅުންނަށް ފަސޭހަތަކެއް ހުރި ސްކީމްތަކެއް،" ރައީސް ވިދާޅުވި އެވެ.