ފެނަކަ ކޯޕްރޭޝަން

ޑޮލަރު ގަންނަން ދޫކުރި ފައިސާ ހޯދަން ފެނަކައިން ދައުވާކޮށްފި

ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސްއަށް ދޫކުރި ޗެކްތަކަކަށް ފައިސާ ހޯދުމަށް ސިވިލް ކޯޓުގައި ފެނަކައިން ދައުވާކޮށްފި އެވެ.

ފެނަކައަށް ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސްއަށް 17 މިލިއަން ރުފިޔާގެ ޗެކް ދޫކޮށްފައިވެ އެވެ. ތިން ޗެކް ދޫކުރިއިރު އެ ތިން ޗެކް ވެސް ވަނީ ބައުންސްވެފަ އެވެ.

ފެނަކައިގެ އެމްޑީ އަހުމަދު ޝަރީފު މިއަދު އަވަސްއަށް ވިދާޅުވީ، މި މައްސަލައިގެ ޑިސްޕިއުޓް ރިސޮލިއުޝަންގެ އަޑުއެހުމެއް މިހާރު ބާއްވާފައިވާ ކަމަށެވެ. އެ އަޑުއެހުމުގައި ސުލްހަވެރި ހައްލެއް ހޯދިފައި ނުވާތީ މައްސަލަ މިހާރު ޝަރީއަތަށް ފޮނުވާފައިވާ ކަމަށެވެ. މި މަހުގެ 19 ވަނަ ދުވަހު ޝަރީއަތް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، އެ ފައިސާތައް ފެނަކައަށް ނުލިބުމުވުން ކުންފުންޏަށް ގެއްލުންތަކެއްވަމުންދާ ކަމަށެވެ. އަދި އެ ގެއްލުންތައް ބެލުމަށް ވަރަށް އަވަހަށް އޮޑިޓެއް ވެސް ކުރާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ގެއްލުންތަކުގެ ތަފްސީލު ލިބުމުން ގެއްލުމުގެ ބަދަލު ހޯދަން ވެސް ދައުވާ ކުރާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ. އެ ދައުވާ ކުރާނީ އެކަމުގައި އިހުމާލުވި މީހުންގެ މައްޗަށެވެ.

މި މައްސަލާގައި ޝަރޫ ލޯންޗް ސާވިސްގެ އިސް މުވައްޒަފަކާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)ގެ އިސް މުވައްޒަފަކު ހައްޔަރުކުރި އެވެ. ނަމަވެސް ދެ މީހުން ވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ.