ރާއްޖޭގައި ސައިކަލް ޓެކްސީގެ ހިދުމަތް ފުރަތަމަ ފަހަރަށް އިފްތިތާހުކޮށްފި އެވެ. މިއަދު ހިދުމަތް ފަށާފައިވަނީ ސްކޫޓެކްސީ އެވެ. އެ ކުންފުނިން ހިދުމަތް ފެށީ 15 ފިރިހެން ޑްރައިވަރުންނާއި ފަސް އަންހެން ޑްރައިވަރުންނާއެކު އެވެ. މި ހިދުމަތް އިފްތިތާހުކޮށް ދެއްވީ އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ސައިކަލު ޓެކްސީ ހިދުމަތް އިފްތިތާހު ކުރުމަށް މިއަދު ކާނިވާ ސަރަހައްދުގައި ބޭއްވި ހަފްލާގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒް ވިދާޅުވީ، ސައިކަލް ޓެކްސީގެ ހިދުމަތް ރާއްޖެއަށް ބޭނުންވެފައި އޮތްކަން އެނގޭ އެއް ސަބަބަކީ، ދަތުރުކުރުމަށް މިހާރު އޮންނަ ވަސީލަތްތަކުން ވެސް ޑިމާންޑާ އެއް ވަރަށް ހިދުމަތް ނުދެވޭ ކަމަށާއި އެގޮތުން ދަތުރު ކުރާނެ ލުއި ފަސޭހަ، އަގު ހެޔޮ ގޮތެއް ރައްޔިތުން ތިބީ ބޭނުންވެފައި ކަމަށެވެ. އޭގެ އިތުރުން ޒުވާނުންނަށް ރަނގަޅު އާމްދަނީ ލިބޭ ވަޒީފާގެ ފުރުސަތުތައް ވެސް މި ހިދުމަތުގެ ސަބަބުން ތަނަވަސް ވާނެ ކަމަށް ނާފިޒު ވިދާޅުވި އެވެ.
"މިފަދަ އާ ހިދުމަތެއް ފަށާއިރު ހަމަޖައްސަން ޖެހޭ ގިނަ ކަންތައްތަކެއް ހުރޭ، އެކަންތައްތައް ހަމަޖައްސާ ރައްޔިތުންނަށް އެންމެ ފަސޭހަ ގޮތަކަށް ހިދުމަތް ފޯރުކޮށްދެވޭނެ ގޮތަކަށް އިންތިޒާމް ކުރުމަށްޓަކައި އިތުރު ވަގުތުތަކެއް އަޅުގަނޑުމެން ނަގަން ޖެހުނީ، އަދި ސަލާމަތީ ފިޔަވަޅުތައް އެޅުމަށްޓަކައި ޓްރެފިކް ފުލުހުންނާއި އެކު ގިނަ މަޝްވަރާތަކެއް ވެސް ކުރިން، އަދި އެތަށް އިންތިޒާރަކަށް ފަހު ގިނަ ރައްޔިތުންތަކެއް ބޭނުންވެފައި އޮތް މި ހިދުމަތް މި ފެށުނީ،" ނާފިޒް ވިދާޅުވި އެވެ.
ސައިކަލު ޓެކްސީގެ ހިދުމަތް އިފްތިތާހުކޮށްދެއްވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދަޅުވީ މާލެ ފަދަ ކާރުބާރު ބޮޑު ސިޓީއެއްގައި ސައިކަލު ޓެކްސީ ހިދުމަތް ފެށިގެން ދިޔުމަކީ ގިނަ ބަޔަކަށް ފަސޭހަތަކެއް ވެގެންދާނެ ކަމެއް ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް ސައިކަލު ޓެކްސީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސްކޫޓެކްސީ ޔޫރަޕުގެ ބައެއް ގައުމުތަކުގައި ވެސް ސައިކަލު ޓެކްސީގެ ހިދުމަތް ދޭ ކުންފުންޏެކެވެ. އެ ކުންފުނިން ރާއްޖޭގައި ހިދުމަތް ދެނީ ޓްރާންސާޓޯ މޯލްޑިވްސްގެ އެފިލިއޭޓް ޕާޓްނަރެއްގެ ގޮތުގައެވެ. އެގޮތުން މި ހިދުމަތް މިއަދު ފަށާފައި ވަނީ 15 ފިރިހެން ޑްރައިވަރުންނާއި ފަސް އަންހެން ޑްރައިވަރުންނާއެކު ގައެވެ.