ކުޅިވަރު

ޖެރާޑް، ލިވަޕޫލްގެ ކޯޗަކަށް ހަދަން ކްލޮޕް އެހީ ވަނީ

Jan 24, 2017

ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑް، ލިވަޕޫލްގެ ކޯޗަކަށް ގެންނަން، ނިންމުމުން އެކަމަށް މަރުހަބާ ކިޔައި، ކާމިޔާބު ކޯޗަކަށް ވުމަށް ޖެރާޑަށް އެހީތެރިވެދޭނެ ކަަމަށް ލިވަޕޫލްގެ ސީނިއާ ޓީމުގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ލިވަޕޫލުން އިއުލާން ކޮށްފައި ވަނީ، މިދިއަ ނޮވްމްބަރު މަހުން ފެށިގެން ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލި ޖެރާޑް އެ ކްލަބުގައި ފުލްޓައިމް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން މިއަންނަ މަހު ފަށާ ލިވަޕޫލްގެ އެކެޑެމީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނީ ޖެރާޑް ކަމަށެވެ.

ލިވަޕޫލަށް 700 ވުރެ ގިނަ މެޗު ކުޅެދީފައިވާ ޖެރާޑާ ބެހޭގޮތުން ކްލޮޕް ބުނީ އޭނާ ކުރިމަގަށް ޓަކައި އެންމެ ރަނގަޅު ފުރުސަތަކީ ކޯޗަކަށްވެ، މެނޭޖްމެންޓާއި ކޯޗުންގެ ފިލޯސަފީ ދަސް ކުރުން ކަމަށެވެ.

"އަހަންނަށް މުހިންމީ ސްޓީވަން ޖެރާޑް ބޭނުން ވަނީ ކޮންކަމެއްތޯ، އޭނާ އަހަރެން ގާތު ބުނި ތިމަންނަ ބޭނުމީ ކޯޗަކަށް ވާށޭ، އަހަރެން ބުނިން މޮޅު ކޯޗަކަށް ވުމަށް އަހަރެންގެ އެހީ ތެރިކަން ދޭނެ ކަމަށް." އޭނާ ބުންޏެވެ. "ޖެރާޑަށް ހުރި އިތުރު ގިނަ ފުރުސަތުތަކާ ބެހޭގޮތުން އަހަރެމެން މަޝްވަރާ ކުރިން. އޭނާ މިހާރު އެވީ އެކެޑެމީ ކޯޗަކަށް، އެއީ ލިވަޕޫލަށް ލިބުނު ހެވެއް. ކުޅުންތެރިޔެއްގެ ތަޖުރިބާއާއެކު ކޯޗަކަށްވެ، ކޯޗިން އާއި މެނޭޖްމެންޓްގެ އުސޫލުތައް ދަސް ކުރުމުން ކާމިޔާބު ކޯޗަކަށް ވެވިދާނެ."

ކްލޮޕް ބުނީ ޖެރާޑް ކޯޗަކަށް ވުމަކީ ފުޓްބޯޅަށް އުފާވެރި ޚަބަރެއް ކަމަށެވެ.