ނިއުރޭޑިއަންޓް

ޒިޔާދާއެކު "ނޫ ބާޒު" އުދުހިގަންނަނީ!

ކޮންމެ ވާހަކައެއްގައި ވެސް ނާކާމިޔާބުގެ ބާބެއް ލިޔެވިފައި އޮވެއެވެ. ނިއުރޭޑިއަންޓް ހަޔާތުގައި ވެސް އެ ބާބު ލިޔެވުނެވެ. މިދިޔަ އަހަރަކީ އެ ޓީމުގެ ހަޔާތުގައި މި ދެންނެވި ނާކާމިޔާބު ބާބުގެ ސޮފްހާ އެއް ލިޔެވުނު އަހަރެ ކެވެ. ސީޒަން ނިންމާލަން ޖެހުނީ ހުސްއަތާ އެވެ. ދިވެހި ޕްރިމިއާ ލީގްގައި ކުޅުނު މެޗުތަކުން ރެލިގޭޓް ވެދާނެ ކަމުގެ ބިރު ވެސް ހީވިއެވެ. ނަސީބު ރަނގަޅު ކަމުން، ޝެޑިއުލަށް ގެނައި ބަދަލާއެކު، އެފްއޭކަޕްގައި ކުރިން ކުޅެން ހަމަޖެހިފައި ނެތް ތިން ވަނަ ހޮވާ މެޗު، ކަލަންޑަރުގައި ހިމަނައި އެމެޗު ކުޅުނު ކަމުން، ލޯ މެޑަލް ލިބުން ފިޔަވައި، ކަރުގައި އަޅާލާނެ މެޑައްޔެއް ނުލިބުނެވެ. ޕްރެޒިޑެންޓް ކަޕް ކުޅެލަން ފުރުސަތު ލިބުނީ ވެސް ނަސީބު އެހީވެ، މުބާރާތުގައި ހަ ޓީމު ބައިވެރި ކުރަން ނިންމުމުން ނެވެ.

މިއީ ނިއުއަށް މިދިޔަ ސީޒަންގައި ކުރިމަތިވި ނާކާމިޔާބުގެ ހުލާސާ އެކެވެ. ނާކާމިޔާބާއެކު ކުލަބުގެ ބޯޑު އުވާލައި އާ އިންތިހާބަކަށް ގޮވާލި އެވެ. ބޯޑު އުވާލީ އިންތިހާބު ކުރިތާ އެއް އަހަރުވެސް ނުވަނީ ހެވެ. އާ އިންތިހާބުން ނިއުގެ ޗެއާމަން ކަމަށް ވަޑައިގެންނެވީ ކާނަލް ރިޓަޔަޑް މުހައްމަދު ޒިޔާދެވެ. ނިއުގެ ޗެއާމަން ކަމަށް ވަޑައިގެންނެވުމުގެ ކުރިންވެސް ޒިޔާދު ވަނީ ކުޅިވަރުގައި ހަރަކާތްތެރިވެ ވަޑައިގެންފަ އެވެ. އެއީ ދިވެހި ސިފައިންގެ ކުލަބުގެ ރައީސްއެއްގެ ގޮތުގަ އެވެ.

ނިއުގެ ޗެއާމަން ކަމަށް ވަޑައިގެން، ޒިޔާދު އެޅުއްވި ފިޔަވަޅުތަކުގެ ތެރެއިން އެންމެ ހާއްސަ ފިޔަވަޅަކީ، މަޝްހޫރު ކުޅުންތެރިންތަކެއް އަލުން ނިއު އަށް ގެނައުމެއް ނޫނެވެ. އެންމެ ހާއްސަ ފިޔަވަޅަކީ ސްޓްރެޓެޖިކް ވިސްނުމެއްގައި ރާއްޖޭގެ ފުޓްބޯޅަ އަށް ގެންނަން ވިދާޅުވި ބަދަލެވެ.

ނިއުގެ ހަޔާތުގައި ކުލަބަށް އެކި ޗެއާމަންޝިޕްގެ ދަށުން ކާމިޔާބު ހޯދައި ދީފައި އެބަހުއްޓެވެ. ނަމަވެސް އެއިން ކޮންމެ ބޭފުޅަކު ވެސް މަސައްކަތް ވެސް ފޯކަސް ކޮށްފައި ވަނީ އެބޭފުޅެއްގެ ދައުރަށެވެ. ޒިޔާދު ފެއްޓެވި އެކަން ބަދަލު ކޮށްލެވުމަށެވެ. މާދަމާ ކޮންމެ ބަޔަކު ނިއުގެ ހިންގުމަށް ހަވާލުވިޔަސް، އަލުން ފަންޑު ހޯދައިގެން ޓީމު ކޮޅަށް ޖަހަން ނުޖެހޭނެ ކަމުގެ ޔަގީން ދެއްވަމުންނެވެ.

"ކުލަބަށް އާންމުދަނީ ލިބޭނެ ގޮތްތަކެއް ރޭވުމުގެ ވިސްނުންތަކެއް އެބަހުރި މިއަހަރު ތެރޭ ބައެއްކަން ފެނިގެންދާނެ،" މިމަހު ހަ ވަނަ ދުވަހުގެ ރޭ ބޭއްވި އިންތިހާބަށް ފަހު ޒިޔާދު ވިދާޅުވި އެވެ.

ކުލަބު މާކެޓް ކުރުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެޅުއްވި ފިޔަވަޅުތައް ހަރުދަނާ ކަމަށް ބުނަން ޖެހެއެވެ. ޕްރީ ސީޒަނަށް ތައްޔާރު ވުމަށް ބޭއްވި ހަރަކާތަކީ ރާއްޖޭގެ ކުލަބަކުން މިހާތަނަށް ބޭއްވި އެފަދަ ފުރަތަމަ ހަރަކާތެވެ.

ނިއު އަކީ ސަޕޯޓަރުންގެ ހަރަކާތް ރާއްޖޭގައި އެންމެ ފުޅާކޮށް ގެންދާ އެއް ކުލަބެވެ. ސަޕޯޓަރުންގެ ހަރަކާތްތައް ޒިޔާދު ފެއްޓެވީ އާ ވިސްނުމަކާ އެކު އެވެ. ސަޕޯޓާރުން ޖަމާވުމަށް މާލޭގައި ކެފޭއެއް ހުޅުވުމަށް މަސއްކަތް ދަނީ ކުރި އަށެވެ. ނިއުގެ ސަޕޯޓާސް ޔޫނިއަން އުފެދި ސޯޝަލް މިޑީއާގައި ނިއުގެ އަޑުތައް ދަނީ ވައިގައި ހިތްޕަމުން ނެވެ.

ނިއުގެ ބޯޑު މެންބަރަކު ވިދާޅުވި ގޮތުގައި ޒިޔާދުގެ ޕްލޭންތައް ފުރިހަމަކޮށް ނިމޭއިރު، ރާއްޖޭގެ ފުޓްބޯޅަ އަށް ބޮޑު ބަދަލެއް އަންނާނެ އެވެ.

"އޭރުން އެހެން ކުލަބުތަކަށް ވެސް މަޖުބޫރު ވާނެ މިގޮތަށް ކުލަބު ހިންގަން. މިހާރު އެއްވެސް ކުލަބެއްގައި ކުލަބު ހައުސްއެއް ނެތް އަމިއްލަ ގޭގައި ކުލަބުގެ ލިޔެކިޔުންތައް ގެންގުޅުމަކީ ހިންގުމުގެ އުސޫލެއް ނޫން، ނަމަވެސް ޗެއާމަން ބޭނުންފުޅުވޭ އެކަން ބަދަލު ކޮށްފައި ދައްކަން،" ބޯޑު މެންބަރު ވިދާޅުވި އެވެ.

ކުލަބު ހައުސްއެއް ބިނާ ކުރުމަކީ ޒިޔާދުގެ އެންމެ މުހިންމު ވައުދެވެ. އޭނާ ވަނީ މިއަހަރު ތެރޭގައި އެކަން ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ނިއުގެ ހަރކާތްތައް އަަތޮޅުތަކުގައިވެސް ހިންގަން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ނިއުގެ އެކެޑެމީ ފުޅާ ކުރަން ވަނީ ނިންމާފަ އެވެ.

އެންމެ މުހިންމު އަނެއް ކަމަކީ ކުޅުންތެރިން މޯޓިވޭޓް ކުރަމަށް ޒިޔާދު ދެއްވާ އަހަމިއްޔަތެވެ. އެކަމަށް އޮތް އެންމެ ބޮޑު ހެއްކަކީ ދިވެހި ސިފައިންގެ ކުލަބުގެ ދުވަސް ވަރު ކުޅުންތެރިން މޯޓިވޭޓް ކުރުމަށްޓަކައި ޒިޔާދުގެ ލީޑާޝިޕް މުހިންމު ދައުރެއް އޮތް ކަމެވެ.

"ޒިޔާދަކީ ކުޅުންތެރިން މޯޓިވޭޓް ކުރުމަށް ވަރަށް އިސްކަން ދެއްވާ ބޭފުޅެއް ކުޅުންތެރިންގެ މޯޓިވޭޝަނަށް ހަރުދަނާ ގިނަ ފިޔަވަލުތަކެއް އަޅާފައި އެބަހުރި އޭގެ ނަތީޖާ ވެސް ފެންނާން އެބަހުރި،" ކުރިން ދިވެހި ސިފައިންގެ ކުލަބަށް ކޯޗް ކޮށްދިން އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ ސާންތީ ބުންޏެވެ.

ނިއުގެ ކުރީގެ ބޯޑު މެންބަރަކު ވިދާޅުވި ގޮތުގައި ޒިޔާދު އައިސް ގެންނަން ފެއްޓެވި ބަދަލުތަކަކީ، މީގެ ކުރިން ނިއިގެ އެއްވެސް ޗެއާމަނަކު ނުގެންނަވާ ފެންވަރުގެ ބަދަލުތަކެކެވެ.

"އެހެން ބޭފުޅުންވެސް ކާމިޔާބު ހޯދައިދީފައި އެބަހުރި ނަމަވެސް މިހާރު ހުންނެވި ޗެއާމަން އެގެންނަވާ ބަދަލުތަކަކީ މުޅިން ތަފާތު ބަދަލު ތަކެއް، ސަޕޯޓަރުންގެ ފޯރި ކުޑަވެފައި އޮތް ދަނޑިވަޅެއްގައި ކުލަބާ ހަވާލުވެ ސަޕޯޓަރުން ވެސް ހޭލައްވާލައިފި މިހާރު ކުލަބުގައި ދިރުމެއް އޮތްކަން އެނގޭ،"

ނިއުގެ ޖެނަރަލްސެކެޓްރީ އަހްމަދު ނިޔާޒު އަކީ، ޒިޔާދުގެ ދަށުން އެމްއެންޑީއެފްގައި މަސައްކަތް ކުރި ފަރާތެކެވެ. އަދި އޭނާ ވަނީ ދިވެހި ސިފައިންގެ ކުލަބުގެ އެސިސްޓެންޓް ކޯޗު ކަންވެސް ކޮށްފަ އެވެ. ސިފައިންގެ އެސްޕީއައިޖީގެ ހެޑަކަށް ޒިޔާދު ހުންނެވި އިރު ނިޔާޒު ވަނީ އޭނާގެ ދަށުން މަސައްކަތް ކޮށްފަ އެވެ.

"ޒިޔާދަކަށް ކަމުކު ނުދާނެ ކޮންމެ ކޮންމެ ގޮތަކަށް ކަންތައްތައް ގޮސްގެނެއް، އެހެންވެ އަޅުގަނޑާ މަސައްކަތެއް ހަވާލު ކުރިޔަސް ބައްލަވާނެ ކިހިނެއްތޯ އެކަމެއް ދަނީ ކަންކަން ކުރެއްވުމުގައި އުސޫލުތަކެއް ހިފަހައްޓާވާ، އުސޫލުތަކެއްގައި ހިފަހައްޓައިގެން ކާމިޔާބަކާ ހަމަޔަށް ދެވޭނީ." ނިޔާޒު ވިދާޅުވި އެވެ.

ނިއު އަށް ބަދަލުތަކެއް އައިކަން އެނގިޖެއެވެ. ކޮންމެ ދުވަހަކު ހަވީރު އެޓީމުގެ ޕްރެކްޓިސް ބަލަށް ސަޕޯޓަރުން ދިއުމަކީ ނިއު އަށާއި ދިވެހި ފުޓްބޯޅަ އަށް ހެޔޮ ފާލެކެވެ. ނިއުއާއެކު އެޓީމުގެ ވާދަވެރި ޓީމުތައް ވެސް އެހިސާބަށް މަސައްކަތް ކުރުމަކީ ދިވެހި ފުޓްބޯޅަ އަށް އޮތް ކުރިއެރުމެކެވެ. ނާކާމިޔާބު އެއް އަހަރަށްފަހު، ނިއުގެ ސަޕޯޓަރުންގެ މޫނުތައް އަލިވެއްޖެއެވެ. ޒިޔާދު އާއެކު ދިވެހި ކުޅިވަރުގެ ނޫބާޒު އުދުހިގަންނަން ތައްޔާރުވެއްޖެ އެވެ. ހުރިހާ ކުރިއެރުމެއް އޮތީ ނިއުއަށާއި ދިވެހި ފުޓްބޯޅަ އަށެވެ.