ހުޅުލެ އާއި ހުޅުމާލެ ގުޅޭ ހައިވޭގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ ވެންޓިލޭޓަރުން ނަގައިފި އެވެ.
މި އެކްސިޑެންޓް ހިނގީ ހުޅުމާލެއިން މާލެއަށް ދަތުރުކޮށްފައި އައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
މި އެކްސިޑެންޓާ ގުޅިގެން އައިޖީއެމްއެޗްގައި ފަރުވާ ދެނީ އުމުރުން 40 އަހަރުން މަތީގެ ފިރިހެނަކަށެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ އަނިޔާވި މީހާ މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ. އަދި އޭނާ މިހާރު އޮތީ އައިސީޔޫގައި ކަމަށް މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވި އެވެ.
އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. މައްސަލަ ގެންދަނީ ތަހުގީގުކުރަމުންނެވެ.
މި އެކްސިޑެންޓާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް އެނގިފައެއް ނުވެ އެވެ.