އިންތިހާބުން ބަލިވުމަށް ފަހު ރިޔާސީ ގަނޑުވަރު ވަވައިޓް ހައުސް ދޫކުރައްވައި ވަޑައިގަތުމަށްފަހު ޕްލޭންގައި ދެން އޮތީ ކޮންކަމެއްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޓްރަމްޕް ވާހަކަފުޅު ދައްކަވައިފި އެވެ.
ޓްރަމްޕް ވިދާޅުވީ "އަޅުގަނޑުމެން ކޮންމެވެސް ކަމެއް ކުރާނަން – އެކަމަކު، އަދި މިވަގުތަކު ނޫން" ކަމަށެވެ.
ޓްރަމްޕްއަށް މި ހިސާބަށް ވިދާޅުވެވުނުތަނާ، ޓްރަމްޕް އިންޓަނޭޝަނަލް ގޯލްފް ކްލަބްގެ އެހީތެރިއަކު ތަންކޮޅެއް ބާރަށް ވަޑައިގެން އެކަމަކު ވަރަށް އަދަބުވެރި ކަމާއެކު ސުވާލު ކުރުން ހުއްޓުވި އެވެ.
ޓްރަމްޕް ވެެރިކަމުން ފައިބާ ވަޑައިގެން ވައިޓް ހައުސް ދޫކުރައްވައި ވަޑައިގަތީ ފްލޮރިޑާއަށެވެ. އޭނާގެ ގޮލްފް ކްލަބްގައި އާންމުކޮށް އިށީންނަވާ ކޮނޑިކޮޅުގައި އިށީނދެވަޑައިގެން ގާތް އެކުވެރިންނާއެކު ކޭން ބައްލަވަން އުޅުއްވި މަންޒަރު ވަނީ ސުވާލުކުރި ނޫސްވެރިޔާއަށް ފެނިފަ އެވެ.
އަމިއްލަ ގޯލްފް ކްލަބްގައި ޓްރަމްޕް އަރާމު ކުރައްވަމުން ވަޑައިގަންނަވާއިރު، ޓްރަމްޕްއާ މެދު ދެން ކަންތައް ހިނގައި ދާނެ ގޮތް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށް އެބަ ދެ އެވެ. ހައުސް ޑިމޮކްރެޓިކް ލީޑަރު ވިދާޅުވީ ޓްރަމްޕް އިމްޕީޗް ކުރަން ތައަޔާރުކުރި ކަރުދާސް ހޯމަ ދުވަހު ސެނެޓަށް ފޮނުވާނެ ކަމަށެވެ.
ޓްރަމްޕްގެ ވަދާއީ ބަޔާނުގައި ވެސް އަދި ފަހުން އެންޑްރޫސް އެއާ ފޯސް ބޭސްގައި، އެއާ ފޯސް ވަން އަށް އަރާވަޑައިގަތުމުގެ ކުރިން ވެސް ސަޕޯޓަރުންނަށް ހިތްވަރު ދެއްވުމަށް ޚާއްސަ ލަފުޒުތަކެއް ވިދާޅުވި އެވެ. ވިދާޅުވީ "ކޮންމެވެސް ގޮތަކަށް އެނބުރި އަންނާނަން" ކަމަށެވެ. އެގޮތެއް ސާފުވަނީ ސެނެޓްގައި ހިންގަންއުޅޭ ޝަރީއަތް ނިމުމުންނެވެ.
އެމެރިކާގައި ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ވެސް ވާދަ ކުރެއްވުމަށް ޓްރަމްޕް ވަނީ ނިންމަވަފަ އެވެ. އޭނާގެ ވިސްނުންފުޅު އެހެން ހުރި ނަމަވެސް އޭނާއާ މެދު އަމަލު ކުރެވޭނެ ގޮތެއް އަދި ނޭނގެ އެވެ. އޭނާ ކުށްވެރިވާ ކަމަށް ސެނެޓުން ކަނޑައަޅައި ފާސްކޮށްފި ނަމަ ރިޔާސީ އިންހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.