ދުނިޔެ

ޓްރަމްޕް ސެނެޓަށް ޖަވާބުދާރީވެ ވަޑައިނުގަންނަވާނެ: ލީގަލް ޓީމް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުށްވެރިވޭތޯ ބަލަން ސެނެޓްގައި ބާއްވާ އަޑުއެހުންތަކުގައި ޖަވާބުދާރީވެ ވަޑައިނުގަންނަވާނެ ކަމަށް އޭނާގެ ލީގަލް ޓީމުން ބުނެފި އެވެ. ލީގަލް ޓީމުން މިހެން ބުނެފައި ވަނީ ޓްރަމްޕް އިމްޕީޗް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާ ޖެމީ ރާސްކިން ޓްރަމްޕްގެ ލީގަލް ޓީމަށް ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ.

ރާސްކިން ސިޓީއަކުން އެދިވަޑައިގެންފައި ވަނީ ޓްރަމްޕްގެ ފަރާތުން ކަމެއް ފާހަގަ ކުރަން އެދޭ ނަމަ ސެނެޓަށް ވަޑައިގެން ވިދާޅުވުމަށެވެ. އަދި ދިފާއީ ނުކުތާތަކެއް ހުރި ނަމަވެސް އެކަމާއިގެން ކުރިއަށް ވަޑައިގަތުމަށެވެ. އޭނާ ވިދާޅުވެފައިވާ ގޮތުން ޓްރަމްޕްގެ ޓީމަށް ފަސޭހަ ކޮންމެ ވަގުތެއްގައި އަދި ފަސޭހަ ތަނެއްގައި ފުރުސަތު ހޯއްދަވައި ދެވިދާނެ އެވެ.

ޓްރަމްޕްގެ ޓީމުން އެޓާނީ ބްރޫސް ކާސްޓާ އާއި ޑޭވިޑް ސްކޯން ސިޓީއަށް އިންކާރު ކުރައްވައި ވިދާޅުވީ "ސެނެޓުން ކުޅުއްވަނީ ޕަބްލިކް ރިލޭޝަން ސްޓަންޓް" އެއް ކަމަށެވެ.

ލީގަލް ޓީމުން ރާސްކިންއަށް ބުނީ ޓްރަމްޕް ކުށްވެރިވާކަން ސެނެޓަށް ކަނޑަނޭޅޭނެ ކަމަށާއި އޭނޭ އަކީ މިހާރު އާންމު ފަރުދެއް ކަމަށެވެ.

ޓްރަމްޕްއަށް ނަސޭހަތްތެރިވާ އެންމެން ކަހަލަ ގޮތަށް އޭނާއަށް ހިތްވަރު ދެއްވަނީ ސެނެޓަށް ޖަވާބުދާރީ ނުވުމަށެވެ. ޓްރަމްޕްގެ ސީނިއާ އެޑްވައިޒަރު، ޖޭސަން މިލާ ރޭޑިއޯގައި ވާހަކަފުޅު ދައްކަވަމުން ވެސް ވިދާޅުވެފައި ވަނީ ހަމަ އެއްވާހަކަ އެވެ. ސެނެޓަށް ޖަވާބުދާރީވެ ވަޑައިނުގަންނަވާނެ ކަމަށެވެ.

"ގާނޫނާ ޚިލާފު އަޑުއެހުމަކަށް ރައިސް ޖަވާބުދާރީވެ ވަޑައިނުގަންނަވާނެ،" ޖޭސަން މިލާ ވިދާޅުވި އެވެ.

އެމެރިކާގެ ކުރީގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ކުށްވެރިވޭތޯ ސެނެޓުން ބަލައި ތަހުގީގު ކުރަނީ، އޭނާއަށް ވަފާތެރި ސަޕޯޓަރުން ޖެނުއަރީ ހަވަނަ ދުވަހު ކެޕިޓަލް ތެރެއަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ޑިމޮކްރެޓުން ބުނާ ގޮތުން އެއީ ގާނޫނީ ދައުލަތެއް ބަލިކަށިކޮށްލަން ދިން ހަމަލާއެކެވެ. އެއީ ޓްރަމްޕް ދެއްވި ހިތްވަރުން ބަޔަކު ހިންގި ނާތަހުޒީބު އަމަލަކަށް ވާތީ މައްސަލަ ބަލަލައި ފިޔަވަޅުއަޅަން ޖެހޭ ކަމަށް ވެސް ބައެއް ސެނެޓަރުން ވިދާޅުވެ އެވެ.