ބޭރު ކުޅިވަރު

ގިނަ އިންޖަރީތަކާއެކު ރެއާލް ގޮވައިގެން ޒިދާން މަރުގެ މެޗަކަށް

Jan 25, 2017

ސްޕެނިޝް ކަޕްގެ ކްއާޓާ ފައިނަލު ދެ ވަނަ ލެގް ގައި، މިރޭ ސެލްޓަވީގޯއާ ދެކޮޅަށް ނުކުންނައިރު ރެއާލް މެޑްރިޑްގެ ގިނަ އަދަދެއްގެ ކުޅުންތެރިންނަށް ވަނީ އިންޖަރީ ވެފަ އެވެ. ވީގޯއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގް މެޗުން، ރެއާލް ބަލިވެފައި ވުމުން، މެޗް އެއްވަރު ވިޔަސް، ރެއާލް މުބާރާތުން ކަޓާނެ އެވެ.

ރެއާލްގެ އަނިޔާގެ ލިސްޓަށް މިޑްފީލްޑާ، ހަމޭސް ރޮޑްރިގޭޒް އިތުރުވުމުން، އަނިޔާގައި ތިބި ރެއާލްގެ ކުޅުންތެރިންގެ އަދަދު ހަތަކަށް އެރީ އެވެ.

މިދިޔަ ސީޒަންގައި ސްޕެނީޝް ކަޕުން ރެއާލް އަށް ފުރުސަތު ގެއްލުނީ، 2015 ވަނަ އަހަރު ސީޒަންގައި ދެ ކާޑު ހަމަ ވެފައި ހުރި ޑެނިސް ޗެރިޝޭވް ބޭނުން ކުރުމުން، އެކަމުގެ އަދަބެއްގެ ގޮތުން، ރެއާލް ކުޅުނު މެޗުން ބަލިވި ކަމަށް ނިންމުމުން، އެޓީމު މުބާރާތުން ކެޓުމުން ނެވެ. އެހްނެވެ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ރެއާލް މުބަރާތުން އަލްވަދާއު ކިޔަ ނުދިނުމަށް ޒިދާން އަށް ވަނީ އިންޖަރީގައި ތިބި ކުޅުންތެރިންނަށް ނުބަލައި، ނަތީޖާ ނެރެވޭނެ ގޮތަކަށް ޕްލޭންތައް ރާވަން ޖެހިފަ އެވެ.

ޑިފެންސްގެ މުހިންމު ތިން ކުޅުންތެރިންނަށް އަނިޔާ ވެފައި ވުމުން، އެންމެ ބޮޑަށް ވިސްނަން ޖެހެނީ ދިފާއީ ވިންގަށެވެ. މިހާރު ދިފާއީ ރޮނގު ބަލަހައްޓަން ތިބި ކުޅުންތެރިންގެ ތެރެއިން، ޒިދާނަށް ފުރިހަމަ އިތުބާރު އޮތް ހަމައެކަނި ކުޅުންތެރިޔަކީ، ކެޕްޓަން ސާޖީއޯ ރާމޯސް އެވެ. ފްރާންސްގެ ޑިފެންޑަރު، ރަފޭލް ވެރޭން އަށް ވެސް ކުޑަ އަނިޔާއެއް އުޅޭތީ ޒިދާން ވަނީ އޭނާ ވެސް ސްކޮޑުން ބާކީ ކޮށްފަ އެވެ.

ރާމޯސް ފިޔަވައި، ދިފާއީ ރޮނގު ބަލަހައްޓަން ދެން ތިބީ ތަޖުރިބާ މަދު ޒުވާން ކުޅުންތެރިންނެވެ. ބައެއް މެޗުތަކަުގައި ނަޗޯ ފެނާންޑޭޒް އަށް ފުރުސަތު ދިން ނަމަވެސް، އޭނާއަކީ ޒިދާންގެ ރަސްމީ ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިޔެއް ނޫނެވެ.

ޑިފެންސްގައި ދެން ހުރީ، މިސީޒަންގައި އިންޖަރީގެ ސަބަބުން ފިޓްނަސް މައްސަލަ ކުރިމަތިވެފައިވާ ފަބިއޯ ކޮއެންޓްރޯއޯ އާއި ޑަނިލޯ އާއި، ރެއާލްގެ ޔޫތު ޓީމު ގެ ކުޅުންތެރި އެއް ކަމަށްވާ އުމުރުން 18 އަހަރުގެ އަޝްރަފް ހަކީމީ އެވެ.

އިންޖަރީގެ މައްސަލަތަކާ އެކުވެސް، ޒިދާން ބުނީ މެޗަށް ނެގި ސްކޮޑާ މެދު އޭނާ ކަންބޮޑު ނުވާ ކަމަށެވެ.

"ފިޒިކަލީ، މިހާރު އޮތް ޓީމުވެސް ރަނގަޅު، މެޗުގެ އެންމެ ފަހު ވަގުތާ ހަމަޔަށް ވެސް އަހަރެމެން ބުރަކޮށް މަސައްކަތް ކުރާނަން، އެހެންވެ އަހަރެންގެ ކަންބޮޑުވުމެއް ނެތް،" މިރޭގެ މެޗަށް ނިކުތުމުގެ ކުރިން މީޑިއާގައި ވާހަކަ ދައްކަމުން ޒިދާން ބުންޏެވެ.

ޒިދާން ބުނީ އިންޖަރީ ތަކާއެކު، ރެއާލްއާ ބެހޭގޮތުން ދައްކާ ވާހަކަތައް އަޑުއިވޭއިރު، މި މެޗަކީ އެ ޓީމުގެ ފަހު މެޗް ކަމަށް ހީވެދާނެ ކަމަށާއި ނަމަވެސް މުބާރާތުގައި އިތުރަށް ކުރިއަށްދާން މިއަށް ވުރެ ރީތި ފުރުސަތެއް ނުލިބޭނެ ކަމަށެވެ.

"ޓީމުގެ ހުރިހާ ކަމެއް ބަރާބަރަށް ދަންޏާ، ހުރިހާ ކަމެއްވެސް ވަރަށް ފަސޭހައިން ހިނގައި ދާނެ، އެހެން ނަމަވެސް މި މެޗަކީ އެއް ގޮތަކުން ހިތްހަމަޖެހޭ މެޗެއް، އެއީ ކުރީ މެޗުން ބަލިވުމުން، އަހަރެމެންނަށް އެނގިއްޖެ މި މެޗް އުނދަގޫ ވާނެކަން، ދެން ކުރިއަށް ދެވޭނީ ބުރަ މަސައްކަތް ކޮށްގެން ކަން، އެހެންވެ މި ބުނަނީ މިއީ ހިތްހަމަ ޖެހޭ މެޗެކޭ،" ޒިދާން ބުންޏެވެ. "އަހަރެމެންނަށް އެނގޭ، އަހަރެމެން ސްކޯ ކަރަން ޖެހޭނެ ކަން 90 މިނެޓްގައި ނުވަތަ އެއަށްވުރެ އިތުރު ވިޔަސް އަހަރެމެން ކުރަން ޖެހޭ ކަމަކީ ލަނޑު ޖެހުން، މީރޭ ގެ މެޗުން، އެންމެ ފަހުން މެޗުގައި ވީކަންތައް ބަދަލު ކޮށްލާނެ،"

މޮޑްރިޗާއި، ހަމޭސް އަށް އަނިޔާ ވެފައި ވުމުން، ރެއާލްގެ މެދުތެރެއަށް ވެސް ވަނީ މައްސަލަ ކުރިމަތި ވެފައެވެ. ނަމަވެސް، ޒިދާނަށް ލިބެން ތިބި ކުޅުންތެރިންނާއެކު، މެދުތެރެއާ މެދު އޭނާ ބޯ ގާނަކަށް ނުޖެހެ އެވެ. މެޗަށް އެކުލަވާލި ސްކޮޑްގެ މިޑްފީލްޑަރުންގެ ގޮތުގައި، ޒިދާން ވަނީ އޭނާ ގެ ދަރިފުޅު އެންޒޯ ޒިދާން އަށް ވެސް ފުރުސަތު ދީފަ އެވެ.

"އަހަންނަށް އެނގޭ އިންޖަރީ ވުމުން ކުޅުންތެރި ތިބީ ވަރަށް ދެރެވެފައި ކަން، އެކަމުން އަހަންނަށް ވެސް އަސަރު ކުރޭ، މިހުރިހާ ކަންކަމާއެކުވެސް އަހަރެން ބޭނުން ނުވޭ އިންޖަރީގައި ތިބި ކުޅުންތެރިން ދެކޭކަށް ނުވަތަ އެ ކުޅުންތެރިންގެ ވާހަކަ ދައްކާކަށް، އެއީ އެމީހުން އިތުރަށް ދެރަ ވާނެ." ޒިދާން ބުންޏެވެ.

ޒިދާން އަށް އެންމެ ބޮޑަށް ބޯ ގާނަން ޖެހޭ އަނެއް ޑިޕާޓްމެންޓަކީ، އެޓޭކިން އެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ހުރި ނަމަވެސް، މިފަހުން އޭނާ އަށް ކުރިމަތިވި ކުދި އަނިޔާ ތަކުން ރޮނާލްޑޯގެ ކުޅުމަށް ވެސް ވަނީ އަސަރު ކޮށްފަ އެވެ.

ނަމަވެސް ޒިދާން ބުނީ ރޮނާލްޑޯ އަށް ކުރިމަތިވީ ކުޑަ ކުޑަ ކަމެއް ކަމަށާއި އެކަމަށް ފަރުވާ ހޯދައި، މިހާރު ރޮނާލްޑޯ ހުރީ ފިޓް ކޮށް ކަމަށެވެ.

"މިރޭގެ މެޗުގައި އަހަރެމެން ކުރަން ޖެހޭ ކަމަކީ، މެޗަށް ފޯކަސް ކުރުން، އަދި އަހަރެމެންގެ ކުޅުން ހަލުވި ކުރުން، މިއީ އަހަރެމެންނަށް ޗެލެންޖެއް."

ސެލްޓަވީގޯގެ ބަލައިޑޮސް ސްޓޭޑިއަމްގައި މިރޭ ރެއާލުން އެޓީމަ ދެކޮޅަށް ކުޅޭ މެޗް ފެށާނީ ރައްޖޭ ގަޑިން ދަންވަރު 1:15 ގައެވެ.