ކުޅިވަރު

ރެފްރީގެ ނިންމުން ގޯސްވުމުން، ބާސާ އަށް ފުރުސަތު ގެއްލިއްޖެ

Jan 29, 2017

ބާސެލޯނާއިން ޖެހި ލަނޑު ގޯލެއް ނޫން ކަމަށް ރެފްރީ ނިންމުމުން، ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗް 1-1 އެއްވަރުވެ ތާވަލުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ބާސާ އަށް ގެއްލިއްޖެ އެވެ.

ބެޓިސްގެ ދަނޑުގައި ކުޅުނު މެޗްގެ 75 ވަނަ މިނެޓްގައި ބެޓިސް އަށް ލީޑް ނަގައި ދިނީ އެލެކްސް އެލެގްރިއާ ކާމިޔާބު ކުރި ލަނޑުން ނެވެ.

ނަމަވެސް އޭގެ ފަސް މިނެޓް ފަހުން މެޗްގެ 80 ވަނަ މިނެޓްގައި ބާސާއިން އުފެއްދި ހަމަލާ އެއް ވަނީ ބެޓިސްގެ ގޯލް ތެރެއަށް ވަދެފަ އެވެ. ބާސާގެ އެ ހަމަލާ، ބެޓިސްގެ ޑިފެންޑަރު އައިސަ މަންޑީ ދިފާއު ކުރި ގޯލްގެ ތެރެއިން ނެވެ.

ނަމަވެސް މެޗްގެ ރެފްރީ، ވަނީ އެލްހެންޑްރޯ ހެނާޑޭޒް ނިންމީ އެއީ ލަނޑެއް ނޫން ކަމަށެވެ.

ރިޕްލައި ފެންނަ ގޮތުގައި މަންޑީ އެ ބޯޅަ ގޯލް ދިފާއު ކުރީ ލައިންއާ ފުޓެއް ހައިތަން އެތެރެއިން ނެވެ.

ބާސާ އަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު، މެޗްގެ 90 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ލިއޮނަލް މެސީ ތަނަވަސް ކޮށްދިން ފުރުސަތަކުން، ލުއިސް ސުއަރޭޒް އެވެ.

މެޗަށް ފަހު، ބާސާގެ ކޯޗް ލުއިސް އެންރީކޭ ވަނީ ރެފްރީގެ ނިންމުން ތަކަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.

"އަހަރެން ބުނާނެ އިތުރު އެއްޗެއް ނެތް، އަހަރެން ރިޕްލައި ބެލިން، ޓެކްނޮލީޖީ އެހިތެރިވެ ދޭނެ، އަހަރެން މި ބުނަނީ ސްޕެއިންގެ ރެފްރީން ބޭނުންވޭ އެހީތެރިކަން،" އެންރީކޭ ބުންޏެވެ.

މެޗް އެއްވަރުވުމުން ލިބުނު ޕޮންޓާއެކު، ބާސާ އަށް ވަނީ ވަގުތީ ގޮތުން ތާވަލުގެ ދެ ވަނަ ލިބިފަ އެވެ. ކުރިން ދެ ވަނައިގައި އޮތް ސެވިއްޔާ އާއި ބާސާ އަށްވެސް މިހާރު ލިބިފައި ވަނީ 42 ޕޮއިންޓެވެ. ނަމަވެސް، ބާސާ އަށް ތާވަލުގެ ކުރި ލިބެނީ ސެވިޔާއާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު މޮޅުވެފައި ވުމުން ނެވެ.

މިރޭ ކުޅޭ މެޗުން މޮޅުވެ ސެވިއްޔާ އަށް ބާސާ އަށް ވުރެ ދެ ޕޮއިންޓް ކުރިއަށް ޖެހި ލައި، އަލުން ދެ ވަނަ މާގަމަށް އާދެވޭނެ އެވެ.

އަދި އެއް ވަނއިގައި އޮތް ރެއާލް މެޑްރިޑް މިރޭ ކުޅޭ މެޗުން މޮޅުވެ، ބާސާ އާ ހަތަރު ޕޮއިންޓް ފެއަށް ޖެހި ލެވޭނެ އެވެ.