ރާއްޖެ ކުޅިވަރު

ޕެރްސިޕޫރާ އަކީ މުބާރާތުގައި ކުޅޭ އެންމެ ވަރުގަދަ އެއް ޓީމު، އެކަމަކު ޖެހިލުމެއް ނުވޭ: ސުޒޭން

އިންޑޮނޭޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާ އަކީ އޭއެފްސީ ކަޕްގައި ވާދަކުރާ އެންމެ ވަރުގަދަ އެއް ޓީމު ކަމަށް ގަބޫލްކުރިޔަސް، އެ ޓީމާ ދެކޮޅަށް މާދަމާ އަމިއްލަ ދަނޑުގައި ނިކުންނަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ޖެހިލުން ނުވާ ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް އީގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ، މިިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ސެމީ ފައިނަލްގައި ވާދަކުރި  ޕެރްސިޕޫރާ އޮތީ ތާވަލްގެ އެއްވަނައިގަ އެެވެ. ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، ތިން ޕޮއިންޓާއެކު މާޒިޔާ އޮތީ ތާވަލްގެ ދެވަނައިގަ އެެވެ.

މެޗުގެ ކުރިން މިއަދު ގަލޮޅު ދަނޑުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން ބުނީ ޕެރްސިޕޫރާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި މާޒިޔާ އަށް ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ ސަބަބެއް ނެތް ކަމަށެވެ.

"ގަބޫލްކުރަން އޭއެފްސީ ކަޕްގައި އޮތް އެންމެ ވަރުގަދަ އެއް ޓީމަކީ ޕެރްސިޕޫރާކަން. އެކަމަކު މި ދަނޑުގައި ކުޅޭއިރު، ހާއްސަކޮށް މި ދަނޑުގައި މި ފަހަކަށް އައިސް (ބިދޭސީ ޓީމުތަކާ ދެކޮޅަށް) ދިވެހި ކުޅުންތެރިން ދައްކާފައިވާ ކުޅުމަށް ބަލާއިރު މި ކުޅުންތެރިންނަށް އިތުބާރު ކުރަންޖެހޭ،" ސުޒޭން ބުންޏެވެ. "މާޒިޔާ ޖެހިލުންވާން އޮތީ އެންމެ ކަމެއް. އެއީ މާޒިޔާގެ ޓޮޕް މެނޭޖްމަންޓް އިން އެބައޮތް ޓާގެޓެއް ދީފަ ޓީމަށް. އެއީ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދުން. ތިން ޕޮއިންޓް ހޯދަން ޖެހޭއިރު ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި. އެކަމަކު އެއީ ބިރުގަނެ، ނުވަތަ ފަހަތަށް ޖެހެންޖެހޭ ކަމެއް ނޫން."

މާޒިޔާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން ރަށުން ބޭރުގައި 2-1 އިން ބަލިވި ނަމަވެސް، ދެވަނަ މެޗުގައި ސިންގަޕޫރުގެ ވޯރިއާސް އަތުން 2-1 އިން އަމިއްލަ ދަނޑުގައި ވަނީ މޮޅުވެފަ އެވެ.

ސުޒޭން ބުނީ އަމިއްލަ ދަނޑުގައި މާޒިޔާ ކުޅޭ ތިން މެޗު ކާމިޔާބުކުރެވިއްޖެ ނަަމަ، ދެވަނަ ބުރުގެ ފުރުސަތު ވަރަށް ބޮޑުވާނެ ކަމަށާއި މާޒިޔާ އިން މާދަމާގެ މެޗުން ވެސް ތިން ޕޮއިންޓް ހޯދަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

"މާޒިޔާ ދެވަނަ ބުރަށް ދިއުމާއި ނުދިއުން ވަރަށް ބޮޑަށް ބިނާވެފައި އޮތީ މާލޭގައި ކުޅޭ ތިން މެޗަށް. މިހާރު މި ގުރޫޕް އޮތް ހާލަތަށް ބަލާއިރު، އަމިއްލަ ދަނޑުގައި ކުޅޭ ތިން މެޗުން މޮޅުވެއްޖެއްޔާ އިރާދަކުރެއްވިއްޔާ ދެވަނަ ބުރަށް ދާނެ،" ސުޒޭން ބުންޏެވެ. "ވަކި ގޮތަކަށް ތައްޔާރުވެގެން މާޒިޔާ އިން މެޗަށް މި ނުކުންނަނީ. ކުޅުންތެރިންގެ އިސްކޮޅަށް ބަލާއިރު، ޕެރްސިޕޫރާ އަކީ އެވެރޭޖް ޓީމެއް. އެވެރެޖް ހައިޓެއްވީމަ މާޒިޔާގައި ތިބި ހައިޓް ރަނގަޅު ކުޅުންތެރިންނަށް އެޑްވާންޓޭޖްތަކެއް އޮންނާނެ."

ސުޒޭން ބުނީ މާޒިޔާ އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުގައި ސަޕޯޓަރުންގެ އެހީ ވަރަށް މުހިންމު ކަމަށެވެ. އަދި އޭއެފްސީ ކަޕްގައި ރާއްޖޭގެ ކޮންމެ ކްލަބަކަށް ވެސް ލިބޭ ކާމިޔާބަކީ ރާއްޖެ އަށް ލިބޭ ރީތި ނަމެއް ކަމަށާއި ވީހާ ވެސް ގިނަ ބަޔަކު ދަނޑަށް ވަދެ މާޒިޔާ އަށް ސަޕޯޓްކުރުމަށް އެދޭ ކަމަށެވެ.

މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނީ އެ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް ރަނގަޅަށް މެޗަށް ތައްޔާރުވެގެން ކަމަށެވެ.

"މާޒިޔާ އިން ނުކުންނާނީ މޮޅަކަށް،" އަސަދުﷲ ބުންޏެވެ.