ފަލަސްތީން

މެދުއިރުމަތީގެ ސުލްހައިގެ ބޮޑު ސަމިޓެއް ޕެރިހުގައި ފަށައިފި

ފަލަސްތީނާއި އިޒްރޭލާ ދެމެދު ސުލްހަ ގާއިމްކުރަން މަޝްވަރާ ކުރުމަށް ފްރާންސްގެ ވެރިރަށް ޕެރިހުގައި ބޮޑު ސަމިޓެއް ފަށައިފި އެވެ.

ސަމިޓްގައި ދުނިޔޭގެ 70 ގައުމަކުން ބައިވެރިވެއެވެ. ފަލަސްތީނު އިޒްރޭލްގެ މައްސަލަ ހައްލުވާނީ ދެ ދައުލަތް އޮންނަ ގޮތަށް ކަމަށް ދެކޭ އެ ގައުމުތަކުން ސަމިޓްގައި އެ ގައުމުތަކުގެ ބުނުން ތަކުރާރުކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ޕެރިސް ސަމިޓަށް ފަލަސްތީނުން މަރުހަބާ ކިޔާފައިވާއިރު އިޒުރޭލުން އެ ސަމިޓަށް ހާޒިރެއް ނުވެއެވެ. އިޒުރޭލުން ބުނެފައި ވަނީ އެއީ އެގައުމާ ދެކޮޅަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. ބައްދަލުވުމުގެ ނިންމުންތައް އަޑު އަހަންހާޒިރުވުމަށް ފަލަސްތީނާއި އިޒުރޭލަށް ވެސް ވަނީ ދައުވަތު ދީފައެވެ. ނަމަވެސް ވާހަކަ ތަކުގައި ބައިވެރިވުމުގެ ފުރުސަތެއް ނުދެއެވެ.

އިޒުރޭލާއި ފަލަސްތީނާ ދެމެދު ސީދާ ގޮތެއްގައި ސުލްހައިގެ ވާހަކަތައް ދެއްކުން ހުއްޓުމަކަށް އައީ 2014 ވަނަ އަހަރުއެވެ.

ދެ ގައުމުގެ ސުލްހައާ ބެހޭ ސަމިޓެއް ފަށާފައި މިވަނީ އިރުމަތީ ގުދުސްގައި ގާނޫނާ ހިލާފަށް އިޒުރޭލު އާބާދީތައް ހެދުން ހުއްޓައިލުމަށް ގޮވާލާ ގަރާރެއް އދ. ސަލާމަތީ މަޖިލީހުން ފާސްކޮށްފައި ވަނިކޮށެވެ. އެ ގަރާރު ފާސްކުރުމާ ގުޅިގެން އިޒުރޭލާއި ބައިނަލް އަގުވާމީ މުޖުތަމައާ ދެމެދު ދަނީ ޒުވާބުތައް ހިނގަމުންނެވެ.