ކުޅިވަރު

ޗެލްސީގެ ތަފާތަކީ ޔޫރަޕްގެ މުބަރާތް ކުޅެން ނުޖެހުން: ބަލަކް

Jan 25, 2017

އަށް ޕޮއިންޓްގެ ލީޑަކާ އެކު، އިނގިރޭސި ޕްރިމިއާ ލީގްގެ ތާވަލުގެ އެއް ވަނައިގައި ޗެލްސީ އޮތުމުން ހައިރާން ނުވާ ކަމަށާއި އެޓީމުގެ ތަފާތަކީ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތް (ޔޫއެފްއާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގް) ގައި ވާދަ ކުރަން ނުޖެހުމުގެ ފައިދާ ކަމަށް ޗެލްސީގެ ކުރީގެ މިޑްފީލްޑާ ޖަރުމަންގެ މައިކަލް ބަލަކް ބުނެފި އެވެ.

ބަލަކް ބުނީ ހައިރާން ވާން ޖެހޭ ކަމަކީ، މިދިޔަ އަަހަރު ދަށް ކޮށް ދިއުން ކަމަށެވެ.

ހޯސޭ މޮރީނިއޯ އާއެކު ޗެލްސީ މިދިޔަ ސީޒަންގައި ފެނުނީ ވަރަށް ދަށް ކޮށެވެ. އޭގެ ކުރީ ސީޒަންގައި ޗެމްޕިއަންކަން ހޯދި ޓީމު މިދިޔަ ސީޒަންގައި ލީގް ނިންމާލީ 10 ވަނައިގައި އޮވެގެންނެވެ. އެހެންވެ މިސީޒަންގައި އެ ޓީމަށް ޔޫރަޕްގެ އެއްވެސް މުބަރާތަކުން ފުރުސަތު ނުލިބެ އެވެ.

މިއަހަރު ޗެލްސީގެ ފަރަތުން ފެންނަމުންދާ ތަފާތާ މެދު ބަލަކް ބުނީ، ޓީމުގެ މިހާރުގެ ކޯޗް އެންޓޯނިއޯ ކޮންޓޭގެ ކޮންޓްރޯލްގެ ދަށަށް މުޅި ޓީމު ގެނެސްފައިވާ ކަމަށެވެ.

"ޓީމު ފެންނަނީ ވަރަށް ފިޓްކޮށް، ޓީމުގެ އާ ކޯޗް ބޭނުންވާ ގޮތަށް މުޅި ޓީމު ވަނީ ބަދަލު ކޮށްލާފަ، އަދި އޭނާ ވަނީ އިނގިރޭސި ފުޓްބޯޅަ އަށް ރަނގަޅަށް ހޭނިފައި، މުޅި ޓީމުން ކުޅެމުން ދަނީ ޓީމުގެ އެންމެ މަތީ ފެންވަރުގައި، ފެންނަނީ މަދު މިސްޓޭކް ތަކެއް، ވަދެފައިވަނީ މަދު ގޯލް ތަކެއް،" ހުޅަނގު ލަންޑަނަށް ނިސްބަތްވާ ޗެލްސީ އަށް 150 މެޗް ކުޅެ ދީފައިވާ ބަލަކު ބުންޏެވެ.

ފުރަތަމަ ކޮޅު ޗެލްސީ ކޮޅަށް ގިނަ ގޯލް ތަކެއް ވަން ނަމަވެސް، 3-4-3 ގެ ފޯމޭޝަނަށް ބަދަލު ކޮށްލުމުން މިހާރު، ޗެލްސީ ކޮޅަށް ވަންނަ ގޯލް މަދެވެ.

"އެއީ ޗެމްޕިއަންކަން ހޯދަން ވާދަ ކުރާ ޓީމުގެ ފަރާތުން ފެންނަން ޖެހޭނެ ސޮލިޑަކީ"

ބަލަކް ބުނީ، ކާމިޔާބާ ހަމަޔަށް ގެންދިއުމުގައި ކޮންޓޭ، އުފެއްދި އަނެއް ކަމަކީ، ޓީމުގެ އޮފިޝަލުންނާ ކުޅުންތެރިންނާ މެދު އުފެއްދި އިތުބާރު ކަމަށެވެ.

"ސަތޭކަ ޕަސަންޓް ޕާފޯމް ކުރަން ބޭނުން ނަމަ، އެންމެ މުހިންމު ކަމަކީ ކުލަބުގައި މަސައްކަތް ކުރަން ތިބި މީހުންނާ މެދު އިތުބާރު ކުރުން، ކޮންޓޭ ކުރި ކަމަކީ އެއީ، އެއީ ޗެލްސީ ލީގްގައި ޑޮމިނޭޓް ކުރަމުންދާ އަނެއް ސަބަބަކީ،" ބަލަކް ބުންޏެވެ.

އޭނަ ބުނީ ޑިއޭގޯ ކޯސްޓާ އަލުން ދަނޑަށް ގެނެސް، އޭނާގެ ފަރާތުން ފެނުނު ޕާފޯމަންސްގެ ސިއްރަކީ، ކޮންޓޭ އޭނާ އާ މެދު އިތުބާރު ކުރުން ކަމަށެވެ.