ލައިފްސްޓައިލް

ކާމިޔާބު މީހަކަށްވާ ސަބަބާމެދު ވިސްނާލަބަލަ؟

Jan 17, 2017

ކޮންމެ މީހަކު ވެސް މަސައްކަތް ކުރަނީ ކާމިޔާބު މީހަކަށް ވާށެވެ. ބެލެނިވެރިނާއި ޓީޗަރުން އަދި ނަސޭހަތްދޭ އެންމެން ވެސް ގަބޫލު ކުރަނީ ކާމިޔާބަކީ މީހާ ކުރިއަށް ދިއުމުގެ މަގު ކަމުގަ އެވެ. އެންމެ ފަސޭހައިން މައުލޫމާތު ލިބޭ އިންޓަނެޓުން ވެސް ފެންނަން ހުރީ އެފަދަ މީހުންގެ ވާހަކަ އެވެ. ބިލް ގޭޓްސް އާއި ސްޓީވް ޖޮބްސް އާއި ރަޓާން ޓާޓާ ފަދަ އެތައް މީހުންނެއްގެ ކާމިޔާބު ވާހަކަ ފެންނަން އެބަ އޮތެވެ.

މިހުރިހާ ވާހަކަތަކަކުން ވެސް ޝައުގުވެރިވަނީ ކޮންމެ ކާމިޔާބު މީހެއްގެ ވާހަކައިގައި ދެ ސިފައެއް އަބަދު ވެސް ހިމެނޭތީ އެވެ. އެއީ ފައިސާ އާއި މަޝްހޫރު ކަމެވެ. އެފަދަ ކޮންމެ މީހަކީ ބޮޑެތި މަހުޖަނުންނެވެ. އަދި މުޅި ދުނިޔެ އެބައެއްގެ ކާމިޔާބު ފާހަގަ ކުރާ މީހުންނެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ކާމިޔާބަކީ ހަމަ ހަގީގަތުގައި ވެސް މީހާ މަހުޖަނަކަށްވެ މުޅި ދުނިޔެ އެމީހާ ބަލައިގަތުން ހެއްޔެވެ؟

ފައިސާއަކީ ހުރިހާ އުފަލެއް ނޫން

ކާމިޔާބު މީހެއް ކަމަށް މީހުން ގަބޫލު ކުރާ ފައިސާ އަކީ ގައިމު ވެސް އެމީހެއްގެ ސިއްހަތާއި އުފާވެރިކަން ގަނެވޭނެ އެއްޗެއް ނޫނެވެ. އަދި ދުނިޔޭގެ ކުރިމަތީގައި މީހާގެ އަގަކީ ވެސް ފައިސާއިން ގަނެވޭނެ އެއްޗެއް ނޫނެވެ. ބައެއް މީހުން ބުނާ ގޮތުންނަމަ ލޯތްބަކީ ވެސް ފައިސާ އަށް ގަނެވޭނެ އެއްޗެއް ނޫނެވެ. މިހެން މިވާހަކަ ދައްކާއިރު، ފައިސާ އަކީވެސް މުހިންމު އެއްޗެކެވެ. ނަމަވެސް މީހާ މަހުޖަނަކަށް ވުމަކީ ހަމައެކަނި މީހާ ކާމިޔާބު މީހަކަށް ބަދަލުކޮށްލާ ކަމެއް ކަމަށް ގަބޫލުކުރާ ކުރުން ދޫކޮށްލަންޖެހެ އެވެ. އޭގެ ބަދަލުގައި އެހެން މީހުންގެ ކުރިމަތީގައި މީހާގެ އަގުމަތިވުމާއި މީހާގެ ގަދަރު އުފުލަމަކީ ކާމިޔާބު މީހުންގެ ތެރޭ ހިމެނޭ ސިފަ އެކެވެ.

އެހެން މީހުންގެ ލޯބި ލިބުން

މިއީ ގައިމު ވެސް މީހާގެ ކާމިޔާބު ކަމެވެ. އެހެންމީހުން މީހާ ބަލައިގަނެ އެހެން މީހުންގެ އިހުތިރާމް ލިބުމަކީ މީހާގެ ކާމިޔާބު ކަމަށް ގަބޫލު ކުރަންޖެހެ އެވެ. މީހުންނަށް އެހީވުމުން އެހެންމީހުންގެ ފަރާތުން ލިބޭ ހެޔޮ ދުއާ އާއި ހެޔޮ ބަސްތަކަކީ ހަމަގައިމު ވެސް މީހާގެ ކާމިޔާބުކަން ޔަގީނެވެ.

މީހެއްގެ ނުފޫޒުނެތި އަމިއްލައަށް ގޮތް ނިންމުން

މީހުންގެ ނުފޫޒަކީ މީހާ ކުރިއަރައިގެން ދާންބޭ ނުންވާ މަގަށް ހުރަސް އެޅޭ ކަމަކަށް ވެގެން ނުވާނެ އެވެ. އަމިއްލަ ނަފްސު ބޭނުންވާ ގޮތަށް ކަންކަންވުމަކީ މީހާގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ވަރުގަދަވެ އަމިއްލައަށް ވެސް ހިތްހަމަޖެހުން ލިބޭ ކަމެކެވެ. އަދި އެމީހަކު ކުރިއަރައިގެންދާން ބޭނުންވާ ރޮނގަކުން ކުރިއަށް ދިއުމަކީ ހަމަގައިމު ވެސް އެމީހާކަށް އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ.

މުހިންމީ ކޮން ކަމެއްކަން ދެނެގަންނަންޖެހޭ

ވަޒީފާގައި ތާށިވެ އާއިލާ ނުވަތަ ރައްޓެހިންނާއެކު ހޭދަކުރަން ލިބޭ އުފާވެރި ވަގުތުތައް ނުލިބުމަކީ މީހާގެ ކާމިޔާބަށް އެޅޭ ހުރަހެކެވެ. އެއްވެސް ސަބަބަކާ ހެދި އާއިލާ ނުވަތަ ރައްޓެހިންނާއެކު ހޭދަކުރަން ލިބޭ ވަގުތު ވަޒީފާއިން ކަނޑާލިޔަދީގެން ނުވާނެ އެވެ. އާއިލާ ނުވަތަ ރައްޓެހިންނާއެކު ހޭދަކުރާ ވަގުތު ތަކުގައި ލިބޭ އުފަލާއި ހިތް ހަމަޖެހުމަކީ މީހާގެ ކާމިޔާބެކެވެ.

މިއަށްވުރެ ބޮޑު ވަކި ކާމިޔާބު މީހަކީ ދެން ކާކުހެއްޔެވެ؟