ބޭރު ކުޅިވަރު

މެން ސިޓީގެ ފޫ ދުއްވާލިއިރު، މެން ޔޫ އާއި ލިވަޕޫލް އެއްވަރު

Jan 15, 2017

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ އެވަޓަންގެ ޒުވާނުން ދެ ކުޅުންތެރިން ކަމަށްވާ ޓޮމް ޑޭވިސް އާއި އެޑަމޯލާ ލުކްމަން ކާމިޔާބު ކުރި ލަނޑު ތަކުން މެންޗެސްޓާ ސިޓީ 4-0 ގެ ނަތީޖާއަކުން ބަލިވި އިރު، މެންޗެސްޓާ ޔުނައިޓަޑާއި ލިވަޕޫލް 1-1 ން އެއްވަރުވެ ޕޮއިންޓަކުން ފުއްދާލައިފި އެވެ.

އެވަޓަންގެ ދަނޑު ގޫޑިސަން ޕާކް ކުޅުނު މެޗުގައި، އެވަޓަންގެ ފުރަތަމަ ލަނޑު މެޗުގެ 34 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރަމަލޫ ލުކާކޫ އެވެ.

ދެ ވަނަ ލަނޑު 47 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކެވިން މިރަލަސް އެވެ.

އުމުރުން 18 އަހަރުގެ އަހަރު ޓޮމް ޑޭވިސް އެވަޓަންގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ 79 ވަނަ މިނެޓް ގައެވެ. ހަތަރު ވަނަ ލަނޑު އުމުރުން 19 އަހަރުގެ އެޑަމޯލާ ލުކްމަން ކާމިޔާބު ކުރީ މެޗްގެ އެންމެ ފަހު މިނެޓް ގައެވެ. މިއީ މި ދެ ކުޅުންތެރިން އެވަޓަން އަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

އޯލްޑް ޓްރެފާޑް ގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި، ފުރަތަމަ ލީޑް ނެގީ ލިވަޕޫލުން ނެވެ. މެން ޔޫގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ޕައުލް ޕޮގްބާ އަތުގައި ބޯޅަ ޖެހުމުން، ލިބުނު ޕެނަލްޓީ ގައި އެ ޓީމަށް ލީޑް ނަގައި ދިނީ ޖޭމްސް މިލްނާ އެވެ.

ދެ ވަނަ ހާފުގައި ހަމަލާތައް ވަރުގަދަ ކުރި ޔުނައިޓަޑުން ވަނީ ލިވަޕޫލްގެ ފަހަތަށް ބާރު ބޮޑު ކޮށްފަ އެވެ. މުޅި ޓީމު ކުރިއަށް ޖެހިގެން ކުޅުނު ޓީމަށް މެޗުގެ 84 ވަނަ މިނެޓްގައި ނަތީޖާ ހަމަ ކޮށްދިނީ ޒަލްޓާން އިބްރޮހިމޮވިޗެވެ.

ލިވަޕޫލް މެޗުން އެއްވަރު ވުމުން ލިބުނު ޕޮންޓާއެކު 45 ޕޮއިންޓް ހަމަ ކުރެ ވުނަސް ނަމަވެސް އެ ޓީމު އޮންނަން ޖެހުނީ ޓޮޓަންހަމްގެ ފަހަތުން ތިން ވަނައިގައެވެ. ޓޮޓަންހަމް އަށް ދެ ވަނަ މަގާމު ލިބެނީ ލަނޑުގެ ތަފާތުން ކުރީގައި އޮތުމުން ނެވެ. ކުރިން ތިން ވަނައިގައި އޮތް އާސެނަލް ވަނީ އަލުން ހަތަރު ވަނަ އަށް ވެއްޓިފަ އެވެ.