ރައީސް އަބްދުﷲ ޔާމީން

2018 ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ އެއްބުރުން: އަބްދުއް ރަހީމް

Jan 13, 2017

ފަސޭހަ ކަމާއެކު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެއް ބުރުން ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާ ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދު ރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭން ފެށުމަށް އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ، މެޑަމް ފާތުމަތު އިބްރާހިމް އިސްވެ، "ފެށުނުން" ގެ ނަމުގައި މިރޭ ހުޅުމާލޭގައި ފެށި ކެމްޕޭންގެ ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއް ރަހީމް ވިދާޅުވީ ރައީސް ޔާމީން ދެވަނަ ދައުރަކަށް 2018 ގައި އިންތިހާބު ކުރަން ޖެހެނީ ރައީސް ކަމުގައި ހުންނެވީތީ ނޫން ކަމަށާއި އެއީ ޕީޕީއެމްގެ މުސްތަޝާރަށް ވެގެން އަދި އަބްދުﷲ ޔާމީނަށް ވެގެން ވެސް ނޫން ކަމަށެވެ. އެކަމަކު އެއީ ރައްޔިތުން އެމަނިކުފާނަށް ދިން ފުރުސަތުގައި ވޭތުވެ ދިޔަ ތިން އަހަރު ރާއްޖެއަށްގެނެސް ދެއްވި ތަރައްގީގެ އިންގިލާބީ ބޮޑު ބަދަލުގެ ސަބަބުން ކަމަށެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުންނާއި އެފަރާތްތަކާއި ގުޅިފައިވާ ބޭރުގެ ފަރާތްތަކާއި އަދި ތަފާތު ސަބަބުތަކާހުރެ ސަރުކާރާ ހިތްހަމަ ނުޖެހިފައިވާ ބައެއް މީހުން ސަރުކާރަށާއި ރައީސް ޔާމީނަށް ފާޑު ކިޔަނީ ވޭތުވެދިޔަ ތިން އަހަރުގެ އިންގިލާބީ ތަރައްގީގެ ބަދަލު ނޭނގޭތީ ނޫން ކަމަށާއި އެއީ އެފަރާތްތަކަށް އެކި ފަހަރު މަތިން ލިބުނު ދިގު މުއްދަތު ތަކުގައި ނުކުރެވުނު ކަންކަން ތިން އަހަރުން ރައީސް އަބްދުﷲ ޔާމީން ފުރިހަމަ ކުރައްވާފައިވާތީ އެކަމަށް ހަސަދަވެރިވާތީ ކަމަށެވެ.

އަބްދުއް ރަހީމް ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ ދެ ދައުރު ބޭނުންފުޅުވާ ކަމަށާއި އެ މަސައްކަތް ކާމިޔާބު ކުރުމަށް މެޑަމް ފާތުމަތު އިބްރާހިމްގެ އިސް ނެންގެވުމާއެކު މިރޭ ފެށުނު ކެމްޕޭނާއެކުގެ އަންނަ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދޭނީ ފަސޭހަކަމާއެކު އެއްބުރުން ކަމަށެވެ.

"އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ފަރާތް އަޅުގަނޑުމެން ވޯޓުން ބަލި ކުރާނީ އިރާދަ ކުރެއްވިއްޔާ ފަސޭހަކަމާއެކު އެއްބުރުން. އަޅުގަނޑުމެން ރައީސް ޔާމީނަށް ދެވަނަ ދައުރެއް ކާމިޔާބު ކޮށްދޭނަން،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ފެށި ކެމްޕޭން ޖަލްސާއަށް ގިނަ އަދަދެއްގެ މީހުން މިރޭ ޖަމާވި އެވެ. ކެމްޕޭނު ފެށުމުގެ ގޮތުން ރައީސް ޔާމީން ތިން އަހަރުން ކޮށްދެއްވި މަސައްކަތްތައް އެކި ބޭފުޅުން ފާހަގަ ކޮށް ވާހަކަ ދެއްކެވި އިރު ރައީސް ޔާމީންގެ ކެމްޕޭން ކުރިޔަށް ގެންދިއުމަށް ފަސްޓް ލޭޑީ ކުރައްވާ މަސައްކަތްތަކަށް ހުރިހާ ފަރާތްތަކުން ވެސް ތައުރީފު ކުރި އެވެ.

ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން ފެށި އިރު އެހެން އެއްވެސް ޕާޓީއަކުންވެސް އަދި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކެންޑިޑޭޓަކު ވެސް އަދި ކެމްޕޭން ފަށާފައެއް ނުވެއެވެ.