ދުނިޔެ

ސައިންސްވެރިންގެ އިންޒާރު: އޮސްޓްރޭލިއާގައި މީދަލުގެ ވަބާ ފެތުރިދާނެ

މި އަހަރުގެ ބަހާރު މޫސުމުގައި ވެހުނު ވާރޭގެ ސަބަބުން އޮސްޓްރޭލިއާގެ ގޮވާން ގިނަ ސަރަހައްދުތަކަށް "މީދަލުގެ ވަބާ" އެއް ޖެހިދާނެ ކަމުގެ އިންޒާރު އެ ގައުމުގެ ސައިންސް އެޖެންސީން ދީފިއެވެ.

މީދަލުގެ ވަބާއެއް ކަމަށް އެ އެޖެންސީން ސިފަ ކުރަނީ ކޮންމެ ހެކްޓަރެއްގައި 1000 އަށް ވުރެ ގިނަ މީދާ އުޅޭ ވަރަށް މީދަލުގެ އާބާދީ އިތުރުވާ ހާލަތްތަކެވެ.

ދިރާސާކުރައްވާ ބޭފުޅެއްކަމަށްވާ ޕްރޮފެސަރު ސްޓީވް ހެންރީ ވިދާޅުވީ މިހާރު އޮތް ހާލަތުގެ ސަބަބުން ފުދޭ ވަރަށް ކާނާ ލިބިއްޖެ ނަމަ މަސްތަކެއްގެ ތެރޭގައި މީދަލުގެ އާބާދީ އެ އަދަދަށް އިތުރުވާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އޮސްޓްރޭލިއާގައި މީދަލުގެ އާބާދީ މިހާރު އޮތީ ހެކްޓަރަކަށް ކިހާ މީދަލެއް ޖެހޭ ވަރަކަށްކަން ސައިންސް އެޖެންސީއަށް އަދި ބެލިފައި ނުވާ ކަމަށެވެ. ކޮންމެ ހެކްޓަރެއްގައި ފަސްމީދާ އުޅުމަކީ އާދައިގެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މީދަލުގެ ވަބާ ކުރިމަތިވުމަކީ އޮސްޓްރޭލިއާގެ ގޮވާން ގިނަ ސަރަހައްދުތަކާއި ޗައިނާގެ އިރު އުތުރު ސަރަހައްދުތަކުގައި އާއްމުކޮށް ހިނގާ ކަމެކެވެ. މީދަލުގެ ވަބާއެއް ޖެހިއްޖެ ނަމަ މީދާ މެރުމަށް ބޮޑު ހޭދައެއް ކުރަން ޖެހުމާއި އަލުން ގޮވާން ކުރަން ޖެހުން ފަދަ ގެއްލުންތައް ދަނޑުވެރިންނަށް ކުރިމަތިވެއެވެ. ހެންރީ ވިދާޅުވަނީ އެކަމުގެ ސަބަބުން ރަށްފުށު ސަރަހައްދުގެ މީހުންނަށް ހާސްކަމެއް ކުރިމަތިވާ ކަމަށެވެ.

"އެސޮރުމެން މީހުންގެ ގެތަކަށް ވެރިވާކަން އެއީ ހަގީގަތެއް. އެ ސޮރުމެން އެމީހުންގެ ވެހިކަލްތަކުގައި ތިބޭ. އެމީހުން އެނބުރި ބަލައިލާ ކޮންމެ ދިމާލެއްގައި މީދަލެއް އޮވޭ" މީދަލުގެ ވަބާއެއް ފެތުރިއްޖެ ނަމަ ހާލަތު ކަންތައް ވާ ގޮތް ސިފަކުރައްވަމުން ހެންރީ ވިދާޅުވެފައި ވެއެވެ.
އޮސްޓްރޭލިއާއަށް މީދާ ގެންދިޔައީ އެގައުމުގައި ޔޫރަޕްމީހުން ވަޒަންވެރިވީ އިރު އެމީހުންނެވެ. ކެއުމަށް މީދާ ބޭނުންކުރާ ޖަނަވާރު އެގައުމުގައި ވަރަށް މަދެވެ. -- ބީބީސީ