ހަބަރު

އެމްޑީޕީން މުޒާހަރާގެ ތެރެއަށް ވަޅި ހިފައިގެން ވަދެ ގެއްލުން ދިން މައްސަލަ ބަލަން އެދެފި

Mar 16, 2015

ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއަށް ބަޔަކު މީހުން ކަތި ވަޅި ހިފައިގެން ވަދެ ގެއްލުންތައް ދިން ކަމަށް ބުނެ އެކަން ބަލައި ފިޔަވަޅު އަޅައި ދިނުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީން އެ ގޮތަށް ގޮވާލި އިރު އެ މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ހިޔުމަން ރައިޓްސް ކޮމިޝަނުން ބަލައި ދިނުމަށް ވެސް އެދިފައި ވެއެވެ.  

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ގޮވާލައި އެޕާޓީން ރޭ އުސްފަސްގަނޑު ސަރަޙައްދުގައި މުޒާހަރާ ފަށަން ތައްޔާރުވެފައި ވަނިކޮށް މުޒާހަރާގެ ތެރެއަށް ކަތިވަޅި ހިފައިގެން ބަޔަކު ވަދެ ކަތިވަޅިން މުޒާހަރާގެ ބައިވެރިންނަށް ބިރުދައްކައި، ޕިކަޕްގެ ބިއްލޫރިތައް ތަޅާލައި އޭގެ ތެރޭގައި ހުރި ސައުންޑް ސިސްޓަމް ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި އެކަން ކުށްވެރި ކުރާ ކަމަށެވެ. .

"ސުލްޙަވެރި މުޒާހަރާތައް ބޭއްވުމުގައި އެއްބާރުލުންދީ މުޒާހަރާ ކުރާފަރާތްތައް ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަކީ ފުލުހުންގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމު ކަމަކަށްވީހިނދު، އެމްޑީޕީން ބާއްވާ މުޒާހަރާތަކުގެ ތެރެއަށް އެގޮތަށް ގްރޫޕުތަކުން ތަކުރާރުކޮށް ވަދެ މީހުންނަށް ޙަމަލާދީ ތަކެއްޗަށް ގެއްލުންދެމުންދާއިރު، ފުލުހުން އެފަދަ ފަރާތްތައް ޙައްޔަރުކޮށް ފިޔަވަޅުއަޅަމުން ނުދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ،" އެ ބަޔާނުގައި ވެ އެވެ.

އަދި ބުނީ  އެފަދަ ޖަރީމާތަކެއް ހިންގަމުންދަނީ އެންމެންގެ ކުރިމަތީގައި އާއި ފޮޓޯއާއި ވީޑިއޯގެ މަންޒަރުތަކުން އެމީހުން އެ ޖަރީމާތައް ހިންގާތަން ފެންނަން ހުންނަކަން ވެސް ފާހަގަކުރެވޭ ކަމަށެވެ.