ވިޔަފާރި

ޑީޑޮސްގެ ހަމަލާތައް ދިފާއުކޮށް، ދިރާގުން ކަސްޓަމަރުންނަށް ޑިސްކައުންޓް

Jan 19, 2017

ދިރާގުގެ ނެޓްވޯކަށް ބަޔަކު ދެމުންގެންދިޔަ ޑީޑޮސް ހަމަލާތައް ދިފާއުކޮށް، އެ މައްސަލަ ވަރަށް ބޮޑަށް ހައްލު ކުރުމަށް ފަހު އެ ކުންފުނީގެ ކަސްޓަމަރުންގެ މި މަހުގެ ބިލް ޑިސްކައުންޓެއް ދޭން އެ ކުންފުނިން ނިންމައިފި އެވެ. އެ ހަމަލަތަކާ ގުޅިގެން ދިރާގުގެ މޯބައިލް އިންޓަނެޓާއި ބްރޮޑްބޭންޑްގެ ހިދުމަތްތައް މެދުކެނޑި ކަސްޓަމަރުންގެ ޝަކުވާ ބޮޑުވި އެވެ.

ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕީއާރު މުހައްމަދު މިރުޝާން ހަސަން މިއަދު ވިދާޅުވީ ޑީޑޮސްއާ ގުޅިގެން ކަސްޓަމަރުންނަށް ކުރިމަތިވި ދަތިތަކުން ހައްލު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކޮށް، ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

"މި މައްސަލަ [ޑިޑޮސް] ހައްލު ކުރަން މަސައްކަތް މި ކުރީ ދުނިޔޭގައި މި ފަދަ ކަންކަމުގައި އެންމެ މަޝްހޫރު އެއް ކުންފުންޏާ ގުޅިގެން. އެމެރިކާގެ ކުންފުންޏަކާ ގުޅިގެން މަސައްކަތް މި ކުރަނީ،" މިރުޝާން ވިދާޅުވި އެވެ.

ބަދަލެއްގެ ގޮތުގައި ޑިސްކައުންޓް ދެނީ

ޑީޑޮސް ހަމަލާތަކުގެ ސަބަބުން ގިނަ އަދަދެއްގެ މީހުންގެ ހިދުމަތްތައް ބުރޫއަރައި ވަނީ، ގެއްލުންވެފަ އެވެ. އަދި މީގެ ބަދަލެއްގެ ގޮތުގައި އަންނަ މަހުގެ ބިލަށް ކަސްޓަމަރުންނަށް ޑިސްކައުންޓްދޭންވެސް ދިރާގުން ދަނީ މަސައްކަތް ކުރަމުންނެވެ.

"ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އަންނަ މަހުގެ ބިލް އަންނައިރު، ހާއްސަ ޑިސްކައުންޓެއް ލިބޭނެ. ހިދުމަތުގެ މައްސަލަ އެންމެ ބޮޑަށް ދިމާވީ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވީމަ އެހެންވެ އެ ފަރާތްތަކަށް ޑިސްކައުންޓް ދޭނީ،" މިރުޝާން ވިދާޅުވި އެވެ.

ޑީޑޮސް ހަމަލާތަކުގެ ސަބަބުން ދިރާގުގެ އިތުރުން އުރީދޫ ކަސްޓަމަރުންނަށް ވަނީ މީގެ އުނދަގުލާ ކުރިމަތިވެފަ ވެފަ އެވެ. އަދި އެ ކުންފުނިން ވެސް ވަނީ މި ހަމަލާތައް ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅާފަ އެވެ.