ހިބަޅިދޫގައި ރިސޯޓު ހެދުމުގެ މަސައްކަތް ހުއްޓިފައި އޮނާތީ އެ ރިސޯޓު ތަރައްގީ ކުރާ ބިޒްނާސް މޯލްޑިވްސް އަށް 11 މިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުންވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
"އަވަސް" އަށް ވާހަކަ ދައްކަވަމުން ބިޒްނަސް މޯލްޑިވްސްގެ ޑިރެކްޓަރު މުހައްމަދު ރިޔާޒު (ލެޓްސްގޯ ރިޔާޒު) ވިދާޅުވީ ހިބަޅިދޫ މައްސަލާގެ ސަބަބުން އެ ކުންފުންޏަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށާއި، މި މައްސަލާގެ ސަބަބުން ލިބުނު ގެއްލުން ފޫބައްދަން ދަތި ކަމަށެވެ.
"މިކަމުގެ ސަބަބުން ރިސޯޓެއް ހަދަން ބޭނުންވެފައި ހުރި ދިވެހި ކުންފުންޏަކަށް ގެއްލުން ވަމުން މިދަނީ. ދިވެހި ކުންފުންޏަކަށް މިފަދަ ރަށެއް ލިބި މި ރަށުގައި ރިސޯޓެއް ހުޅުވުމަކީ ވަޒީފާތަކެއް އުފެދިގެންދާނެ ކަމެއް. ނަމަވެސް މިގޮތަށް ނުހެދި ލަސްވާނަމަ މިއީ ކަންބޮޑުވާ ކަމެއް،" ރިޔާޒު ވިދާޅުވި އެވެ.
ހިބަޅިދޫއަކީ ރިސޯޓެއް ތަރައްގީ ކުރުމަށް ބިޒްނަސް މޯލްޑިވްސް އަށް 2014 ވަނަ އަހަރުގެ އޯގަސްޓް 31 ވަނަ ދުވަހު ސަރުކާރުން ދީފައިވާ ރަށެވެ. މި ކުންފުންޏަކީ ރިޔާޒުގެ 95 ޕަސެންޓް ހިއްސާ އާއި އޭނާގެ އަނބިކަނބަލުންގެ ފަސް ޕަސެންޓް ހިއްސާ އޮންނަ ރިސޯޓެކެވެ.
ހިބަޅިދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ލެޓްސްގޯ އާއި ރަޝިޔާގެ ބެނަގޯ މެނޭޖްމެންޓް އިންވެސްޓް ކުރުމަށް އޮތީ ނިންމާފަ އެވެ. އަދި އެކަމަށް ރައީސް އޮފީހުން ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު ހަތަރު ވަނަ ދުވަހު ހުއްދަ ވެސް ދީފައިވެ އެވެ. އެ ރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހުއްދަދީ، ޓޫރިޒަމް މިނިސްޓްރީނއާއި ފިޝަރީޒް މިނިސްޓްރީ އަށް ރައީސް އޮފީހުން އެ ތާރީހުގައި ސިޓީއެއް ފޮނުވާފައިވެ އެވެ. ނަމަވެސް މި ސިޓީއާ ގުޅޭ އެއްވެސް މައުލޫމާތެއް ބިޒްނާސް މޯލްޑިވްސް އަކަށް ލިބިފައެއް ނުވެ އެވެ.
ރިޔާޒު ވިދާޅުވީ ކުރީގެ ވަޒީރަކު ހިންގެވި އަމަލެއްގެ ސަބަބުން ހިނގާފައިވާ ކަމެއްގެ ސަބަބުން އަމިއްލަ އިންވެސްޓަރަކަށް ގެއްލުން ވުމަކީ ބޮޑު މައްސަލައެއް ކަމަށެވެ. އަދިއެ ރަށުގައި ރިސޯޓު ހެދުމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ އަށް މަސްވެފައިވާއިރު، ރިސޯޓު ހަދަން މެޝިނަރީ އާއި އެހެން ސާމާނު ފޯރުކޮށްދޭން ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލު ވެސް ކޮށްފައިވާ ކަމަށެވެ.
"މިހާ ދުވަހު ބަޔަކާ ރަށް ހަވާލުކޮށްގައި އޮތުން ކުންފުންޏަށް މާލީ ގެއްލުން ބޮޑު. މީގެ ސަބަބުން ހިއްސާދާރުންގެ ބޮލުގައި ބޮޑު ދަރަންޏެއް ދަނީ އެޅެމުން."
ހިބަޅިދޫ ނުހެދި ލަސްވަމުންދާތީ، ގެއްލުންވާ ކަމަށް ބުނެފައިވާއިރު، އެރަށް ބިޒްނާސް މޯލްޑިވްސްއަށް ހަވާލު ކުރަން ކޯޓުން މިހާރު ވަނީ އަނގާފަ އެވެ.