ރާއްޖެ ކުޅިވަރު

މާޒިޔާ އަތުން މޮޅުވެ ޕެރްސިޕޫރާ ދެވަނަ ބުރާ ގާތަށް

އޭއެފްސީ ކަޕްގެ ގުރޫޕް އީގައި މިއަދު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 2-1 އިން މޮޅުވެ، އިންޑޮނޭޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާ މުބާރާތުގެ ދެވަަަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

މެޗުގެ 35 ވަނަ މިނިޓުގައި ޕެރްސިޕޫރާ އަށް ލީޑު ހޯދައިދިނީ އެ ޓީމުގެ ކެޕްޓަން ބޮއަސް ސޮލޯސާ އެވެ. އަދި 78 ވަނަ މިނިޓުގައި ޕެރްސިޕޫރާ އަށް ލަނޑު ޖަހައިދިނީ އައިވަރީ ކޯސްޓްގެ ފޯވަޑް ލަސީނޭ ކޯނޭ އެވެ. މާޒިޔާ އަށް ދެވަނަ ހާފުގައި ލަނޑު ޖަހައިދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ.

މި މޮޅާއެކު، ޕެރްސިޕޫރާ ތާވަލްގެ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލިބުުނު ނުވަ ޕޮއިންޓާއެކު އެވެ. މާޒިޔާ ތިން ވަނައިގައި އޮތީ ތިން ޕޮއިންޓާއެކު އެވެ.

މެޗުގެ ކުރީކޮޅު ޕެރްސިޕޫރާ އިން މާޒިޔާގެ ޑިފެންސަށް ބާރުބޮޑުކޮށް، ގިނަ ހަމަލާތަކެއް އުފެއްދި އެެވެ. މެޗުގެ ފުރަތަމަ 15 މިނިޓުގެ ތެރޭގައި ޕެރްސިޕޫރާގެ ކެޕްޓަން ބޮއަސް ވަނީ މާޒިޔާގެ ގޯލަށް ހަތަރު ހަމަލާއެއް ފޮނުވާލައިފަ އެވެ.

މާޒިޔާގެ ފުރަތަމަ ހަމަލާ 13 ވަނަ މިނިޓުގައި ފޮނުވާލީ މުހައްމަދު އުމެއިރެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ސްޕެއިން ފޯވަޑް ޕަބްލޯ ބޮލުން ޖައްސާލި ބޯޅަ، އުމެއިރު ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް ޕެރްސިޕޫރާގެ ގޯލްކީޕަރު ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ. އަދި 30 ވަނަ މިނިޓުގައި ޕަބްލޯ ތިރިތިރިން ފޮނުވާލި ޝޮޓެއް ވެސް ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

ޕެރްސިޕޫރާގެ ނެލްސަން އަލޮމް 34 ވަނަ މިނިޓުގައި ފޮނުވާލި ބާރު ޝޮޓެއް މާޒިޔާގެ ގޯލްކީޕަރު އިމްރާން މުހައްމަދު ދިފާއުކުރި ނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން ބޮއަސް ވަނީ މާޒިޔާގެ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ ބޮއަސް ވަނީ ތިރިތިރިން ގޯލަށް އަމާޒުކޮށްލައިފަ އެވެ.

ކައުންޓާ އެޓޭކެއްގައި ލިބުނު ފުރުސަތަކުން 77 ވަނަ މިނިޓުގައި ޕެރްސިޕޫރާގެ ލީޑު ފުޅާކޮށްދިނީ ކޯނޭ އެވެ. ކޯނޭ ތިރިތިރިން ފޮނުވާލި ބާރު ޝޮޓް މާޒިޔާގެ ކީޕަރު އިމްރާނާ ދިމާލަށް އައި ނަމަވެސް، އިމްރާންގެ އަތުގައި ޖެހިފައި އެ ބޯޅަ ވަނީ ގޯލަށް ވަދެފަ އެވެ.

އެކަމަކު އޭގެ އެއް މިނިޓު ފަހުން، މާޒިޔާގެ ކެޕްޓަން އަސަދުﷲ ވަނީ ލަނޑެއް ޖަހައި އެ ޓީމުގެ އުންމީދު އާކޮށްފަ އެވެ. ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި އޭރިޔާ ތެރެއަށް ދިޔަ ވަގުތު، އަސަދުﷲ ވަނީ އެ ބޯޅާ ހޯދައި ގޯލަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ޕެރްސިޕޫރާގެ އިއަން ކަބޭސް އަަށް 80 ވަނަ މިނިޓުގައި ދެއްކި ރަތްކާޑާއެކު މެޗުގެ ފަހު ދިހަ މިނިޓު ދިހަ މީހުންނާއެކު ކުޅޭން ޖެހުނު ނަމަވެސް، ޕެރްސިޕޫރާ ވަނީ ލީޑު ހިފަހައްޓައިފަ އެވެ. މެޗުގެ ފަހު ދިހަ މިނިޓުގައި މާޒިޔާ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ތިން ފުރުސަތެއް ލިބިފަ އެވެ. އެންމެ ފާހަކޮށްލެވެނީ 89 ވަނަ މިނިޓުގައި އަހުމަދު އިމާޒް (އާއްކޮ) އަށް ލިބުނު ފުރުސަތެވެ. ޕަބްލޯ އޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ ޕެރްސިޕޫރާގެ ގޯލްކީޕަރުގެ އަތުގައި ޖެހިފައި އޭރިޔާ ތެރެއަށް ދިޔަ ވަގުތު، އޭރިޔާ ތެރޭގައި ހުސްކޮށް ހުރި އާއްކޮ އަށް ބޯޅަ ގޯލަށް ވައްދާލަން ފުރުސަތު ލިބުނެވެ. އެކަމަކު އާއްކޮ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.