ދުނިޔެ

މެހްމެޓް އޮޒް: އެމެރިކާގެ ފުރަތަމަ މުސްލިމު ސެނެޓަރަށް ވެދާނެ

Nov 8, 2022

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ތާއީދާއި އެކު އިދިކޮޅު ރިޕަބްލިކަން ޕާޓިގެ ފަރާތުން ޕެންސިލްވޭނިއާގެ ސްޓޭޓުން ސެނެޓަރު ކަމަށް މިފަހަރު ކުރިމަތިލަނީ މެހްމެޓް އޮޒް އޭ ކިޔޭ ތުރުކީ ދަރިފަސްކޮޅަށް ނިސްބަތްވާ އެމެރިކާގެ މުސްލިމެކެވެ.

ސިޔާސީ ދާއިރާގައި ހަރަކާތްތެރި ވުމުގެ ކުރީން އޮޒް އަކީ ރިޓަޔާ ވެފައިވާ ސާޖަނެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއްވެސްމެ އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އެއް ގެ ކަމުގައިވާ ހައުސް އޮފް ސެނެޓަސް މުސްލިމު މެންބަރަކު އަދި މިހާތަނަށް އިންތިހާބުކޮށްފައެއް ނުވެ އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދެވަނަ ގެ ހައުސް އޮފް ރެޕްރެޒެންޓެޓިވް އަށް މީގެ ކުރިން މުސްލިމު މެންބަރުން ކަމުގައިވާ އިލްހާން އޮމާރު އަދި ރަޝީދާ ތްލައިބް ފަދަ ބޭފުޅުން އިންތިހާބުކޮށްފައިވަނީ ވަރަށް ބޮޑު ތާއީދަކާ އެކު އެވެ. ނަމަވެސް އެމެރިކާގެ މުސްލިމު ރައްޔިތުންގެ ފަރާތުން އިލްހާން އާއި ރަޝީދާއަށް އޮތް ވަރުގެ ތާއީދެއް އޮޒް އަށް ނެތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕިއު ރިސާޗް ސެންޓަރުން 2017 ވަނަ އަހަރު ނެރުނު ދިރާސާ ރިޕޯޓެއްގައިވާ ގޮތުގައި އެމެރިކާގެ އާބާދީގައި މުސްލިމުންގެ އަދަދަކީ އެންމެ އިންސައްތަ އެކެވެ.

އޮޒްގެ ކެމްޕޭންގައި އޭނާ ގެންދަވަނީ އިސްރާއީލަކީ އެނާ ނުހަނު ސަޕޯޓުކުރާ ދައުލަތެއް ކަމަށާއި އިސްރާއީލާ އެކު އެމެރިކާ ރަނގަޅު ގުޅުމެއް ބާއްވަންޖެހޭ ކަމަށް ވިދާޅުވެ ވާހަކަދައްކަވަމުންނެވެ. އަދި އޭނާ ވެސް އެ ގުޅުން ދަމަހައްޓަވާނެ ކަމުގައި ވިދާޅުވި އެވެ.

އޮޒް އަށް އެމެރިކާގެ ގިނަ މުސްލިމުންގެ ތާއީދު ނުލިބެނީ އިސްރާއީލާ ގުޅޭގޮތުން އޭނާ ފާޅުކުރާ ހިޔާލުތަކުގެ ސަބަބުން ކަމަށް ފަލަސްތީނުގެ ދަރިފަސްކޮޅަށް ނިސްބަތްވާ ޕެންސިލްވޭނިއާ ސްޓޭޓުގެ އެލެންޓައުނުގައި ދިރިއުޅެމުންދާ ނަގީ ލަތެފާ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.

ރިއަލް އެމެރިކާސް ވޮއިސް އަށް ދެއްވި އިންޓަވިއު އެއްގައި އޮޒް ވިދާޅުވީ އެމެރިކާގައި އިސްލާމީ ޝަރީއާ ތަންފީޒުކުރަން ބޭނުން ނުވާ ކަމަށާއި ދީނާއި، ސިޔާސަތަކީ ވަކި ދެ އެއްޗެއް ކަމަށެވެ. އަދި އެމެރިކާގެ މުޖުތަމައުގައި ދީނުގައި ހައްދުފަހަނަ އަޅާފައިވާ ބަޔަކަށް ޖާގައެއް ނެތް ކަމަށާއި، ފުރުސަތު ލިބިވަޑައިގެންފިނަމަ އޭނާ އެފަދަ ބައެއް މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށެެވެ.

އެމެރިކާގެ މިޑް ޓާމް އިންތިހާބުގައި ވޯޓުލެވޭނީ މިއަދުގެ ނިޔަލަށެވެ. އޮޒްއާ ދެކޮޅަށް ޕެންސިލްވޭނިއާ އިން ވާދަކުރަނީ މިހާރުގެ ރައީސް ޖޯ ބައިޑެން ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ ލޖޯން ފެޓާމޭން އެވެ.