ދުނިޔެ

ގާންދީގެ ފޮޓޯޖެހި ފައިވާނެއް އެމެޒޯން އިން ވިއްކުމުން އިންޑިއާ ރުޅިގަދަވެއްޖެ

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ ފޮޓޯ ޖަހައިގެން، އެމެރިކާގެ ރީޓެއިލް ޖަޔަންޓް އެމެޒޯން އިން ފައިވާނެއް ވިއްކަން ފެށުމުން އިންޑިއާއިން އެކަމާ ނުރުހުން ފާޅުކޮށްފިއެވެ.

ގާންދީގެ ފޮޓޯ ޖެހި ފައިވާނެއް އެމެޒޯން އިން ވިއްކަން ފެށީ އިންޑިއާ ދިދަ ޖަހާފައިވާ ފައިފުއްސެއް ވިންކަން ފެށުމުން ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ. ދިދަޖެހި ފައިފުހި ވިއްކި މައްސަލައިގައި އެމެޒޯން އިން މައާފަށް އެދެންޖެހޭނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ބުނީ މިދިޔަ ބުދަ ދުވަހު އެވެ. އެ މައްސަލައިގައި އެމެޒޯންއާ ވާހަކަ ދައްކަން އެމެރިކާގައި ހުންނަވާ އިންޑިއާގެ ސަފީރަށް އިރުޝާދު ދީފައިވާނެ ކަމަށް އިންޑިއާ ސަރުކާރުން ހޮނިހިރު ދުވަހު ބުންޏެވެ.

ގާންދީގެ ފޮޓޯ ޖެހި ފައިވާން ވިއްކަން ހުރި ކަމަށް އެމެޒޯގެ ވެބްސައިޓްގައި އިޝްތިހާރު ކުރީ އިއްޔެ ހެނދުނު އެވެ. ނަމަވެސް ފަހުން އެ ފައިވާން ވަނީ އެމެޒޯންގެ ވެބްސައިޓުން ގެއްލިފައެވެ.

ގާންދީގެ ފޮޓޯ ޖެހި ފައިވާން އެމެޒޯން އިން ވިއްކަން ފެށީ 16.99 ޑޮލަރަށެވެ. އެ ފައިވާން އެމެޒޯން އިން ސިފަކޮށްފައި ވަނީ "ޕްރޮފެޝަނަލްކޮށް ޕްރިންޓްކޮށްފައިވާ، ބަލައިލަން ރީތި، މީހަކަށް ހިނިތުންވުން ގެނެސްދޭ ފަދަ އުފެއްދުމެއް" ގެ ގޮތުގައެވެ.

އިންޑިއާ ދިދަޖެހި ފައިފުއްސާއި ގާންދީގެ ފޮޓޯޖެހި ފައިވާނުގެ މައްސަލައިގައި އެމެޒޯން އިން އަދި ވަކިއެއްޗެއް ނުބުނެއެވެ. -- އަލްޖަޒީރާ