އަވަސް ވީކެންޑް

މަހުމާ އަބްސީގެ ވިޔަފާރި ކާމިޔާބާއި ބޮލީވުޑްގެ ލޯބި

Jan 13, 2017

ބޮޑު، ކާމިޔާބު ވިޔަފާރިއެއްގެ ގޮތުގައި މިއަދު ފެނުމުގެ ސިއްރަކީ މައިން ބަފައިންނެވެ. އެ މީހުން މިސާލަކަށް ބެލުމެވެ. ކުޑައިރު އާއިލާ އިން ކުރި މަސައްކަތް މިސާލަކަށް ބެލުމެވެ. ނަތީޖާއަކީ މިއަދު ކާމިޔާބު ވިޔަފާރިވެރިއަކަށްވުމެވެ. މިއީ އައިލެންޑާސް ގްރޫޕުގެ ޗެއާމަން އަބްދުލް ރަޝީދު އަލީ، އާއްމު ނަމުންނަމަ، މަހުމާ އަބްސ ގެ ވިޔަފާރީގެ ސޮފުހާގެ ތަންކޮޅެކެވެ. އަބްސީ ހަމައެކަނި މަޝްހޫރީ މި ދާއިރާގައި އެކަންޏެއްވެސް ނޫނެވެ. މިއީ ދިވެހިންގެ ލޮލަށް ބޮލީވުޑްގެ އެންމެ މަގުބޫލު ތަރިން ގެނެސްދިން، ބޮލީވުޑްގެ ގިނަ ތަރިންގެ މިތުރެއްވެސް މެވެ. ގާތް ރަހުމަތްތެރި އެކެވެ.

"މަންމަމެން މާލެ އައިސް ވަރަށް ގިނަ މަސައްކަތް ކުރެއްވި، އެހެންވެ މަސައްކަތުގެ ތެރޭގައި އުޅެވުނީ. އެހެންވެ މަސައްކަތް ކުރަން ހިތް ޖެހުނީ،" މަޝްހޫރު މަހުމާ އަބްސީ ވިދާޅުވި އެވެ.

އަބްސީ އެންމެ ފުރަތަމަ މަސައްކަތުގެ މަގަށް ނުކުންނެވީ ވަރަށް ޒުވާން ދުވަސް ވަރުގަ އެވެ. އެންމެ ފުރަތަމަ ބޭނުންވީ ބޯޓު ދަތުރު ކުރަން ދާށެވެ. ނަމަވެސް އެކަންވާ ގޮތް ނުވީ އެވެ. އެކަމަކު އޭރުގެ ގައުމީ ޝިފް ކުންފުނިން ވަޒީފާއެއް ލިބުނެވެ. އެހެންވެ އެ ތަނުގައި އުޅުނީ އެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވެ، އަބްސީގެ ނަސީބު އަތުގައި ހިފައިފި އެވެ. އެއީ އިންޑިޔާގެ ފިލްމީ ސަހަރު ކުރީގެ ބޮންބޭ އަދި މިހާރުގެ މުންބާއީ އަށް ދާށެވެ.

"ބޯޓު ދަތުރު ކުރާ މީހުންގެ ލައިފް ސްޓައިލް ފެނިގެން ދާ ހިތްވީ. އެމީހުން ގައުމުތަކަށް ގޮސްލާ ހަދާ ވާހަކަ އިވުނީމަ. އެހެންވެ ފުރަތަމަ އުޅުނީ ރޭޑިއޯ އޮފިސަރަކަށް ދާން. ނަމަވެސް އެ ވަޒީފާ ނެތިގެން އެކައުންޓްސްގައި މަޑު ކުރަން ޖެހުނީ،" އަބްސީ ވިދާޅުވި އެވެ.

"މުންބާއީ އަށް ދާން ފުރުސަތު ލިބުނީ. އެހެންވެ އެތަނުގައި އުޅެން ފެށިއިރަށް ބޯޓު ދަތުރު ކުރަންދާ ހިޔާލު ހިނގައްޖެ."

މިތަނުގައި މަސައްކަތް ކުރި ދުވަސްވަރަކީ އަބްސީއަށް މަސައްކަތުގެ އަހުލާގޭ ކިޔާ ބައި ދަސްކުރަން ލިބުނު ރަނުގެ ފުރުސަތަކަށްވި އެވެ. ހާއްސަކޮށް ކުރީގެ މިނިސްޓަރު އަހުމަދު މުޖުތަބާމެންގެ ގޮތްގަނޑު، އަބްސީ ވެސް "ކޮޕީ ކުރަން" ފެއްޓެވި އެވެ. ނަތީޖަކަށްވީ އަބްސީ ވެސް ހަރު މީހަކަށްވުމެވެ.

"މި ދުވަސްވަރު މުމްބާއީގައި އުޅުނުއިރު، ހަގީގަތުގައި ވިޔަފާރީގެ ކަންކަން ދަސްވީ، އެ ދުވަސްވަރު މާލޭގައި އޮތް ކާނިވަލް އަކަށް ފިލްމީ ތަރިން ގެންނަން ޖެހުނީ. އޭރު ބޮލީވުޑްގެ މީހުންނާ ވަރަށް ގާތް. އެހެންވެ ފިލްމީ ތަރިން ގެންނަން ލިބުނީ. މިގޮތަށް ގެނައީގެ ކަމިޝަންގެ ގޮތުގައި ފައިސާ ކޮޅު ލިބެން ފަށައިފި. އެހެންވެ ހިތަށް އެރީ މިއީ ކުރަން ރަނގަޅު ކަމެކޭ. އެއީ ނޭނގި ހުއްޓަ ލިބޭ އެއްޗެއް. އެހެންވެ ހިތަށް އެރީ ވަޒީފާއަކަށް ވުން ރަނގަޅުވާނެއޭ މިކަހަލަ ކަމެއް ކުރުން،" ވިޔަފާރީގެ ތެރެއަށް ނުކުމެވުނު ގޮތް އަބްސީ ވިދާޅުވެ ދެއްވި އެވެ.

އަބްސީ ވިޔަފާރީގެ ހިޔާލުތައް ބޮލަށް ޖަމާވުމުގެ ނަތީޖާ އަކަށްވީ އެކި މަސައްކަތްތައް ފެށުމެވެ. މިގޮތުން ކުދިކުދި ކަންތައް ތަކުން ފެށިގެން މަސައްކަތް ފެއްޓެވި އެވެ. އެ ދުވަސްވަރަކީ މާލެ ހިތް ކަމުން ދިޔަ ދުވަސްވަރަކަށް ވުމުން ކުނި އުކާލައި ދިނުމުގެ މަސައްކަތް ވެސް ކުރެއްވި އެވެ. ނަމަވެސް މާލެ އަށް ކުނި އެޅުން ހުއްޓާލުމާއެކު އެ މަސައްކަތް ހުއްޓުނީ އެވެ. އޭގެ ފަހުން ކްލަބް މެޑާއި ބޮލިފުށީގެ ވަޒީފާ ވެސް އަދާކުރެއްވި އެވެ.

"ބޭރު މެނޭޖުމަންޓްތަކުގައި އުޅެވުނީ. މިގޮތަށް އުޅެނިކޮށް ދިމާވި މީހަކާއެކު އެނބޫދޫ ފިނޮޅު ކުއްޔަށް ނެގީ. އެތަށް ރިސޯޓެއްގެ ގޮތުގައި ހިންގިން. އެތަން އަށް އަހަރު ހިންގިން. އޭގެ ފަހުން ތާޖު ކުންފުންޏަށް ކުއްޔަށް ދޫކުރީ،" އަބްސީ ވިދާޅުވި އެވެ.

މިއީ އައިލެންޑާސް ގްރޫޕް ވުޖޫދުވި ދުވަސްވަރެވެ. އެ ކުންފުނި އުފެދުނީ 1992 ވަނަ އަހަރު އެވެ. މި ގޮތުން މިހާރު މި ކުންފުނީގައި 600 އަށްވުރެ ގިނަ މީހުން މަސައްކަތް ކުރެ އެވެ. މި ވިޔަފާރީގެ ދަށުން މިހާރު ތައުލީމީ ދާއިރާ އާއި ރިއަލް އެސްޓޭޓް ދާއިރާ އަދި އިންޑަސްޓްރިއަލް ދާއިރާގައި އިންވެސްޓްކޮށްގެން ދަނީ ކާމިޔާބުކޮށް ވިޔަފާރި ކުރަމުންނެވެ. މިގޮތުން އެ ކުންފުނީގެ ވިޔަފާރީގެ މައިގަނޑު ތަނބު ތަކަކީ ލަކުޑީގެ ވިޔަފާރި އާއި ރިސޯޓު މާކެޓަށް ހާއްސަ ބާވަތްތައް ފޯރުކޮށް ދިނުމެވެ.

ގްރައުންޑް ފޯސް ފެން ޕަންޕް ރިސޯޓު މާކެޓުގައި މަގުބޫވެ. އަދި ސްރީލަންކާގައި ކުޑަ ހޮޓަލެއް ވެސް އެ ކުންފުނިން ހިންގަ އެވެ. މީގެ އިތުރުން ތައުލީމީ ދާއިރާގައި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް އާއި ކެންގަރޫ ކިޑްސް ފަދަ ބްރޭންޑްތަކުގެ އިންޓަނޭޝަނަލް ސްކޫލްތައް ގެންނަން ފެއްޓެވީ ވެސް އަބްސީ އެވެ. ފުރަތަމަ ފެށިއިރު، ކެންގަރޫ ކިޑްސްގައި 600 ކުދިން ތިބި ނަމަވެސް، މިހާރު މި އަދަދު ވަނީ 4،000 އަށްވުރެ މަތީގަ އެވެ.

"ތައުލީމީ ދާއިރާއަށް ނުކުތީ ދިވެހިންނަށް ރަނގަޅު ތައުލީމެއް ގެނެސްދޭން. އެހެންވެ ކެންގަރޫ ކިޑްސް ހުޅުވީ. މީގެ މައިގަނޑު މަގުސަދަކަށްވީ ދިވެހިން ބޭރަށް ގޮސް އުޅޭ އުޅުން ބަދަލު ކުރުން. މިހާރު ބޭރުގައި އުޅޭ ދިވެހިން ރާއްޖެ އާދެ ތައުލީމް ދޭން. އެހެންވީމަ މިހާރު ވަރަށް ބަލައިގެންފި،" މީގެ ހަ އަހަރު ކުރިން ފެށި، ވިޔަފާރީގެ ވެރިޔާ ވިދާޅުވި އެވެ.

"ރަށްރަށުގައި ވެސް ވަރަށް ރަނގަޅު ތައުލީމެއް އެބައޮތް. ރަށްރަށުގައި ތިބެ ޕްރީ ސްކޫލް ތައުލީމް ދިނުމަށް ހިންގާ އިގްރާގެ ސްކޫލްތަކެއް ހިންގާ."

ހައުސިންގެ ދާއިރާގައި ވެސް އަބްސީ ދަނީ ގިނަ މަސައްކަތް ތަކެއް ވެސް ކުރައްވަމުންނެވެ. އެގޮތުން އޭނާގެ ކުންފުނިން ޓޫރިޒަމްގެ ބައެއް މަޝްރޫއުތައް ކުރި އަށް ގެންގޮސްފައިވެ އެވެ. މީގެތެރޭގައި ގެސްޓްހައުސްތައް ތަރައްގީ ކުރުމާއި މެލޭޝިޔާގައި ގެދޮރު ގަނެ ވިއްކުން ހިމެނެ އެވެ.

ދެން އޮތް ސުވާލަކީ ދިވެއްސަކު އިންޑިޔާގެ ފިލްމީ ދާއިރާއާ މިހާ ގާތްވީ ކީވެގެން ހެއްޔެވެ؟ މި ސުވާލަށް އަބްސީ ދެއްވަނީ ސިމްޕަލް ޖަވާބެކެވެ. އެއީ ހިތް ހެޔޮކަމާއި ގާތް ކަން ކަމަށެވެ. އެންމެ ކުޑައިރު، ބޮލީވުޑްގެ ސީނިޔާ މީހުންގެ ހިތްތައް ލިބުމުންނެވެ. މިގޮތުން އަބްސީގެ ބެސްޓް ބަޑީސްގެ ލިސްޓުގައި ހިމެނޭ ނަންތަކުގެ ތެރޭގައި ސުނިލް ދަތް އާއި ރާޖަންދުރަ ކުމާރު ހިމެނެ އެވެ. އެ ބޭފުޅުންނާ ރަހުމަތްތެރިކަން އުފެދުމުގެ ނަތީޖާއަކީ ސަންޖޭ ދަތާއި ސަލްމާހް ހާން އަދި ބަންޓީ އާއި އާޝާ ބޯސްލޭ އާއި ނީލަމް ފަދަ އެތައް ތަރިންނެއް ރާއްޖެ ގެންނަން ފުރުސަތު ލިބުމެވެ. މިގޮތުން އަބްސީމެން ހިންގި "އެވިންސް" ފިހާރަ ހުޅުވުމަށް މަޝްރޫއު ބަޖާޖު ރާއްޖެ ނެގައީ ވެސް އަބްސީ އެވެ. އެ ދުވަސްވަރު ބަޖާޖުގެ ވިދުން އެންމެ ގަދަ ދުވަސް ވަރެވެ.

"މިހާރު ވެސް ބޮލީވުޑްގެ މީހަކު ގެންނަނަމަ އެކަން ކޮށްދޭން. މިއީ އެކުވެރިކަން. އެ ދުވަސްވަރު އޮންނާނެ ބޮޑު ގްރޫޕެއް، ނަމަވެސް ގިނަ މީހުން އައިސްފައި ހުންނާނީ ހިލޭ" އަބްސީ ވިދާޅުވި އެވެ.

އަބްސީގެ މަސައްކަތް ފާހަގަ ކުރެވެނީ ހަމައެކަނި ރާއްޖެ އިން އެކަންޏެއް ވެސް ނޫނެވެ. އަބްސީގެ މަސައްކަތްތައް ދިވެހިން އާއްމުކޮށް ގޮސް އުޅޭ މެލޭޝިޔާ އިން ވެސް ފެންނާނެ އެވެ. މެލޭޝިޔާގެ "ޕޫލާއު ލަޔާން ލަޔާން" އަކީ އަބްސީ އިސްކޮށް ހުންނަވާ މެލޭޝިޔާގައި ހިއްކި ރަށެވެ. މިކަން އޭނާ ކޮށްދެއްވީ މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރު މަހާތީރުގެ އެދި ލެއްވުމަށެވެ. ކުރިން ފަޅެއްގެ ގޮތުގައި އޮތް ތަނަށް ވެލި އަޅައިގެން ހިއްކަން ހިންގި ބޮޑު މަޝްރޫ ކުރިއަށް ގެންދިޔައީ މެލޭޝިޔާ ސަރުކާރުގެ ހަރަދުގަ އެވެ.

"މެލޭޝިޔާގެ ސަފީރަކީ އަޅުގަނޑުގެ ވަރަށް ގާތް ބޭފުޅެއް. މެލޭޝިޔާގެ ބޮޑު ވަޒީރު މަހާތީރު ރާއްޖެ ވަޑައިގެން ހުންނެވީ އެނބުދޫ ފިނޮޅުގައި. ދެން ބޮޑު ވަޒީރު ވަޑައިގެން އަޅުގަނޑަށް ދައުވަތު ދެއްވީ މެލޭޝިޔާ އަށް ދާން. ދިޔައީމަ ވިދާޅުވީ މި ތަން [ޕޫލާއު ލަޔާން ލަޔާން] ގައި ރަށެއް ހަދައިދޭން އަޅުގަނޑު އިސްވެ ހުރެގެން. އެ ކަން ކުރީ އެ ތަނުން ގާނައިގެން. މިކަން ކުރުމަށް ރާއްޖޭން ވެސް 40 އަކަށް މީހުން ގެންދިޔަ އިން. އެހެންވެ މިއީ ވަރަށް ފާހަގަ ކުރެވޭ ކަމެއް،" އަބްސީ ވިދާޅުވި އެވެ.

"ގާތްގަނޑަކަށް ދޮޅު އަހަރުވި. މި ރަށަށް ރާއްޖޭން ވެސް ގަސް ގެންދިޔަ. މެލޭޝިޔާ އިން ވެސް ގެންދިޔަ. މިރަށުގެ ތޮށިލީ ދިވެހިން. މިހާރު އެއީ ރަށެއް. އެއާޕޯޓެއް ވެސް މިހާރު އޮވޭ،" ގާތްގަނޑަކަށް ނުވަ މިލިއަން ޑޮލަރުގެ އެ ޕްރޮޖެކްޓުގެ މަޝްރޫއާ ބެހޭ ގޮތުން އަބްސީ ވިދާޅުވި އެވެ.

އަބްސީ ކޮންމެކަމެއް ވެސް ކުރައްވަނީ ވަރަށް ކުރާ ހިތުންނެވެ. ވިޔަފާރީގައި ހުރަސްތައް ކުރިމަތިވި އެވެ. ނަމަވެސް މުވައްޒަފުންނާއި އާއިލާގެ ހިތްވަރުން ވަނީ އެކަމުން އަރައިގެންފަ އެވެ. މިކަމުގައި މުވައްޒަފުންނާއި އާއިލާއަށް ޝުކުރު އަދާކުރެ އެވެ.

"މީގައި އޮންނާނީ ހިތްވަރުލާފައި ކުރުން. ދޫނުކުރުން. މިއީ އެންމެ ބޮޑު އެއް ސިއްރަކީ ކުރި އަރައިގެން ދިއުމުގެ."