ހަބަރު

ތޮލްހަތާއި ޒިޔާދުގެ ޝަރީއަތް މިއަދު ބާއްވަނީ

Mar 17, 2015

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ދައުވާލިބޭ ބޭފުޅުންގެ ތެރެއިން ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކާނަލް މުހައްމަދު ޒިޔާދުގެ ޝަރީއަތް މިއަދު ބާއްވަން ތާވަލްކޮށްފި އެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ތޮލްހަތާއި އޭރުގެ ސިފައިންގެ އޮޕަރޭޝަންސް ޑައިރެކްޓާ ޒިޔާދުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމެވެ. ތޮލްހަތުގެ ޝަރީއަތް މިއަދު މެންދުރު 2:00 އަށް ތާވަލްކޮށްފައިވާއިރު ޒިޔާދުގެ ޝަރީއަތް އޮތީ 4:00 އަށް ތާވަލްކޮށްފަ އެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ދައުލަތުން ފަސް ބޭފުޅެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރިއިރު އޭގެ ތެރެއިން މިހާތަނަށް ނިމިފައިވަނީ އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އެކަންޏެވެ. ނަޝީދުގެ މައްޗަށް އެ ކުށް ސާބިތުވާތީ އެމަނިކުފާނު 13 އަހަރަށް ޖަލަށްލާން މިދިޔަ ހުކުރު ދުވަހުގެ ރޭ ހުކުމްކޮށްފައިވާއިރު އެހެން އެއްވެސް މައްސަލައެއް ނިމުމަކާ ގާތަށް ވެސް ނުދެއެވެ.