އޭއެފްސީ ކަޕްގެ ގުރޫޕް އެޗްގައި މާދަމާ މިޔަންމާގެ އަޔެވާދީ ޔުނައިޓެޑްއާ ދެކޮޅަށް ނިއު ރޭޑިއަންޓް އަމިއްލަ ދަނޑުގައި ނުކުންނައިރު، ނިއު އިން ކުޅެންޖެހޭނީ އެޓޭކިން ގޭމެއް ކަމަށާއި ރަނގަޅު ނަތީޖާއެއް ނެރެން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ނިއުގެ ކޯޗު ބޮސްނިއާގެ އަމީރް އަލަޖިކް ބުނެފި އެވެ.
ނިއުގެ ކޯޗުކަމާ މިދިޔަ ހަފުތާގައި ހަވާލުވި އަލަޖިކްގެ އިރުޝާދުގެ ދަށުން ނިއު ފުރަތަމަ މެޗަށް ނުކުންނައިރު ނިއު ގުރޫޕް އެޗްގައި އޮތީ ތިން ޕޮއިންޓާއެކު އެވެ. ނިއު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އިންޑޮނޭޝިއާގެ ޕެރްސިބް ބަންޑުންގް އަތުން ރަށުން ބޭރުގައި 4-1 އިން ބަލިވިއިރު، ދެވަނަ މެޗުގައި ލާއޮސްގެ ލާއޯ އެފްސީ އަތުން އަމިއްލަ ދަނޑުގައި މޮޅުވީ 2-1 އިންނެވެ.
މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަލަޖިކް ބުނީ ނިއު އިން މެޗުގައި ކުޅެންޖެހޭނީ އެޓޭކިން ގޭމެއް ކަމަށެވެ. އެކަމަކު ޑިފެންސަށް ވެސް ސަމާލުވާންޖެހޭނެ ކަމަށެވެ. އަދި ޓީމާ ހަވާލުވެ، ދެ ތިން ދުވަހުގެ ތެރޭގައި ވާދަވެރި މެޗަކަށް ޓީމު ތައްޔާރުކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.
"އެކަށީގެންވާ ވަގުތު ނުލިބި ކަމެއް ހާސިލްކުރުމަކީ އުނދަގޫކަމެއް. އަހަރެމެން މާދަމާ މެޗުގައި ޖެހޭނީ އެޓޭކިން ގޭމެއް ކުޅެ، މެޗު ކޮންޓުރޯލް އަތުލަން މަސައްކަތްކުރަން. ޑިފެންސަށް ވެސް ސަމާލުވާންޖެހޭ. މި ކަންތައްތައް ރަނގަޅުކުރަން ފާއިތުވި ދެ ތިން ދުވަހުގެ ތެރޭގައި އަހަރެން ވަރަށް މަސައްކަތްކުރިން،" އަލަޖިކް ބުންޏެވެ.
އަލަޖިކް ބުނީ ނިއު އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި، ރަނގަޅު ކުލުމެއް ދެއްކި ޒުވާން މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) މާދަމާގެ މެޗުގައި ނިއުގެ ފުރަތަމަ 11ގައި ކުޅޭނެ ކަމަށެވެ.