ޑޮނަލްޑް ޓްރަމްޕް

ރައީސްކަމުގެ ހުވާ ޓްރަމްޕް ކުރައްވައިފި

އެމެރިކާގެ ރައީސް ކަމަށް މިދިޔަ ނޮވެމްބަރު މަހު އިންތިހާބުވެ ވަޑައިގެންނެވި ރިއަލް އެސްޓޭޓް ވިޔަފާރިވެރިޔާ، ބިލިއަނަރު، ޑޮނަލްޑް ޓްރަމްޕް ރައީސް ކަމުގެ މަގާމުގެ ހުވާ ކުރައްވައިފި އެވެ.

އެމެރިކާގެ 45 ވަނަ ރައީސް ޑޮނަލްޓް ޓްރަމްޕް ހުވާ ކުރެއްވީ އެ ގައުމުގެ ވެރިރަށް ވޮޝިންޓަން ޑީސީގައި ހުންނަ އެ ގައުމުގެ ޕާލަމެންޓް އިމާރާތް ކެޕިޓޯލް ހިލްގެ ސިޑިބަރީގެ ކައިރީގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. އެމެރިކާގެ ކެޕިޓޯލް ހިލްގައި ބޭއްވި މި ތާރީހީ ރަސްމިއްޔާތުގައި ޓްރަމްޕަށް ހުވާލައި ދެއްވީ، އެމެރިކާގެ ޗީފް އޮފް ޖަސްޓިސް ޖޯން ރޮބާޓް އެވެ. ޓްރަމްޕާއެކު އެމަނިކުފާނުގެ ނައިބުގެ ގޮތުގައި މައިކް ޕެންސް ވަނީ ހުވާކުރައްވާފަ އެވެ.

ހުވާ ކުރެއްވުމަށްފަހު ޓްރަމްޕް ވަނީ ރައީސްގެ ހައިސިއްޔަތުން ފުރަތަމަ ތަގުރީރު ދެއްވާފަ އެވެ. އެ ތަގުރީރު ފައްޓަވަމުން ޓްރަމްޕް ވަނީ ވެރިކަން ބަދަލުވުމުގައި ބަރަކް އޮބާމާ އަދި މިޝޭލް އޮބާމާ ދެއްކެވި ނަމޫނާއަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ކުރިއަށް އެމެރިކާ އޮތީ އުއްމީދީ ދުވަސްތަކެއް ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕް ވިދާޅުވީ، މިއަދު ފެށިގެން ވެރިކަން ކުރަމުން ދަނީ މުޅިން އާ ގޮތަކަށް ކަމަށާއި އަބަދުވެސް އިސްކަން ދެއްވާނީ އެމެރިކާ ރައްޔިތުންނަށް ކަމަށެވެ. އެމެރިކާއަކީ ރައްކާތެރި ގައުމަކަށް ހަދައި އަވަށްޓަރި ގައުމުތަކުގެ ނުރައްކަލުން ސަލާމަތް ކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ހައްދުފަހަނާއަޅާފައިވާ އިސްލާމިކް ޓެރަރިޒަމާ ދެކޮޅަށް ވަރުގަދަ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައްޔިތުންނަށްޓަކައި މަސައްކަތް ކޮށްދޭނަން، އަހަރެން އެކަމުގައި ވަރުބަލި ނުވާނެ، އެމެރިކާއަށް އަލުން ކާމިޔާބު ވާނެ، އެމެރިކާގެ ހުވަފެންތަކާއި އުއްމީދުތައް އަލުން ގެންނާނަން، ބޯޑަރުތައް ރައްކާތެރިކުރާނަން، ވަޒީފާތައް ހޯދައިދޭނަން،" ވަރަށް ޖޯޝުގައި ހުންނަވާ ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ، އެމެރިކާ އަސްކަރިއްޔާ އެތައް ޓްރިލިއަން ޑޮލަރެއް ހަރަދުކުރަމުންދާއިރު އުމްރާނީ ތަރައްގީ މަތިން ހަނދާން ނެތިފައިވާ ކަމަށެވެ. އެންމެ އިސްކަމެއް ދެއްވާނީ ގައުމުގެ އުމްރާނީ ތަރައްގީއަށް ކަމަށާއި އެހެން ގައުމުތަކަށް އެހީވާނީ އޭގެ ފަހުގައި ކަމަށެވެ. ނަމަވެސް އެއީ މާޒީ ކަމަށާއި ދެން އޮތީ މުސްތަގު ކަމަށް ވިދާޅުވި އެވެ.

"ކުރިމަގަށް ބެލުން ނޫން ގޮތެއް ދެން ނެތް، އެމެރިކާ ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް އޮވެގެން ނުވާނެ، އެމެރިކާއަކީ ރައްޔިތުންގެ ގައުމެއް، އަހަރެމެން އެންމެންގެ ގައުމެއް، އަހަރެމެން ހިއްސާ ކުރަނީ އެއް ހިތެއް، މި ގައުމަކީ ރަނގަޅު ވަޒީފާތަކެއް އޮތް ގައުމަކަށް ހަދާނަން، އަވަށްޓަރި ގައުމުތަކުގެ ނުރައްކާ ނެތް ގައުމަކަށް ވެސް ހަދާނަން، އެމެރިކާއަކީ ވަރުގަދަ ގައުމަކަށް ވެސް ހަދާނަން، އިގުތިސޯދު ކޮޅަށް ވެސް ޖަހާނަން، އެކަން ކުރެވޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އެގައުމުގެ ކުރީގެ ރައީސުން ކަމަށްވާ ޖޯޖް ޑަބްލިއު ބުޝްއާއި ބިލް ކްލިންޓަނާއި ޖިމީ ކާޓާ އާއި ބަރަކް އޮބާމާ ބައިވެރިވެވަޑައިގެންނެވިއެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަންނަވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ޖޯޖް އެޗް ޑަބްލިއު ބުޝްއެވެ. ޓްރަމްޕާ ވަރަށް ގާތުން އިންތިހާބުގައި ވާދަކުރެއްވި ހިލަރީ ކްލިންޓަން ވެސް ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތެވެ. އެކަމަނާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ، ޑިމޮކްރަސީއަށް އިހުތިރާމްކުރައްވާތީ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕް ހުވާ ކުރެއްވި ރަސްމިއްޔާތުގެ ލައިވް ބްލޮގް

ރައީސްގެ ހައިސިއްޔަތުން ޓްރަމްޕް އެންމެ ފުރަތަމަ ވަނީ ކުރީގެ ރައީސް އޮބާމާއަށް އަލްވަދާއު ދަންނަވާފަ އެވެ. ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު އޮބާމާ ވަނީ ހެލިކަޕްޓަރެއްގައި ވަޑައިގެންފަ އެވެ. އޮބާމާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކެލެފޯނިއާއަށެވެ.