ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވިއިރު އެތެރޭގެ ދަރަނިތަކާއި ނުއުފުލޭ ވަރުގެ ބިޔަ ދަރަނިތައް ބޭރަށް ދައްކަން މަޖުބޫރު ކުރުވާފައިވާ ކަމަށް ވިދާޅުވެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ރައީސް ޔާމީންގެ ސަރުކާރަށް ނުސީދާކޮށް ފާޑުވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހަށް ޓެގް ކުރައްވާ އިލްހާމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވިއިރު އެތެރޭގެ ދަރަނިތަކާއި ނުއުފުލޭ ވަރުގެ ބިޔަ ދަރަނިތައް ބޭރަށް ދައްކަން މަޖުބޫރު ކުރުވާފައިވާ ކަމަށެވެ.
"އެ ހާލަތު ގެންނެވީ މިއަދުގެ ރައީސެއް ނޫން. އަނގަފުޅާކޮށްފަ ބުންޏަސް މިއީ ހަގީގަތް،" އިލްހާމް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދައުލަތުގެ ދަރަނި މެނޭޖް ނުކުރެވޭ ވަރަށް ޗައިނާއިން ލޯނު ނެގި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ މިއަދުގެ ޖަލްސާގައި ފާޑުވިދާޅުވެފައެވެ.
އަދި އެ މައްސަލާގައި އެ ސަރުކާރުގައި ފިނޭންސް މިނިސްޓަރު ކަން ކުރެއްވި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރަށް ދައުވާ ކުރަން ޖެހޭނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
އީވާ ވިދާޅުވީ ކުރީގެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ޗައިނާގެ ދަރަނީގެ ދަންތުރައަކަށް ރާއްޖެ ހަދާފައިވާ ކަމަށެވެ. ޗައިނާއަށް ދައްކަން ޖެހޭ ލޯނުގެ އަދަދު ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެ ކަމަށެވެ. އެ ދަރަނިތައް ދައްކާނީ ރާއްޖޭގެ ކޮން މުދަލެއް ވިއްކައިގެންތޯ ކުރީގެ ދެ މިނިސްޓަރުންނަށް އަމާޒު ކުރައްވައި އީވާ ސުވާލު ކުރެއްވި އެވެ.
މާލެއާއި ހުޅުމާލޭގައި ޗައިނާގެ ލޯނުތަކުން ހިންގާފައިވާ މަޝްރޫއުތަކަށާއި ހުޅުލޭގައި އޮންނަ ވެލާނާ އިންޓަނޭޝަން އެއާޕޯޓްގައި އެ ލޯނުތަކުގެ އެހީގައި ހިންގާފައިވާ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި އީވާ ވިދާޅުވީ، މާލެ ސަރަހައްދުގެ ބިންތަކުން ޗައިނާއަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރާ ގާތަށް ދަރާފައިވާ ކަމަށެވެ.
"ޗައިނާގެ ދަރަނީގެ ދަންތުރަކަށް މި ރާއްޖެއަށް ހަދައިފި، ކުރީގެ ދެ ފިނޭންސް މިނިސްޓަރުން މި ކަމުގައި ޒިންމާ ނަގަން ޖެހޭނެ، ޖިނާއީ ދައުވާ ވެސް ކުރަން ޖެހޭ،" އީވާ ވިދާޅުވި އެވެ.
ޗައިނާ އިން ލޯނު ނަގަނީ އެ ލޯނުތައް ދައްކަން ދިގު މުއްދަތެއް ލިބިފައި އިންޓްރެސްޓް ރޭޓް ކުޑަވުމުން ކަމަށް ފިނޭންސް މިނިސްޓަރު ކަމާއި ގަވަރުނަރުކަން ކުރެއްވެވި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވަނީ ވިދާޅުވެފައެވެ.
ރައްޔިތުން މަޖިލީހުގައި މިއަދު ވާހަކަ ދައްވަކަމުން ފިނޭންސް މިނިސްޓްރީގައި 1985 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރެއްވި ޖިހާދު ވިދާޅުވި ގޮތުގައި، އެ މަނިކުފާނުގެ ފިނޭންސް މިނިސްޓަރު ކަމުގައި ޗައިނާ އިން ލޯނު ނަގަން ނިންމީ ދުނިޔޭގެ އެއްވެސް ތަނަކުން އެހާ ލުއިކޮށް ލޯނު ލިބެން ނެތުމުން ކަމަށެވެ.
"ކީތް ވެގެންތޯ ޗައިނާ އިން ލޯނު ނަގަނީ... އެ ލޯނުތަކުން ދައުލަތް ދަރާފާނެއޭ... މިއީ ރަނގަޅު ސުވާލެއް ކުރަން! އަޅުގަނޑު ހުރިއިރު ޗައިނާ އެގްޒިމް ބޭންކްއިން ލޯނު ނެގިން. އެއް ކަމަކީ ބްރިޖަށް ބޭނުންވާ ލޯނު. އެއް ކޮންޕޯނެންޓްއަކީ ގްރާންޓް [ހިލޭ އެހީ] އަނެއް ކޮމްޕޯނެެންޓަކީ ލޯނު. އެހެން ނަމަވެސް އެއީ ސޮފްޓް ލޯނެއް. ދިގު މުއްދަތެއްގައި ވަރަށް ކުޑަ އިންޓްރެސްޓެއްގައި ޕޭކުރާ ލޯނެއް. އެވަރުގެ ލޯނެއް އެހެން ފަރާތަކުން ދޭން އަޅުގަނޑު ބެލިއިރު ނެތް،" ޖިހާދު ވިދާޅުވި އެވެ
ޖިހާދު ވިދާޅުވި ގޮތުގައި ޗައިނާގެ ލޯނު ތަކަކީ ދައުލަތަށް މާބޮޑު ބުރައެއް އަންނާނެ ކަންކަމެއް ނޫން ކަމަށެވެ.