ދުނިޔެ

އަންހެން ދަރިފުޅު އަންދާލި އަންހެނަކު މަރަން ޕާކިސްތާނުން ހުކުމްކޮށްފި

ޕާކިސްތާނުގައި އަންހެން ދަރިއެއްގެ ގައިގައި ހުޅުޖަހައި އަންދައިލިކަމުގެ ކުށް ސާބިތުވި އަންހެނަކު މަރަން އެ ގައުމުގެ ކޯޓަކުން މިއަދު ހުކުމްކޮށްފިއެވެ.

ޕާކިސްތާނު ފުލުހުންގެ ތަރުޖާމާން ނަބީލާ ގަޒަންފަރު ސީއެންއެންއަށް ބުނެފައި ވަނީ ޕަރުވީން ބާބީ ނަމަކަށް ކިޔާ އެ އަންހެންމީހާ މެރުމަށް ކޯޓުން ހުކުމް ކުރީ "އާއިލާއަށް ލަދުވެތިކަން ކުރިމަތި ކުރީތީ" ދަރިފުޅު މަރައިލި ކަމަށް ކޯޓްގައި އިއުތިރާފް ވުމުން ކަމަށެވެ.

އުމުރުން 18 އަހަރުގެ ޒީނަތު ރަފީގު ބަނދެ، ކަރާސީނު އަޅައި އަންދާލި ހާދިސާ ހިނގީ މިދިޔަ އަހަރު އެވެ. ޒީނަތުގެ މަންމަ ޕަރުވީން އާއި އޭނާގެ ބޭބެ އަހުމަދު ރަފީގު އެ ލާއިންސާނީ އަމަލު ހިންގީ އަލަތު ފިރިމީހާގެ ގެއިން ނުކުމެގެން އާއިލާގެ ކައިރީގައި ދިރިއުޅެން އައުމުން ރުޅިއައިސްގެން ކަމަށް އެ ދެމީހުން ވަނީ ތަހުގީގުގައި ބުނެފައެވެ. އެކަމުގައި ބައިވެރިވެފައިވާތީ އަހުމަދު ރަފީގު އުމުރަށް ޖަލަށް ލުމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

"އާއިލާގެ ޝަރަފަށްޓަކައި" ކަމަށް ބުނެ އަންހެން ދަރިން މެރުމަކީ ޕާކިސްތާނުގައި އާއްމު ކަމެކެވެ. އެފަދަ ޖަރީމާތައް ހިންގި އެތައް ބަޔަކަށް އަދަބެއް ނުލިބި ސަލާމަތްވެފައި ވެސް ވެއެވެ.

ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައި ވަނީ "އާއިލާގެ ޝަފަށް ޓަކައި" ކަމަށް ބުނެ ހިންގި ޖަރީމާތަކުގައި މިދިޔަ އަހަރު ދެބައިވުމުގެ ކުރިން އެގައުމުގައި 300 އަންހެނުން މަރާލާފައިވާ ކަމަށެވެ. -- ސީއެންއެން