ދުނިޔެ

ރިޝްވަތުދިން ކަމުގެ ތުހުމަތަށް ސެމްސަންގެ ވެރިޔާ ހައްޔަރު ކުރަނީ

ދެކުނު ކޮރެއާގެ ރައީސް ކަމުން އަޒުލުކޮށްފައިވާ ރައީސާ ޕާކް ގިއުން ހައި ގެ އަރިސް ބޭފުޅަކަށް ރިޝްވަތު ދިން ކަމުގެ ތުހުމަތަށް ސެމްސަސް ގްރޫޕްގެ ވަގުތީ ވެރިޔާ އަދި ވައިސް ޗެއާމަން ޖޭ ވައިލީ ހައްޔަރު ކުރުމުގެ އަމުރަކަށް އެ ގައުމުގެ ޕްރޮސެކިއުޓަރުން ކޯޓްގައި އެދިއްޖެ އެވެ.

ޖޭވައިލީ ހައްޔަރު ކުރުމުގެ އަމުރަކަށް ދެކުނު ކޮރެއާގެ ޕްރޮސެކިއުޓަރުން އެދުނީ ދެކުނު ކޮރެއާގެ ރައީސް ކަމުން ޕާކް އަޒުލް ކުރަން މެދުވެރިވި ހިޔާނާތުގެ މައްސަލައާ ގުޅުވައިގެން ކުރި ތަހުގީގެއްގައި 22 ގަޑި އިރު ޖޭ ވައިލީއާ ސުވާލު ކުރުމަށް ފަހުގަ އެވެ.

ސެމްސަން ގްރޫޕްގެ ވެރިޔާ ޖޭ ވައި ލީ، އެގައުމުގެ ރައީސާ ޕާކް ގިއުން ހައިގެ އަރިސް ބޭފުޅެއް ކަމަށްވާ ޗޮއި ސޫން ސިލްއަށް ރިޝްވަތުގެ ގޮތުގައި 43 ބިލިޔަން ވޮން (36.42 މިލިޔަން ޑޮލަރު) ދީފައިވާ ކަމަށް ދެކުނު ކޮރެއާގެ ސްޕެޝަލް ޕްރޮސެކިއުޓާސް އޮފީހުން ތުހުމަތު ކުރެ އެވެ.

ސެމްސަން ގްރޫޕް ހިންގުން ލީއާ ހަވާލުވީ އެ ގްރޫޕްގެ ބާނީ އަދި ލީގެ ބައްޕަ ލީ ކުން ހީއަށް 2014 ވަނަ އަހަރު ހާޓް އެޓޭކެއް ޖެހުމުންނެވެ. ލީ ހައްޔަރުކުރުމުގެ އަމުރަކަށް އެދުމުން ބޭއްވި ކޯޓް އަޑު އެހުމެއްގައި ދޮގު ހުވާ ކުރި ކަމަށް ވެސް ދެކުނު ކޮރެއާގެ ޕްރޮސެކިއުޓަރުން ވަނީ ތުހުމަތުކޮށްފައެވެ.

ލީ ހައްޔަރުމުގެ އަމުރަކަށް އެދިފައިވާ މައްސަލައިގެ އަޑު އެހުމެއް މާދަމާ ދެކުނު ކޮރެއާގެ ގަޑިން 10.30 ގައި ބާއްވާނެ ކަމަށް ވެރިރަށް ސޯލްގެ ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން ވަނީ ބުނެފައެވެ.

ސެމްސަން ގްރޫޕުން ބުނެފައި ވަނީ ލީ ރިޝްވަތު ދިން ކަމަށް ކޮށްފައިވާ ތުހުމަތު އެގްރޫޕުން ގަބޫލުނުކުރާނެ ކަމަށެވެ. -- ސީއެންބީސީ