ސްޕެނިޝް ލީގްގައި ރޭ ރެއާލް ސޮސިއެދާދުގެ މައްޗަށް 3-0 އިން ކާމިޔާބު ހޯދައި، ރެއާލް މެޑްރިޑް ތާވަލުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
އެހެން ޓީމުތަކަށްވުރެ އެއް މެޗުން މަދުން ކުޅެފައިވާ ރެއާލް އަށް ތާވަލުގެ ކުރީގައި ލީޑް ފުޅާ ކުރެވުނީ، ތިން ވަނައިގައި އޮތް ސެވިއްޔާ ރޭ، އެސްޕަނިއޯލް އާ ދެކޮޅަށް ކުޅުނު މެޗުން 3-1 ބަލިވެ، ބާސެލޯނާ، ރެއާލް ބެޓިސް އަތުން އެއް ވަރުވުމުން ނެވެ.
އަދިވެސް ރެއާލްގެ މުހިންމު ކުޅުންތެރިން އަނިޔާ ގައި ތިބި އިރު، އެ ޖާގަތައް ފިލް ކުރަން ނެރުނު ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން އަނިޔާގައި ކޮރޭޝިއާގެ މިޑްފީލްޑާ ލުކާ މޮޑްރިޗްގެ މަގާމު ފޫބައްދަން ފުރުސަތު ދިން، ޒުވާން މިޑްފީލްޑާ މަޓާއޯ ކޮވަސިޗް ވަނީ މޮޅު ކުޅުމެއް ދައްކައި ލަނޑު ޖެހި އިރު އިތުރު ލަނޑެއް ޖެހުމަށް ވެސް ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.
ރެއާލް އަށް މެޗްގެ 36 ވަނަ މިނެޓްގައި، ކޮވަސިޗް ލީޑް ނަގައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ ދިން ފުރުސަތަކުން ނެވެ. ރެއާލްގެ ދެ ވަނަ ލަނޑު 51 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކޮވަސިޗް ތަނަވަސް ކޮށްދިން ފުރުސަތަކުން ނެވެ.
ރޭގެ މެޗުގައި ވެސް، ކަރީމް ބެންޒެމާ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭކަން ފާހަގަ ކުރެވެ އެވެ. ރެއާލްގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ބެންޒެމާގެ ބަދަލުގައި ކުޅެން ނެރުނު އަލްވާރޯ މޮރާޓާ އެވެ.
ރޭގެ މެޗްގެ 74 ވަނަ މިނެޓްގައި، ސޮސިއެދާދުގެ ޑިފެންޑަރު އިނީގޯ މަޓިނޭޒް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު، ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލަފަ އެވެ.
މިދިޔަ ހަފުތާގައި، ސްޕެނިޝް ކަޕުން ކެޓުމުގެ ހިތް ދަތި ތަޖުރިބާއާ އެކު، މެޗަށް ނިކުތް، ރެއާލު ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.
"އަނދަގޫ ދެތިން ދުވަހަށް ފަހު އަހަރެމެންނަށް ލިބުނު ވަރަށް މުހިންމު މޮޅެއް މީ، އަދި އުނދަގޫ ޓީމަކާ ދެކޮޅަށް އަހަރެމެން ރަނގަޅު ކުޅުމެއް ވަނި ދައްކާފަ، ސޮސިއެދާދު ކޮޅަށް ތިން ލަނޑު ޖެހުމަކީ ފަސޭހަ ކަމެއް ނޫން." މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުންޏެވެ.
ރެއާލް އަށް ދެން އޮތީ ސްޕެނިޝް ކަޕުން އެޓީމު ކަޓުވާލި ސެލްޓަވީގޯ އާ ދެކޮޅަށް ކުޅޭ މެޗެވެ. މުހިންމު ގިނަ ކުޅުންތެރިންނަށް އަނިޔާ ވެފައިވާއިރު، ޒިދާންގެ ސްކޮޑަށް އެ މެޗުގައި ކުރިމަތިވާނެ އަނެއް މައްސަލަ އަކީ، ރޭ ގެ މެޗުގައި ދެއްކި ރީނދޫ ކާޑާއެކު، ދެ ކާޑު ހަމަވުމުން، އިތުބާރު މިޑްފީލްޑާ ޓޯނީ ކްރޫޒް އަށް ނުކުޅެވު މެވެ.