ހަބަރު

އަނިޔާވެރިކަމާ ދެކޮޅަށް ކުރެވޭނެ ހުރިހާ ކަމެއް ކުރަން އަދާލަތުން ނިންމައިފި

Mar 17, 2015

އަދި ބުނެފައިވަނީ ކޮރަޕްޝަނާ ފަސާދަ އާންމުވެ މަސްތުވާތަކެތިން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ހެދިފައި ހުރި ގާނޫނުތައް އިތުރަށް ހަރުދަނާކުރުމުގެ ބަދަލުގައި ގޯސްވެފައިވާ ކަމަށާއި ބޮޑެތި ކުށާއި އަނިޔާވެރި ޖަރީމާތައް ހިންގާ ކުށްވެރިންނަށް މަގުފަހިވާ ގޮތަށް ސިޔާސަތުތައް ބައްޓަންކޮށް އެފަދަ ނުފޫޒުތައް ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއަށް ވައްދާފައިވާ ކަމަށެވެ.

" ދިވެހި ދައުލަތް ހިންގުމުގެ މަތިވެރި ޒިންމާ އަދާކުރުމަށް ޢާލަމްތަކުގެވެރި ﷲ ގަންދީ ޙުވާކޮށްގެންތިބި ރައްޔިތުންގެ ޚާދިމުންގެ އަނިޔާވެރިކަން ރައްޔިތުންގެ މައްޗަށް އާންމުވެ، މީސްމީހުންގެ މުދާ ނުޙައްޤުން ފިރުކައިގަނެ، ރައްޔިތުން ޙިމާޔަތަށްޓަކައި އެކަނި ވުޖޫދުގައި އޮންނަ ޤައުމުގެ ސަލާމަތީ ބާރުތަކާއި ރައްޔިތުންގެ މެދުގައި ޢަދުލުވެރިކަން ޤާއިމްކުރުމަށްޓަކައި އުފައްދާފައިހުރި މުއައްސަސާތަކުގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާތީ އާއި ދިވެހިރާއްޖެއިން ނެތެމުންދިޔަ އަނިޔާވެރި ވެރިކަމުގެ ވައްޓަފާޅި އަލުން އަނބުރާ އިޔާދަވަމުންއަންނަކަން ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ކަށަވްރުވެއްޖެ ހިނދު، މި އެންމެހައި އަނިޔާވެރި ކަންކަމާދެކޮޅަށް، އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ އަދި ޢަދާލަތު ޕާޓީގެ ދުސްތޫރާއި އުސޫލުތަކުން ބާރުލިބިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އިޤުރާރުވަމެވެ،"