ޕްރިމިއާ ލީގްގައި ރޭ ކުޅުނު މެޗުތަކުން، މޮޅުވެ ޓޮޓަންހަމް ހޮސްޕާ ލީގް ތާވަލުގެ ދެ ވަނަ އަށް ޖެހިލިރު އާސެނަލް ވެސް ތިން ވަނަ އަށް ޖެހިލައި، އެއް ވަނައިގައި އޮތް ޗެލްސީ ލީޑް ފުޅާ ކޮށްފި އެވެ.
ޓޮޓަންހަމް ދެ ވަނަ އިގައި އޮތީ 45 ޕޮއިންޓް ހޯދައިގެންނެވެ. ޗެލްސީ ރޭ ގެ މެޗުން މޮޅުވެ އެޓީމު ވަނީ ހަތް ޕޮއިންޓަށް ލީޑް ފުޅާ ކޮށްފަ އެވެ. އެޓީމަށް ލިބިފައި ވަނީ 52 ޕޮއިންޓެވެ.
އާސެނަލް، ސްވަންސީ އަތުން މޮޅުވެ ހޯދި ތިން ޕޮއިންޓާއެކު ތިން ވަނަ އަށް ޖެހިލީ 44 ޕޮއިންޓް ހޯދައިގެން ނެވެ. ހަތަރު ވަނައިގައި އޮތް ލިވަޕޫލަށް ވެސް ވަނީ މި އަދަދަށް ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް އާސެނަލް އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުން ނެވެ.
ނަމަވެސް މިރޭ މެންޗެސްޓާ ޔުނައިޓާޑާ ދެކޮޅަށް ލިވަޕޫލް ކުޅޭ ފޯރިގަދަ މެޗުން މޮޅުވެ އެޓީމަށް ތާވަލުގެ ދެ ވަނަ އަށް އެރޭނެ އެވެ. މިވަގުތު ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވެސް މިރޭ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، އެޓީމަށް ތިން ވަނަ އަށް ޖެހި ލެވޭނެ އެވެ.
މި ސީޒަންގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ، ޑިއޭގޯ ކޮސްޓާ ނުލައި ކުޅުނު ޗެލްސީ، އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ސްޕެއިންގެ މާކޯސް އެލަންސޯ އެވެ. އަނެއް ލަނޑު ޖެހީވެސް ސްޕެއިންގެ ޕެޑްރޯ ރޮޑްރިގޭޒް އެވެ.
ކޮސްޓާ އަށް ޗައިނާގެ ސްޕަ ލީގްގެ ކުލަބަކުން ދުނިޔޭގެ ރެކޯޑް އަގެއް ހުށަހަޅައި، އޭނާ ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އަޑު ފެތުރިފައި ވަނިކޮށް، ލެސްޓާ އަށް ދަތުރު ކުރި ޗެލްސީގެ ސްކޮޑާ އެކު އޭނާ ނުދިއުމުން އެ އަޑުތައް އިތުރަށް ބާރަށް އެނބުރެން ފެށި އެވެ.
ނަމަވެސް މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނީ ޗައިނާގެ ކުލަބަކުން ކޮސްޓާ ގެންދިއުމަށް ހުށަހެޅުމެއް އައިކަން އޭނާ އަށް ނޭނގޭ ކަމަށާއި މެޗުން ފުރުސަތު ނުދިނީ ކޮސްޓާގެ ބުރަކަޓަށް ތަދެއް އަރައިގެން އުޅޭތީ ކަމަށެވެ.
"ކަލޭމެން [ނޫސް ވެރިން] ހަގީގަތް އެނގެން ބޭނުންނަމަ އެކަން ހާމަ ކުރަން އަހަރެން ތައްޔާރު، މިދިޔަ އަންގާރަ ދުވަހު އަހަރެމެން ކުރިއަށް ގެންދިޔަ ޕްރެކްޓިސް ޝެޝަންގެ ތެރެއިން ޑިއޭގޯ [ކޮސްޓާ] ޕްރެކްޓިސް ހުއްޓާލި އެއީ އޭނާގެ ބުރަކަށްޓަށް ތަދެއް އެރުމުން، އޭގެ ފަހުން މިހަފުތާގައި އޭން ޕްރެކްޓިސް ނުކުރޭ، އޭގެ ސަބަބުން އޭނާ މިއަދު ނެތީ، މިއީ ހަގީގަތް." ކޮންޓޭ ބުންޏެވެ.
ވެސްޓްބްރޮމޮވިޗާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޓޮޓަންހަމްގެ ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި ހެރީ ކޭން ވަނީ ހެޓްރިކް ހަދާފަ އެވެ.
ޓޮޓަންހަމްގެ އަނެއް ލަނޑަކީ ބްރޮމޮވިޗްގެ މެކޯލީ އަތުން ބައިކޮޅާށް ވަން ލަނޑެ ކެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޓޮޓަންހަމްގެ ކޮޗް މައުރީޝިއޯ ޕޮޝެޓީނިނޯ ބުނީ ޓޮޓަންހަމް އޮތީ ޕްރިމިއާ ލީގް ހޯދަން ވާދަ ކުރަން ތައްޔާރަށް ކަމަށެވެ.
"މިދިޔަ ކުރި ހަފުތާ ގައި ޗެލްސީ ބަލި ކުރުމަށް ފަހު، އެއީ އަހަރެމެންނަށް އޮތް ވަރަށް މުހިންމު ކަމެއް މިގޮތުގައި ވާދަ ކުރުން، އަހަރެމެން މި ސާބިތު ކޮށް ދިނީ އަހަރެމެންނަށް ބޮޑެތި އެއްޗިއްސައް ވާދަ ކުރުމަށް ތަސައްރަފު ފުއްދިޖެ ކަން، މިއީ އެކަމުގެ ވަރަށް ފުރިހަމަ މިސާލެއް." ޕޮޝޭޓީނޯ ބުންޏެވެ.
އޭނާ "ބޮޑެތި އެއްޗިހި ކަމަށް އެ އިޝާރާތް ކުރީ" ޕްރިމިއާ ލީގު ހޯދުމެވެ.
"މިދިޔަ އަހަރަށްވުރެ އަހަރެމެންގެ ހިތްވަރު އާ ވެއްޖެ، މިދިޔަ އަހަރަށް ވުރެ އަހަރެމެންގެ ފެންވަރު ރަނގަޅު، މިދިޔަ ސީޒަންގެ މިހިސާބުގައި އަހަރެމެން ހޯދި ޕއިންޓަށް ވުރެ ނުވަ ޕޮއިންޓް މިސީޒަންގެ މިހާ ހިސާބުގައި އިތުރު ވެއްޖެ."
ސްވަންސީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗްގައި އާސެނަލްގެ ހަތަރު ގޯލްގެ ތެރެއިން ދެ ގޯލް ސްވަންސީގެ ކުޅުންތެރިން ވަނީ އާސެނަލް އަށް ހަދިޔާ ކޮށްފައެވެ.
އާސެނަ؛ލްގެ ފުރަތަމަ ގޯލް ކާމިޔާބު ކުރީ އޮލިވާ ޖިރޫޑް އެވެ. އޭގެ ފަހުިން ފެނިގެން ދިޔަ ދެ ގޯލަކީ ސްވަންސީގެ ކުޅުންތެރިން އަތުން ބައި ކޮޅަށް ވަން ދެ ގޯލެވެ. އެއީ ޖެކް ކޯކް އާއި ކައިލް ނޯޓަން އަތުން ނެވެ. އާސެނަލްގެ ހަތަރު ވަނަ ލަނޑު ޖެހީ އެލެކްސިސް ސަންޗޭޒް އެވެ.