އިލްހާމް އަހުމަދު

"ރިޔާސީ ރޭސް ކާމިޔާބު ކުރެވޭނެ ނިންމުންތައް އައީ ރައީސް ޔާމީން ކިބައިން"

Jan 14, 2017
1

ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރެއްވޭނީ ގައުމާއި ރައްޔިތުންގެ މުސްތަގުބަލަށްޓަކައި އުނދަގޫ ނިންމެވުންތައް ނިންމަވަން ކެރިވަޑައިގަންނަވާ ލީޑަރަކަށް ކަމަށާއި ރާއްޖޭގެ ފަހުގެ ތާރީހު ދުށް އެފަދަ ހަމައެކަނި ލީޑަރަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން ޕީޕީއެމާ އަލުން ގުޅި ވަޑައިގެންނެވި އިލްހާމް އެ ޕާޓީއާ ގުޅުން ހުރި މިފަދަ ހަފުލާއެއްގައި އޭގެ ފަހުން ވާހަކަފުޅު ދެއްކެވި މިއީ ފުރަތަމަ ފަހަރެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވެ ރައީސް ޔާމީންގެ ކެމްޕޭން ފެށުމުގެ ގޮތުން އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ، ފާތުމަތު އިބްރާހިމް އިސްވެ ރޭ ފެއްޓެވި "ފެށުން" ޖަލްސާގައި ވާހަކަފުޅު ދއްކަވަމުން އިލްހާމް ވިދާޅުވީ ރާއްޖެ ހުރިހާ ރޮނގަނކުން ތަރައްގީވުމަށާއި ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު ގޮތްތައް ވުމަށް ވޭތުވެދިޔަ ދިގު ޒަމާންތަކުގައި އެޅިފައި އޮތް އެންމެ ބޮޑު އެއް ހުރަހަކީ "ޓަފް ޑިސިޝަން" ނަންގަވަން ވެރިންނަށް ކެރިވަޑައި ނުގެންނެވުން ކަމަށެވެ. އެކަމަކު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ވޭތުވެދިޔަ ތިން އަހަރުގައި އެފަދަ އުނދަގޫ ނިންމެވުންތައް ނިންމަވައި ކަންކަން ސާބިތުކޮށް ދެއްވައިފި ކަމަށެވެ.

"ރިޔާސީ އިންތިހާބަކީ ފަސޭހައިން އަތުވާ އެއްޗެއް ނޫން. އެއީ ގައުމާއި ރައްޔިތުންނަށް ތަރައްގީ ކޮށްދިނުމަށް މުސްތަގުބަލަށްޓަކައި 'ޓަފް ޑިސިޝަން' ނަންގަވަން ކެރި ވަޑައިގަންނަވާ ލީޑަރުންނަށް ވާކަމެއް. ރައީސް ޔާމީން ނޫން ބޭފުޅަކަށް މިހާތަނަށް ކެރިވަޑައެއް ނުގަތް ގައުމަށްޓަކައި އެފަދަ ނިންމެވުންތައް ނިންމަވާކަށް. އެހެންވީމަ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުވެގެން ދާނެކަން ޝައްކެއްވެސް ނެތް،" އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ ރައީސް ޔާމީންގެ ބައެއް ނިންމެވުންތަކުގެ ސަބަބުން ވަގުތީ ތަދެއް އިހުސާސްވާ ވަގުތުކޮޅު އަންނާނެ ކަމަށާއި އެކަމަކު އެއީ ގައުމަށްޓަކައި ނިންމަންޖެހި މީގެ ކުރީގެ ބޭފުޅުންނަށް ކުރަން ކެރިވަޑައިނުގެން ހުރި ކަންކަމާއި ނިންމުން ކަމަށެވެ. އޭގެ ފައިދާ މިހާރު ފެންނަން ފަށާފައިވާއިރު ހަގީގީ ފައިދާ އިހުސާސްވާން ދުވަސްކޮޅެއް ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ކަލްކިއުލޭޝަން ހެދުމަކީ މާ ގިނަ ބަޔަކަށް އެނގޭ ކަމެއް ނޫން. ގައުމާއި ރައްޔިތުންނަށްޓަކައި 'ޓަފް ޑިސިޝަން' ތައް ނެންގެވުމަކީ ރައީސުންނަށް ކުރައްވަން މިހާތަނަށް ކެރި ވަޑައިގެންނެވި ކަމެއްނޫން. އެ ދެކަންތަކުގައި ރައީސް ޔާމީން ވަނީ ކުރި ހޯއްދަވާފައި،" އިލްހާމް ވިދާޅުވި އެވެ.

ރައީސް ޔާމީން މިހާތަނަށް ނިންމެވި އެފަދަ ބައެއް ނިންމެވުންތަކަށް އިޝާރާތް ކުރައްވާ އިލްހާމް ވިދާޅުވީ އެމަނިކުފާނަކީ ކޮންމެހެން ނިންމަން ޖެހޭ ނިންމެވުމެއް ނިންމެވުމަކާއި މޫނަށާއި ކަނދުރާއަށް ބެއްލެވުމުގެ ބަދަލުގައި ގައުމާއި ރައްޔިތުންނާއި މުސްތަގުބަލަށް ބައްލަވާ ބޭފުޅެއްކަން މިހާރު ސާބިތުވެފައިވުމުން އަންނަ ރިޔާސީ އިންތިހާބު ވެގެންދާނީ އެމަނިކުފާނަށް ފަސޭހަ އިންތިހާބަކަށް ކަމަށެވެ.

އޭނާ ވަނީ ރައީސް ޔާމީންގެ ކެމްޕޭން މަސައްކަތުގައި އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް މިހާތަނަށް އަދާ ކުރައްވާފައިވާ ދައުރަށް އެކަމަނާއަށް ވަރަށް ބޮޑަށް ތާރީފު ކުރައްވާފަ އެވެ.

ޕީޕީއެމް އުފެއްދުމުގައި ރައީސް ޔާމީނާއެކު އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އިލްހާމް ޖޭޕީގައި ހުންނެވުމަށްފަހު ޕީޕީއެމާއި ގުޅިފައިވަނީ ދާދި ފަހުންނެވެ. ޑީއާރްޕީގެ ޒެޑް ފެކްޝަންގައި އެންމެ ބޮޑަށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ވެސް އިލްހާމް ހިމެނި ވަޑައިގަންނަވަ އެވެ.