ހަބަރު

ނޫސްވެރިންނަށް އެޅި ފިޔަވަޅު ބްރޯޑްކޮމް އާއި ކްރިމިނަލް ކޯޓްގެ މަޝްވަރާއަށްފަހު ނަގައިފި

Mar 16, 2015

ބައެއް ޝަރީއަތްތަކަށް ބައެއް ނޫސްވެރިންނާއި ރާއްޖެ ޓީވީއަށް ނުވަދެވޭ ގޮތަށް ކްރިމިނަލް ކޯޓުން އެޅި ފިޔަވަޅު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި ކްރިމިނަލް ކޯޓްގެ މަޝްވަރާތަކަކަށްފަހު ކްރިމިނަލް ކޯޓުން ނަގައިފި އެވެ.

ބްރޯޑްކޮމްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ނިންމާ ހުކުމް ކުރި މަޖިލީހުގައި އަމަލުތައް ބެހެއްޓި ގޮތުން ހަތަރު ނޫސްވެރިޔަކަށް ބައެއް ޝަރީއަތްތަކަށް ކޯޓަށް ނުވަދެވޭ ގޮތަށް ފިޔަވަޅު އަޅައި އަދި ރާއްޖެ ޓީވީ އަށާއި އެ ޗެނަލްގެ އިތުރު ދެނޫސްވެރިޔަކަށް ކޯޓުން އެޅި ކަމަށް ބުނާ މުޅިން ސާފު ނުވާ މައްސަލަތަކެއްގެ ހަބަރުތައް ފެތުރިފައިވާތީ ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް އަބްދުﷲ ޝުޖާއު، ކްރިމިނަލް ކޯޓް މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ދީދީ އާއި އެކޯޓްގެ ބައެއް ފަނޑިޔާރުންނާއި ރަޖިސްޓްރާއާ ބައްދަލުކޮށް ދޮޅު ގަޑިއެއްހާއިރު މިއަދު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު މިއަދު ވިދާޅުވެ އެ ދެ މައްސަލައިގެ އިތުރުން ޕީޖީ މުހުތާޒު މުހުސިނާއި ކްރިމިނަލް ކޯޓްގެ ގާޒީ އަބްދުލް ބާރީ ކެފޭއެއްގައި ބައްދަލު ކުރައްވަން ތިއްބެވި ކަމަށް ބުނެ ރާއްޖެ ޓީވީން ރިޕޯޓްކޮށް، ދޮގު ހަބަރެއް ފެތުރިކަމަށް ބުނާ މައްސަލަ ބްރޯޑްކޮމް އިން ބަލަމުންދާތީ އެ މައްސަލައި ތަފުސީލް ވެސް ކްރިމިނަލް ކޯޓްގެ އިސްވެރިންނާ އެ ދެބެފުޅުން ހިއްސާ ކުރެއްވި ކަމަށެވެ.

"މީޑިއާގައި މިހާރު އިވެނީ ހަތަރު ނޫސްވެރިޔަކަށް ކޯޓަށް ނުވަދެވޭ ގޮތަށް ފިޔަވަޅު އެޅި ކަމަށް އެކަމަކު އެކަމެއް މުޅިން ސާފެއްނުވޭ. މީގެ އިތުރުން ރާއްޖެ ޓީވީގެ ދެ ނޫސްވެރިޔަކަށާއި އެ ޗެނަލަށްވެސް ކޯޓަށް ނުވަދެވޭ ގޮތަށް ނިންމި، އެހެންވީމަ އެކަމުގައި ހުރި ކަންބޮޑުވުންތައް އަޅުގަނޑުމެން ހިއްސާ ކުރީމާ ކްރިމިނަލް ކޯޓުންގެ ވިސްނުން ވެސް ހުރީ ވަރަށް ޕޮޒިޓިވްކޮށް، ކޯޓަކުން ބޭނުމެއް ނުވޭ ނޫސްވެރިނަނަށް ދަތިތަކެއް ކުރިމަތި ކުރުވާކަށް،" ޝަހީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ނޫސްވެރިންގެ މަދު ކަމާއި ތަމްރީނު ލިބިފައިވާ ނޫސްވެރިން ވެސް މަދުކަމުން އެންމެ ރަނގަޅަށް ކަންކަން ނުގޮސްވެސް ހުންނަ ކަމަށާއި އޭގެ ސަބަބުން ނުކުންނަ ބައެއް ކަންކަމުގެ ތެެރެއިން ފިޔަވަޅުތަކެއް އަޅައިފިނަމަ ޗެނަލްތަކަށާއި އޮންލައިން ނޫސްތަކަށާއި އެހެން ވެސް މީޑިއާގެ ވަސީލަތަކަށް ވަރަށް ބޮޑު ދައްޗަކާ ކުރިމަތިވާނެ ކަމަށް ކްރިމިނަލް ކޯޓްގެ އިސްވެރިންނާ ހިއްސާ ކުރުމުން ފަހުން ފިޔަވަޅު އެޅި ހަތަރު ނޫސްވެރިނަށާއި އަދި ކުރި ރާއްޖެ ޓީވީއަށް އަޅާފައިވާ ފިޔަވަޅު އަނބުރާ ނަގަން ކޯޓުން ނިންމެވި ކަމަށެވެ.

ނަމަވެސް ގާޒީ ބާރީ އާއި ޕީޖީ، ކެފޭއެއްގައި ބައްދަލުކޮށް މަޝްވަރާތަކެއް ކުރެއްވި ކަމަށް ބުނެ ހަބަރުތަކެއް ފެތުރި ރާއްޖެ ޓީވީގެ ދެ ނޫސްވެރިންނަށް އެޅި ފިޔަވަޅު ނަގައި ލުއި ކޮށް ދިނުމާމެދު ވިސްނާލުމަށް އަދި ވަގުތުކޮޅެއް ކޯޓަށް ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ.

ރާއްޖެ ޓީވީން ފޮނުވި އެ ހަބަރާ ގުޅިގެން ބްރޯޑްކޮމް އިން މައްސަލަ ބަލަމުން އަންނައިރު ކްރިމިނަލް ކޯޓާއި ފުލުހުންނާއި ރާއްޖެ ޓީވީ އާއި ޕީޖީ އޮފީހުގެ ބަސް މިހާރު ވަނީ އެ ކޮމިޝަނަށް ހޯދާފައެވެ. މީގެ ތެރެއިން ޕީޖީ އޮފީހުން މައުލޫމާތު ދެއްވާފައި ވަނީ ޕީޖީ މުހުތާޒު މުހުސިން އަމިއްލަފުޅަށް ވަޑައިގެނެވެ.