ލަސްޕަލަމްސްގެ މައްޗަށް 5-0 ގެ ބޮޑު ނަތީޖާ އަކުން މޮޅުވެ، ބާސެލޯނާއިން އެއް ވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑާ ދެ ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި އެވެ.
ރެއާލް އެއް ވަނައިގައި އޮތީ 40 ޕޮއިންޓާ އެކު އެވެ. ބާސާ ރޭ ގެ މެޗުން ހޯދި ތިން ޕޮއިންޓާ އެކު އެ ޓީމު ވަނީ 38 ޕޮއިންޓް ހަމަ ކޮށްފަ އެވެ.
ބަދަލު ތަކާއެކު ނިކުތް ބާސާގެ ޓީމުން، އެންމެ ބޮޑަށް ފާހަގަ ކުރެވޭ ބަދަލަކީ ސާޖިއޯ ރޮބާޓޯގެ ބަދަލުގައި އެލެކްސް ވިޑާލް އަށް ފުރަތަމަ 11 އިން ފުރުސަތު ދިނުމެވެ. މިއީ ހަތަރު މަހަށް ފަހު ފުރަތަމަ 11 އިން އޭނާ އަށް ފުރުސަތު ދިން ފުރަތަމަ ފަހަރެވެ. އަނެއް ބަދަލަކީ ސެންޓާ ބެކް ޖެރާޑް ޕީކޭގެ ބަދަލުގައި ސެމިއުލް އުމިޓިޓީ އަށް ޑިފެންސްގެ މައި ތަނބު ހަވާލު ކުރުމެވެ.
ބާސާގެ އަމިއްލަ ދަނޑު ކޭމްޕް ނޯ ގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ގައި ބާސާ އަށް ލަސްޕަލަމްސް ކޮޅަށް ޖެހުނީ އެންމެ ލަނޑެ ކެވެ.
މެޗްގެ 14 ވަނަ މިނެޓް ބާސާ އަށް ލިޑް ނަގައި ދިނީ ލުއިސް ސުއަރޭޒް އެވެ. އޭނާ ވަނީ މެޗުގައި ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެ ލަނޑުން ފުރަތަމަ ހާފު ނިންމާލިއިރު، ދެ ވަނަ ހާފު ގައި ބާސާއިން ފެނުނީ ތަފާތު ކޮށެވެ. އެޓީމުން ވަނީ ދެ ވަނަ ހާފުގެ 10 މިނެޓް ތެރޭގައި ތިން ލަނޑު ޖަހާފަ އެވެ.
ފުރަތަމަ ހާފު ފެށިގެން ހަތް ވަނަ މިނެޓްގައި ބާސާ އަށް ލީޑް ފުޅާ ކޮށްދިނީ ލިއޮނަލް މެސީ އެވެ. އޭގެ ހަތަރު މިނެޓް ފަހުން ސުއަރޭޒް ވަނި އޭނާ ގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އޭގެ ދެ މިނެޓްފަހުން، ނޭމާގެ ބަދަލުގައި މެޗުން ފުރުސަތު ދިން އާދަ ތުރާން ވަނީ ބަސާގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށް ފައެވެ. ބާސާގެ ފަސް ވަނަ ލަނޑު 80 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ވިޑާލް އެވެ.
ރޭ އެތުލެޓިކޯ މެޑްރިޑް، ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗު އެތުލެޓިކޯ ކާމިޔާބު ކުރީ 1-0 ން ނެވެ. މެޗުގައި އެތުލެޓިކޯގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ އާޖެންޓީނާގެ މިޑްފީލްޑާ ނިކޮލަސް ގައިޓަން އެވެ.
އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑް މިރޭ ނިކުންނާނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސްޕެނިޝް ކަޕްގައި އެޓީމާ ދެކޮޅަށް ނިކުތް ސެވިއްޔާއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ރާއްޖޭ ގަޑިން މިރޭ 12:45 ގަ އެވެ.