އެކްސިޑެންޓް

ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ ވެންޓިލޭޓަރުގައި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.

މިއެކްސިޑެންޓް މިދިޔަ ބުރާސްފަތި ދުވަހު ހިނގީ އެމްޓީސީސީ ބަހަކާއި ސައިކަލަކާއި ޖެހިގެންނެވެ.

އެކްސިޑެންޓް ހިނގީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުންދާ "އަމަން އުދަރެސް" ފްލެޓް އިމާރާތް ކައިރީގަ އެވެ.

އެކްސިޑެންޓްގައި އަނިޔާވި 20 އަހަރު ފިރިހެން މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނި ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް ހޮސްޕިޓަލުން ހިއްސާކޮށްފައެއް ނުވެ އެވެ.

އެކްސިޑެންޓްގައި ސައިކަަލާއި ބަހަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު ބަހުގެ ބިއްލޫރިގަނޑެއްވެސް ތަޅައިގެން ގޮސްފައިވެ އެވެ.