އޭއެފްސީ ކަޕްގެ ގުރޫޕް އީގައި މާދަމާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ރަށުން ބޭރުގައި އިންޑޮނޭޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާ ނުކުންނައިރު، މި މެޗުން އެއް ޕޮއިންޓް ލިބުނަސް ހިތްހަމަޖެހޭނެ ކަމަށް ޕެރްސިޕޫރާގެ ކޯޗު ބްރެޒިލްގެ އޮޒްވާލްޑޯ ލެސާ ބުނެފި އެވެ.
މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ސެމީ ފައިނަލް އިން ޖާގަ ހޯދި ޕެރްސިޕޫރާ ތާވަލްގެ އެއްވަނައިގައި އޮތީ ގުރޫޕްގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ.
"މާދަމާގެ މެޗުގައި އަހަރެމެންގެ އަމާޒަކީ ޕޮއިންޓެއް. ކޮންމެ މެޗަކުން ވެސް ބޭނުންވާނީ މޮޅުވާން އެކަމަކު މާދަމާގެ މެޗުން ޕޮއިންޓަކާއެކު އަހަރެމެން ހިތްހަމަޖެހޭނެ،" އޮޒްވާލްޑޯ ބުންޏެވެ. "އަހަރެމެން ނިކުންނަނީ މެޗަކަށް ފަހު މެޗަކަށް. ކުރިން ކުޅުނު މެޗުތަކުން މި މެޗަށް ކުރާނެ ފައިދާއެއް ނޯންނާނެ. ކުރިން ކުޅުނު މެޗުތަކަކީ އަހަރެމެން މިހާރު ވިސްނާނެ ކަމެއް ނޫން. މިއީ މުޅިން އާ މެޗެއް."
މިދިޔަ އަަހަރުގެ އޭއެްސީ ކަޕްގައި ޕެރްސިޕޫރާ ވަނީ ރާއްޖޭގެ ނިއު ރޭޑިއަންޓާ ވާދަކޮށްފަ އެވެ. އަމިއްލަ ދަނޑުގައި 3-0 އިން ނިއު އަތުން ޕެރްސިޕޫރާ މޮޅުވިއިރު، ރަށުން ބޭރުައި ނިއު އަތުން އެ ޓީމު މޮޅުވީ 2-0 އިންނެވެ.
އޮޒްވާލްޑޯ ބުނީ ރާއްޖޭގެ ޓީމުތަަކަކީ ވަރުގަދަ ޓީމުތަކެއް ކަމަށާއި މާޒިޔާއާމެދު އެ ޓީމުން ވަރަށް ބޮޑަށް ސަމާލުވާނެ ކަމަށެވެ.
"ރާއްޖޭގެ ތީމުތަކަކީ ވަރުގަދަ ޓީމުތައް. ވަރަށް ހަލުވި ރާއްޖޭގެ ކުޅުންތެރިން. އަަހަރެން މާޒިޔާގެ މެޗުތަކެއްް ވެސް ބަލައިފިން. އަހަރެމެން އެ ޓީމަށް ރަނގަޅަށް ސަމާލުވާނަން،" އޮޒްވާލްޑޯ ބުންޏެވެ.
އޮޒްވާލްޑޯ ބުނީ މިދިޔަ އަހަރު މުބާރާތުގެ ސެމީން ޕެރްސިޕޫރާ ޖާގަ ހޯދި ނަމަވެސް، މިދިޔަ އަހަރުގެ ކާމިޔާބަކުން މިހާރު ކުރާނެ ފައިދާއެއް ނެތް ކަމަށެވެ. އެކަމަކު ޕެރްސިޕޫރާ އަކީ މުބާރާތުގެ ފައިނަލަށް ދެވޭ ފެންވަރުގެ ޓީމެއް ކަމަށް ގަބޫލްކުރާ ކަމަށެވެ.
"މިދިޔަ އަހަރު ހުރީ އެހެން ކޯޗެއް. އަނެއްކާ މިހާރު ސްކޮޑު ވެސް މި އޮތީ ބަދަލުވެފައި. މި ޓީމަކީ ފައިނަލަށް ދެވޭ ފެންވަރުގެ ޓމެއް ކަމަށް ގަބޫކުރަން. އެކަމަކު އަހަރެމެން ވިސްނާނީ މެޗަކަށް ފަހު މެޗަކަށް،" އޮޒްވާލްޑޯ ބުންޏެވެ.