އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން އަދި ހައްޖު ޕޯޓަލް ރޭ ތައާރަފު ކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން އެ ހިދުމަތްތައް ރޭ ތައާރަފް ކުރީ ވަގުފު ފަންޑުން ބިނާކުރި ދާރުލް އީމާން އިމާރާތް ހުޅުވުމަށް އެ އިމާރާތުގެ ބޭރުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ހިދުމަތްތައް ތައާރަފުކޮށް ދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އާ ވެބްސައިޓުން އެ މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭ މައުލޫމާތުތަކާއި ތަފާސް ހިސާބުތައް ފަސޭހައިން ލިބެން ހުންނާނެ ކަމަށެވެ. އަދި ރާއްޖޭގައި ގާއިމްކޮށްފައިވާ މިސްކިތްތައް ހުރި ސަރަހައްދުތައް ޗާޓަކުން ބަލައިލެވޭނެ ގޮތް ވެސް އެ ވެބްސައިޓްގައި ހަމަޖައްސާފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ މޯބައިލް އެޕްލިކޭޝަނުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ނަމާދު ވަގުތުތައް އަންގައިދޭ ނޯޓިފިކޭޝަންތައް ލިބުމާއި ހައްޖާއި އުމުރާއާ ގުޅޭ މައުލޫމާތުތަކާއި ދީނީ ސުވާލާއި ޖަވާބުގެ ހިދުމަތާއި ކުދިންނަށް ކިޔާނޭ ނަންތައް ހުންނަ ނަން ފޮތް ހިމެނެއެވެ.
ހައްޖު ޕޯޓަލުން ލިބޭނެ ހިދުމަތްތަކަކީ ހައްޖާ އުމްރާއާއި ގުޅޭ މައުލޫމާތުތަކާއި ހައްޖާއި އުމްރާގެ އަޅުކަމުގައި ކުރަން ޖެހޭ ދުއާތައް ހިމެނެއެވެ. ހައްޖަށާއި އުމްރާއަށް މީހުން ގެންދާ ޖަމާއަތްތަކުން އެ ހިދުމަތްދޭ އަގުތަކާއި ޕެކޭޖްތަކާ ބެހޭ މައުލޫމާތު ވެސް ހައްޖު ޕޯޓަލްގައި ހިމެނެއެވެ. އަދި އެޕޯޓަލް މެދުވެރިކޮށް ޖަމާއަތްތައް އިހުތިޔާރު ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
މި އަހަރުގެ ރާއްޖެ އިސްލާމްވީ ދުވަސް ފާހަކުރުމުގެ ގޮތުން ދިވެހި ބަހުގެ އެކަޑަމީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ބޭއްވި ދީނީ ޅެން ހެދުމާއި މަޒްމޫނު ލިއުމުގެ މުބާރާތުން ވަނަ ވަނަ އަށް ހޮވުނު ފަރާތްތަކަށް އިނާމު ދިނުން ވެސް ރޭގެ ރަސްމިއްޔާތުގައި އޮތެވެ.