ދުނިޔެ

ގަންގާ ކޯރަށް ބޯޓެއް އަޑިއަށް ގޮސް 19 މީހުން މަރުވެއްޖެ

އިންޑިއާގެ ގަންގާ ކޯރުގެ ތެރެއިން ދަތުރުކުރި ބޯޓެއް ފެތި އެއިން ދަތުރުކުރި 19 މީހަކު މަރު ވެއްޖެ އެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ ބުނީ ހިންދޫ ދީނުގެ އިހުތިފާލެއްގައި ބައިވެރިވި މީހުން ގޮވައިގެން ދަތުރުކުރި އެބޯޓް ބިހާރު ސްޓޭޓްގެ ސަރަހައްދަކަށް ފެތުނު އިރު އޭގައި 40 މީހުން ތިބި ކަމަށެވެ.

"އަދިވެސް ނުފެނިވާ މީހުން ހޯދުމަށް ރެސްކިއު އޮޕަރޭޝަނެއް ކުރިއަށް އެބަދޭ. 19 މީހުންމަރުވެފައިވާ ކަން އަހަރެމެންނަށް ކަށަވަރުކޮށްދެވިދާނެ،" ބިހާރު ސްޓޭޓްގެ ފުލުހުންގެ އިސް މީހެއް ކަމަށްވާ މަނޫ މަހާރާޖް އަލްޖަޒީރާއާއި ވާހަކަ ދައްކަމުން ބުނެފައި ވެއެވެ.

ބިހާރު ސްޓޭޓްގެ ޑިޒާސްޓާ މެނޭޖްމެންޓް މިނިސްޓަރު ޗަންދުރަޝޭކަރު ވިދާޅުވެފައި ވަނީ ފެތުނު ބޯޓަށް މީހުން އަރުވާފައި ވަނީ މާ ގިނައިން ކަމަށާއި އެ ބޯޓަކީ 30 މީހުން އުފުލޭ ބޯޓެއް ކަމަށެވެ.

އިންޑިއާ އަކީ ކޯރުތަކަށް ބޯޓްތައް ފެތުމުގެ ހާދިސާތައް ގިނައިން ހިނގާ ގައުމެކެވެ. އެގައުމުގެ އައްސާމު ސްޓޭޓްގައި 2015 ވަނަ އަހަރު ހިނގި ބޯޓެއް ބަންޑުން ޖަހައިލުމުގެ ހާދިސާއެއްގައި 20 މީހުން މަރުވިއެވެ. އަދި 2012 ވަނަ އަހަރު ހިނގި އެފަދަ ހާދިސާއެއްގައި 100 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.