އައިޖީއެމްއެޗް

ކަލައިދޫގައި އެކްސިޑެންޓެއްވެ އަނިޔާވި ކުއްޖެއްގެ ސިކުނޑި މަރުވެއްޖެ

ލ. ކަލައިދޫގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބޮލަށް އަނިޔާވި ކުޑަ ކުއްޖަކުގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗްގައި ފަރުވާ ދެމުން އެބަ ދެއެވެ. ސަރުކާރުގެ މައި ހޮސްޕިޓަލުން އައިޖީއެމްޗް އިން ބުނީ އުމުރުން 14 ގެ އެ ކުއްޖާގެ ބޮލަށް ލިބިފައިވާ ސީރިއަސް އަނިޔާތަކުގެ ސަބަބުން އޭނާގެ ސިކުނޑި މަރުވެފައިވާ ކަމަށާއި ޑޮކްޓަރުން ވެސް އުންމީދު ކަނޑާލާފައިވާ ކަމަށެވެ. -- ނުރައްކާތެރި މި އެކްސިޑެންޓް ހިނގާފައި ވަނީ އިއްޔެރޭގެ މެންދަމު 3:00 ޖެހި އިރު ކަލައިދޫގަ އެވެ.

ކަލައިދޫ ކައުންސިލު މެންބަރު ހުސެއިން ހަލީލް ވިދާޅުވީ އެ ރަށުގެ 14 އަހަރުގެ ދެ ފިރިހެން ކުއްޖަކާއި 13 އަހަރުގެ ފިރިހެން ކުއްޖަކު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މެންދަމު ތިން ސައިކަލެއްގައި ދުއްވަން ނުކުމެ އުޅުމުގެ ތެރޭގައި 14 އަހަރުގެ ދެ ކުދިން ދުއްވި ދެ ސައިކަލު ޖެހި އެ ދެކުދިންނަށް ވެސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން އެއްކުއްޖެއްގެ ބޮލަށް އަނިޔާވެ ހާލު ސީރިއަސްވުމުން ރޭގެ ވަގުތެއްގައި މާލެ ފޮނުވާލާފައިވާ ކަމަށެވެ.

ހާލު ސީރިއަސްވެފައިވާ ކުއްޖާގެ މައުލޫމާތާއި ވަނަވަރު އަދި ސާފެއް ނުވެއެވެ.

"އެއީ އެއް ސްކޫލުގައި ކިޔަވާ ތިން ކުދިން. އެކުދިން ދަންވަރަށް ސައިކަލު ދުއްވަން ނިކުމެ އުޅެނިކޮށް ދެ ކުއްޖެއްގެ ސައިކަލު ޖެހި އެކްސިޑެންޓުވީ. 14 އަހަރުގެ ދެކުދިންނަށް ވެސް ސިއްހީ މަރުކަޒުން ފަރުވާދިން. ނަމަވެސް އެއް ކުއްޖެއްގެ ހާލު ސީރިއަސްކަމުން މާލެ ފޮނުވާލީ،" ހަލީލް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓުގެ ޑިރެކްޓަރު އަހްމަދު މައުސޫމް ވިދާޅުވީ އެކްސިޑެންޓުވީ ކުއްޖާގެ ސިކުނޑި އެއްވެސް ވަރަކަށް މަސައްކަތް ނުކުރާ ކަމަށާއި ވެންޓިލޭޓަރުގައި އޭނާގެ ނޭވާލައްވަމުންދާއިރު ޑޮކްރުންވެސް އުންމީދު ކަނޑާލާފައިވާ ކަމަށާއި އެކަން އާއިލާއަށް ވެސް އަންގާފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ދެން އަނިޔާވި ކުއްޖާގެ ހާލު ރަނގަޅެވެ.