ދުންޔާ މައުމޫން

މި ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާ، ބޭނުމީ އާ އުސްމިންތަކެއް: ދުންޔާ

  • ސިއްހީ ދާއިރާގެ ގޮންޖެހުން ނައްތާލެވޭނެ
  • އެނބުރި ހިދުމަތަށް އާދެވުމުން އުފާވޭ
  • އެންމެ ރަނގަޅަށް ހިދުމަތް ކުރެވޭނީ މި ސަރުކާރުގައި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސިޔާސަތުތަކަކީ ވަރަށް ހަރުދަނާ ސިޔާސަތުތަކެއް ކަމަށް، ކުއްލި ގޮތަކަށް އަލުން ސަރުކާރާ ގުޅިވަޑައިގެންނެވި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ. މިހާރު ހެލްތް މިނިސްޓްރީގެ ސްޓޭޓްގެ މަގާމުގައި ހުންނެވި ދުންޔާ ވިދާޅުވީ، ރައްޔިތުން މިހާރު ބޭނުންވަނީ ތަރައްގީގެ އާ އުސްމިންތަކެއް ކަމަށެވެ.

ޕީއެސްއެމްއަށް މިރޭ ދުންޔާ ދެއްވި ހަ މިނެޓްގެ ކުރު އިންޓަވިއުގައި ވިދާޅުވީ، ސަރުކާރުން ކުއްލި ގޮތަކަށް ވަކިވެވަޑައިގަތީ ދިމާވި ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ކަމަށާއި އަލުން އެނބުރި ސަރުކާރާ ގުޅިވަޑައިގަތީ ރައްޔިތުންނަށް އެންމެ ރަނގަޅަށް ހިދުމަތް ކޮށްދެވޭނީ ރައީސް ޔާމީންގެ ސަރުކާރުގެ ތެރެއިން ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ. ދުންޔާ ވިދާޅުވީ، ރައްޔިތުން އެދެނީ ގާބިލް ތަޖުރިބާ ހުރި ފަރާތްތަކުން ރައްޔިތުންނަށް ހިދުމަތް ކޮށްދިނުން ކަމަށެވެ.

"ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި އިސްލާމް ދީން ހިމާޔަތް ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން އަޅުގަނޑު ކުރިން، ދެން ސަރުކާރާ ދެމެދުވި ހިޔާލު ތަފާތުވުންތަކެއްގައި އަޅުގަނޑު ސަރުކާރުން ވަކިވީ، އަނބުރާ އަޅުގަނޑު މިއައީ ދިވެހި ރައްޔިތުން އަދި ދިވެހި ގައުމު އެބަ ބޭނުންވޭ ގާބިލް ތަޖުރިބާ ލިބިފައިވާ މީހުންގެ މަސައްކަތް... އެއީ ތަރައްގީގެ ގޮތުން ކުރިއެރުންތަކާއި ކާމިޔާބީތައް ހޯދާފައި އޮތް ގައުމެއް ކަމަށްވީ ނަމަވެސް ދިވެހި ރާއްޖޭގެ ރައްޔިތުންގެ ވަރަށް ބޮޑެތި އެކްސްޕެކްޓޭޝަންތައް އަދި ބޭނުންތައް، އިތުރު ތަރައްގީ ބޭނުންވެފައި މިވަނީ، އެހެންވީމަ އަޅުގަނޑަށް އެންމެ ރަނގަޅަށް ރައްޔިތުންނަށް ހިދުމަތް ކޮށްދެވޭނީ އެނބުރި ސަރުކާރަށް އައިސްގެން ކަމަށް ގަބޫލު ކުރެވުމުން އަޅުގަނޑު މިއައީ،" މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށްފަހު ސިއްހީ ދާއިރާއަށް ހިދުމަތް ކުރެއްވުމަށް ނިންމެވީ އެ ދާއިރާއަކީ އެކަމަނާ މީގެ ކުރިން ވެސް މަސައްކަތް ކުރެއްވި، އަދި ރައީސް ޔާމީން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ދާއިރާއަކަށް ވާތީ ކަމަށް ދުންޔާ ވިދާޅުވި އެވެ. ދުންޔާ ވިދާޅުވީ، ހެތްލް މިނިސްޓަރު އަބްދުﷲ ނާޒިމާއެކު މަސައްކަތް ކުރައްވައި، މިހާރު އެ ދާއިރާގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ސިއްހީ ދާއިރާއަކީ ރައީސް ޔާމީން ވަރަށް ބޮޑަށް އިސްކަން ދެއްވާ ދާއިރާއެއް، އަދި ސިއްހީ ދާއިރާއަކީ އަޅުގަނޑަށް މުޅިން އާ ދާއިރާއެއް ނޫން، އަޅުގަނޑުގެ އދ. ގެ އޮފީހުގައި މަސައްކަތް ކުރިން، ސިއްހީ ވުޒާރާއާ ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރިން، އަތޮޅުތަކަށް ޒިޔާރަތްކޮށް ސިއްހީ މަރުކަޒުތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ފެންވަރު ބަލައި ގިނަ މަސައްކަތްތަކެއް އަޅުގަނޑު ކުރިން، އަދި ކަންދިމާކުރި ގޮތުން ސުނާމީ ދިމާވިއިރު ވެސް އަޅުގަނޑު ހުރީ އދ. އޮފީހުގަ، އޭރު ވެސް ސަރުކާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރިން،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ، ސިއްހީ ދާއިރާއަށް އަލުން ހިދުމަތް ކުރަން ލިބިވަޑައިގަތުމުން ވަރަށް އުފާ ކުރައްވާ ކަމަށެވެ. ވޭތެވެދިޔަ ތިން އަހަރެއްހާ ދުވަހު ސިއްހީ ދާއިރާއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވެސް ދުންޔާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަށް ވަރަށް ހިތްހަމަޖެހުން މަސައްކަތް ކުރަން ފުރުސަތު ލިބުނީމަ، އަނބުރާ މި ދާއިރާއަށް އައިސް ރައްޔިތުންނަށް ހިދުމަތް ކުރަން ފުރުސަތު ލިބުމަކީ އަޅުގަނޑަށް އުފަލެއް، މި ފުރުސަތުގައި ރައީސް ޔާމީނަށް ޝުކުރު އަދާކުރަން، ވޭތުވެދިޔަ ތިން އަހަރެއްހާތަނުގައި އަޅުގަނޑުމެނަށް ސިއްހީ ހިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ، ކޮންމެ ކަމެއްގައި ވެސް ގޮންޖެހުންތައް ހުންނާނެ، އަދިވެސް ކުރަން ވަރަށް މުހިންމު މަސައްކަތްތަކެއް އެބަ އޮތް، ވަރަށް އަވަހަށް އަޅުގަނޑުގެ މަސައްކަތްތަކުގެ އަމަލީ މަސައްކަތް ފެންނާނެ،" ދުންޔާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ދުންޔާ ވިދާޅުވީ، ރާއްޖެ އޮތީ ރަނގަޅު މިސްރާބަކަށް ކަމަށެވެ. ގޮންޖެހުންތަކެއް ހުރި ނަމަވެސް ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ، ބޭރުގެ ފިއްތުންތަކާ ކުރިމަތިލާ ބަޔަކަށް ދިވެހިންވާން ޖެހޭނެ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

"ތަރައްގީއަށް ބަލައިލައިފިނަމަ ވަރަށް ގިނަ ކުރިއެރުންތައް އެބަ ފެނޭ، އެއީ މާލެ ކަމަށްވީ ނަމަވެސް ނުވަތަ އަތޮޅުތަކުން ކަމަށްވީ ނަމަވެސް، އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ރައްޔިތުން ބޭނުންވޭ ތަރައްގީގެ އާ އުސްމިންތަކަކަށް އިތުރު ހަރުފަތްތަކަށް ދާން، އެ މަސައްކަތްތައް ހަލުވިގޮތް ދިޔުމަކީ ވަރަށް މުހިންމު ކަމެއް، އަމިއްލަ ފައި މައްޗަށް ތެދުވެ ތިބޭ ބަޔަކަށްވުމަކީ ވަރަށް މުހިންމު ކަމެއް، އަދި ބޭރުގެ ފިއްތުންތަކާ ވެސް ކުރިމަތިލާ އަޅުގަނޑުމެންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބޭ ބަޔަކަށްވުން،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ސަރުކާރުން ވަކިވެވަޑައިގަތީ، އެކަމަނާގެ ބައްޕާފުޅު، ރައީސް މައުމޫނާއި ސަރުކާރާ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވަނިކޮށެވެ. އަދި ސަރުކާރަށް އެމަނިކުފާނު ކުރައްވާ ތާއިދު ވެސް ވަނީ އަނބުރާ ގެންދަވާފަ އެވެ. ދުންޔާ އަލުން ސަރުކާރާ ގުޅިވަޑައިގަތުމަށް ވެސް ތާއީދު ނުކުރައްވާ ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.