މިއީ އަމިއްލައަށް ނޭންގުނަސް މީހުން ތިމާއާ ދޭތެރޭ ދެކެގޮތް ބަދަލު ކުރުވާ ކަމެކެވެ. ކިތަންމެ ރީތި ހެދުމެއް ލައިގެން ރީތިވެގެންދާއިރު ބޮލުގައި ހުރި ހަންތައް ކޮނޑުމަތީގައި ހުދު ލައްތަކެއް ގޮތަށް ފެންނަން ހުރުމަކީ އެހެން މީހުން މީހާއާ ދޭތެރޭ ދެކޭގޮތް ބަދަލު ކުރުވާ ކަހަލަ ކަންކަމެވެ. އަދި މިއީ ބޮލުން އިސްތަށިފޭބުމަށް ވެސް މެދުވެރިކުރުވާ ކަމެކެވެ. އަދި ބިހިނަގާ އިތުރު ސްޓްރެސް އަކަށް މީހާ ވައްޓާލާ އެއް ކަންތަކެވެ.
ނަމަވެސް ބައެއް ފަހަރަށް އަހަރެމެން ތެރެއިން ގިނަ މީހުންނަށް ވާގޮތަކީ ބޮލުން ހަންފޮޅޭ މައްސަލަ އެއްފަރާތްކޮށްލާފައި މޫނުން ބިހިފިލުވަން ނުވަތަ އިސްތަށި ފޭބުމުގެ މައްސަލަ އަށް ހައްލެއް ހޯދަން މަސައްކަތް ކުރެވެނީ އެވެ. ނަމަވެސް ބޮލުން ހަންފޮޅޭނަމަ އިސްތަށިފޭބުމުގެ މައްސަލައަށް ހައްލެއް ނުލިބޭނެ އެވެ. އަދި ހަންފޮޅުމާއި ގުޅިގެން ނަގާ ބިއްސަށް ވެސް ހައްލެއް ނުލިބޭނެ އެވެ. އެހެން ކަމުން އެންމެ ފުރަތަމަ ފަރުވާ ކުރަންޖެހޭނީ ބޮލުން ހަންފޮޅުވުމަށް ހައްލެއް ހޯދުމަށެވެ.
މިހާރު ސެލޫނަށް ނުގޮސް އަދި ޖީބަށް ލުއިކޮށް، ގެއިން ލިބޭ އެއްޗެހިން ވެސް މިކަމަށް ހައްލެއް ހޯދިދާނެ އެވެ. ބޭނުންވާނީ މީހާ ކުޑަހިތްވަރެއް ކޮށްލުމަށްފަހު އެމީހަކާ ގުޅޭ މާސްކެއް ހަފްތާއަކު އެކެއް ނުވަތަ ދެ ފަހަރު ޓްރައި ކޮށްލުމެވެ.
އެހެންކަމުން ބޮލުން ހަންފޮޅުމުން ސަލަމާތް ވުމަށް މިއޮތީ ގޭގައި ތައްޔާރު ކުރެވިދާނެ ބައެއް މާސްކު ތަކެވެ.
ޔޯގަޓް
ޔޯގަޓް ގައި ހިމެނޭ އެންޓި ފަންގަލްގެ ސަބަބުން ބޮލުން ހަންފޮޅެން ދިމާވާ، ބޮލުގެ އެތެރޭގައި މަރުވެފައި ހުންނަ ހަންތައްސާފުކޮށްދެ އެވެ. އެގޮތުން އެއްޖޯޑު ޔޯގަޓްގެ ތެރެއަށް ކުޑަ އަސޭމިރުސް އަޅާލުމަށްފަހު ރަނގަޅަށް މިކްސް ކޮށްލައި، ބޮލުގައި އުނގުޅާލާށެވެ. އަދި 30 މިނެޓް ފަހުން ރީތި ފެންފޮދަކުން ދޮވެލާށެވެ.
އޯބަތް
އޯބަތް ރޭގަނޑު ފެނަށް އަޅާފައި ބަހައްޓާށެވެ. އަދި ހެނދުނުވުމުން ރަނގަޅަށް ހިމުން ކޮށްލުމަށްފަހު، ބޮލުގެ އެތެރޭ އުނގުޅާލުމަށްފަހު 45 މިނެޓް ވަންދެން ބަހައްޓާށެވެ. އަދި އާންމުކޮށް ބޭނުންކުރާ ޝޭމްޕޫއިން ރަނގަޅަށް ބޯ ދޮވެލާށެވެ.
އެލޯވެރާ
މިއީ ބޮލަށް ދިމާވާ ކޮންމެ މައްސަލަ އަކަށް ވެސް ހައްލު ހޯދައިދޭނެ އެއްޗެކެވެ. ހަންފޮޅުމުގެ އިތުރުން ބޮލުން އިސްތަށިފައިބާނަމަވެސް މިއީ އުނގުޅަން ރަނގަޅު އެއްޗެކެވެ. އިތުރު އެއްވެސް އެއްޗެއް މިކްސް ނުކޮށް ހަމައެކަނި އެލޯވެރާޖެލް ބޮލުގައި އުނގުޅުމުން ވެސް ބޮލަށް އެތަށް ފައިދާތަކެއް ކުރެއެވެ. އެގޮތުން ބޮލުގައި ރަނގަޅަށް އެލޯވެރާގެ ޖެލް އުނގުޅުމަށްފަހު ހިކެން ދެން ބަހައްޓާށެވެ. އެލޯވެރާގެ ހިމެނޭ އެންޓި ފަންގަލްގެ ސަބަބުން ބޮލުގެ އެތެރޭގައި ޖަހާ ފަންގަސް ނައްތާލުމަށް އެހީވެދީ ބޯ ސާފުކޮށްދެ އެވެ.
ގްރެމް ފްލާ
އެއްޖޯޑް ކާޑް ގެ ތެރެއަށް ދެ ސަމްސާ ގްރެމް ފްލާ އެއްކުރުމަށްފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. އަދި މި ޕޭސްޓް 20 މިނެޓް ވަންދެން ބޮލުގައި އުނގުޅާފައި ބަހައްޓާށެވެ.
ލުނބޯ
މިއީ ގޭގެ ބަދިގެއިން އެންމެ ފަސޭހައިން އަތުޖެހޭނެ އެކައްޗެވެ. ކުޑަ ތައްޓެއްގެ ތެރެއަށް ލުނބޯ ދިޔަ ރަނގަޅަށް ފެލާލުމަށްފަހު، އޭގެތެރެއަށް އެއް ސަމްސާ ނުވަތަ ދެ ސަމްސާ މާމުއި އެއްކުރާށެވެ. ސަބަބަކީ ހުސް ލުނބޯ ބޮލުގައި އުނގުޅައިފިނަމަ އިސްތަށިގަނޑު ފަސޭހައިން ކިހުޅިވާނެ އެވެ. އަދި މާމުއި އެއްކުރުމުން އިސްތަށިގަނޑު މޮއިސްޗަރައިޒް ކޮށް މަޑުކޮށްދޭނެ އެވެ.
ތެޔޮ
ބޮލުގެ އެތެރެ ހިކި ހަންފޮޅޭނަމަ ކާށިތެޔޮ ނުވަތަ، ޒައިތޫނި ތެޔޮ ފޮދެއް ހޫނުކޮށްލުމަށްފަހު އެ ތެލުން ރަނގަޅަށް ބޯ މަސާޖުކޮށްލާށެވެ. މިއީ ބޮލުން އިސްތަށިފޭބުމުން ވެސް ސަލާމަތްކޮށްދޭ ކަމެކެވެ. އަދި އިސްތަށިގަނޑު މަޑުކޮށް މޮއިސްޗަރައިޒް ކޮށްދޭނެ އެވެ. މިހެން ހަފްތާއަކު އެއްފަހަރު މަސާޖު ކުރާނަމަ އިސްތަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދީ ވަރުގަދަ ކޮށްދޭނެ އެވެ.