ސްޕެނިޝް ކަޕް ގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު ދެ ވަނަ ލެގް މެޗް 3-3 ން އެއްވަރުކޮށް ސްޕެއިންގައި ބަލިނުވެ ބާސެލޯނާއިން އިން މިދިޔަ އަަހަރު ހެދި 39 މެޗުގެ ރެކޯޑް މުގުރާލުމަށް ފަހު ރެއާލް މެޑްރިޑް ކްއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މިދޔަ ބުދަ ދުވަހުގެ ރޭ ކުޅުނު ފުރަތަމަ ލެގް މެޗުން 3-0 ރެއާލް މޮޅުވެފައި ވުމުން އެޓީމު ކްއާޓާ އަށް ދިޔައީ، ރޭ ގެ މެޗުގައި ޖެހި ތިން ލަނޑާ އެކު 6-3 ގެ އެގްރިގޭޓް ނަތީޖާއިން ނެވެ.
މެޗަށް އެކުލަވާލި ސްކޮޑުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމަނައި، ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ޓީމުން ފުރުސަތު ދިން މެޗުގައި ފުރަތަމަ ލީޑް ނެގީ ސެވިއްޔާ އިންނެވެ.
އެ ލަނޑަކީ ސެވިއްޔާގެ ކުޅުންތެރިން އުފައްދަން އުޅުނު ހަމަލާއެއް ބޮލުން ދިފާއު ކުރަން އުޅުމުގެ ތެރޭގައި ރެއާލް ގެ ޑިފެންޑަރު ޑަނިލޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓް ގައި ރެއާލް އަށް ނަތިޖާ ހަމަހަމަ ކޮށް ދިނީ މާކޯ އެސެންސިއޯ އެވެ. އޭނާ މި ލަނޑު ޖެހީ ސެވިއްޔާގެ ހަލަމާލާ އެއް ރެއާލްގެ ކިޕަރު ކިކޯ ކަސިއްޔާ އަތުން ޖަހައި ދިފާއު ކުރުމުން، ޕެނަލްޓީ އޭރިއާ ބޭރަށް ނިކުތް ބޯޅަ ހޯދައި، ބާރު ދުވެލީގައި ދުވެފައި ސެވިއްޔާގެ ޕެނަލްޓީ އޭރިއާއާ ހަމަޔަށް ގޮސް އެޓީމުގެ ޑިފެންޑަރުން ކައިރިންވެސް ނައްޓާލުމަށް ފަހު ގޯލް ތެރެއަށް ފޮނުވާލައި ގެންނެވެ.
އޭގެ ފަސް މިނެޓް ފަހުން އަލުން ސެވިއްޔާ އަށް ލީޑް ނަގައިދިނީ ސްޓީވަން ޖޯވެޓިކް އެވެ.
މެޗުގެ 77 ވަނަ މިނެޓްގައި ސެވިއްޔާ އަށް ލީޑް ފުޅާ ކޮށްދިން ލަނޑު އިބޯރާ ކާމިޔާބު ކުރީ ވިސާމް ބެން ޔާޑެރު ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސް ކުރި ބޯޅަ ކީޕަރު ކަސިއްޔާ އަށް ރަނގަޅަށް ދިފާއު ނުކުރެވުމުން ރިބައުންސަށް ނިކުތް ބޯޅަ ގޯލް ކުރިމަތީގައި ހުރެ ފޮނުވާލައިގެން ނެވެ.
ރެއާލްގެ ދެ ވަނަ ލަނޑަކީ މެޗްގެ 83 ވަނަ މިނެޓް ގައި ސެވިއްޔާގެ ކުޅުންތެރިން އެޓީމުގެ ޕެނަލްޓީ އޭރިއާއިން ކަސަމީރޯ އަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ކާމިޔާބު ލަނޑެ ކެވެ.
މިއީ މި ސީޒަންގައި ރާމޯސް ޖެހި ހަ ވަނަ ލަނޑެވެ. ބޮލުން ލަނޑު ޖެހުމުގައި މަޝްހޫރު ވެފައިވާ ސެންޓްރަލް ޑިފެންޑަރު ރޭ ޖެހި ލަނޑު ފިޔަވައި އަނެއް ފަސް ލަނޑު ޖަހާފައި ވަނީ ބޮލުން ނެވެ.
މި ނަތީޖާއިން ރެއާލް ބަލިވެގެން މެޗު ނިމިދާނެ ކަމަށް ބެލެވުނު ނަމަވެސް އެ ޓީމަށް އަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު މެޗްގެ އެންމެ ފަހު ވަގުތުގައި ކާމިޔާބު ކުރީ ކަރީމް ބެންޒެމާ އެވެ.
މިއި ރެއާލުން ބަލި ނުވެ ފުރިހަމަ ކުރި 40 ވަނަ މެޗްވެ. އެ ޓީމު އެންމެ ފަހުން ބަލިވެފައި ވަނީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލިގްގެ ކްއާޓާ ފައިނަލުގެ ފުރަތަމަ ލެގް މެޗުގައި ޖަރުމަންގެ ވުލްފްސްބާގް އަތުން ނެވެ.